ޚަބަރު

ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭނީ އެގޮތަށް: މެންކް

ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭނީ އެގޮތަށްކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ދަރުސްގައި އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް އަލިޅުއްވާލައްވަމުން މުފްތީ މެންކް ވިދާޅުވީ ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައި ވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މިގޮތަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުން މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭ ކަމަށް ވިދާޅުވި އެވެ.

ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވަމުން މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ނަމާދަކީ ދުނިޔެ އާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށާއި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާ ކަމަށެވެ.

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮ ގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެއާއި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްތުކުރާ މީހާ ކަމަށްވެސް މުފްތީ މެންކް ވިދާޅުވި އެވެ.

މީގެއިތުރުުން އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ. އަދި އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close