ބޭރުދުނިޔެ

ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު!

ނޭޕާލްގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ، ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. މިއީ އެގައުމުގެ ބޮޑުވަޒީރު ކަމަށް އަންހެނަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

މި ހަފްތާގައި ނޭޕާލްގައި ހިނގި މަރުގެ މުޒާހަރާތަކާއި، ޖަލުތަކުން ގިނަ އަދަދެއްގެ ގައިދީން ފިލުމާ ގުޅިގެން، ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ފުލުހުންގެ ތަރުޖަމާނު ބިނޯދު ގިމިރޭ ވިދާޅުވި ގޮތުގައި، މި ހަފްތާގެ ހަމަނުޖެހުންތަކުގައި މަދުވެގެން 51 މީހުން މަރުވެ، 1,300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެތެރެއިން 21 މީހުންނާއި، 9 ގައިދީންނާއި، 3 ފުލުހުން އަދި އާއްމުންގެ އިތުރު 18 މީހުން ހިމެނެއެވެ.

ގިމިރޭ އިތުރަށް ވިދާޅުވީ، އެކި ޖަލުތަކުން 13,500 އެއްހާ ގައިދީން ފިލާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އަލުން ހައްޔަރުކުރެވިފައިވީ ނަމަވެސް، 12,533 ގައިދީން އަދިވެސް ފިލައިގެން އުޅޭ ކަމަށެވެ. ފިލި މީހުންގެ ތެރެއިން ބައެއް މީހުން އިންޑިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އިންޑިއާގެ ބޯޑަރު ފައުޖުން ވަނީ ހައްޔަރުކޮށްފައެވެ.

ސުޝިލާ ކާކީ އަކީ ނޭޕާލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާ އަންހެން ބޭފުޅާ އެވެ. އުމުރުފުޅުން 73 އަހަރުގެ ކާކީއަކީ، ނޭޕާލްގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ ވެސް މެއެވެ.

އަލްޖަޒީރާގެ ރޮބް މެކްބްރައިޑް ކަތަމަންޑޫއިން ރިޕޯޓްކުރި ގޮތުގައި، ކާކީ އަކީ ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދައަށް އަޑު އުފުއްލަވާ ބޭފުޅެއް ކަމުން، ޒުވާން ޖީލުގެ މީހުންގެ ތެރޭގައި އެ ބޭފުޅާއަށް ތާއީދު ބޮޑެވެ.

މެކްބްރައިޑް ފާހަގަކުރި ގޮތުގައި، ކާކީ އަކީ މިހާރު ޕާލަމެންޓް މެންބަރަކަށް ނުވާތީ، ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި އެ ބޭފުޅާއަށް މަސައްކަތް ކުރެވޭނެ ގޮތަކާ މެދު ސުވާލުތަކެއް ހުއްޓެވެ. ނަމަވެސް، ޒުވާން ޖީލުގެ ލީޑަރަކު ވިދާޅުވި ގޮތުގައި، ޕާލިމެންޓް އުވާލައި، ކާކީގެ އައްޔަންކުރުމަށް މަގުފަހިވާނެ ގޮތަށް އެއްބަސްވުމަކަށް އާދެވިފައިވެއެވެ. މެކްބްރައިޑް އިތުރަށް ވިދާޅުވީ، “ނޭޕާލް އޮތީ ސިޔާސީ ގޮތުން ވަރަށް ފައްތަރެއްގެ ތެރޭގައި” ކަމަށެވެ.

ނޭޕާލްގެ ރަސްކަން، 2008 ވަނަ އަހަރު އުވާލި ފަހުން ސިޔާސީ އަދި އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު އެހެން ގައުމުތަކަށް ގޮސް ވަޒީފާ ހޯދައި، ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އެބަދެއެވެ.

ހުކުރު ދުވަހު ކަތަމަންޑޫގައި ފިހާރަތައް އަލުން ހުޅުވަން ފެށިއިރު، މަގުތަކުގައި އަނެއްކާ ވެސް ކާރުތައް ގިނަވެ، ހަފްތާގެ ކުރީކޮޅު ފުލުހުން ހިފައިގެން ތިބި ބަޑިތަކުގެ ބަދަލުގައި މިހާރު ހިފައިގެންތިބީ ބެޓަންތަކެވެ. މިއީ އާންމު ހާލަތު އަނބުރާ އަންނަމުންދާ ކަމުގެ ނިޝާންތަކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close