ބޭރުދުނިޔެ

ޔޫކޭގައި ވަގަށްނެގި 2.8 މިލިއަން ޕައުންޑްގެ ރަން ފާޚާނާތަށި އަދިވެސް ނުފެނޭ

އިނގިރޭސިވިލާތުގެ ވޫޑްސްޓޮކްގައި ހުންނަ ބްލެންހައިމް ޕެލަސްއިން މީގެ ފަސް އަހަރު ކުރިން ވަގަށްނެގި ރަނުގެ ފާޚާނާތަށި އަދިވެސް ނުފެންނަކަން ހާމަވެއްޖެއެވެ.

“އެމެރިކާ” މި ނަމުން މަޝްހޫރުވެފައިވާ 18 ކެރެޓްގެ ރަނުން އުފައްދާފައިވާ މި ފާޚާނާއަކީ އިޓާލީގެ އާޓިސްޓް މަރިޒިއޯ ކެޓެލާންގެ އާޓް ޝޯއެއްގައި ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ އުފެއްދުމެކެވެ.

މިފާޚާނާ ތަށި ބަހައްޓާފައިވާ ޔޫކޭގެ ގަނޑުވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާނުގައި ޕްރައިމް މިނިސްޓަރ ވިންސްޓަން ޗަރޗިލް އުފަންވި އަދި މާލްބަރޯ ޑިއުކުންގެ ގެކޮޅެވެ.

މި ފާޚާނާ ތަށި ވަގަށް ނެގި މައްސަލަ ކޯޓަށް ހުށަހެޅި ޝަރީޢަތް ފެށިފައިވާއިރު، މިވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ވެފައިވާ 39 އަހަރުގެ މައިކަލް ޖޯންސް، ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ ރޭ ހިންގުނު މި ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އަނެއް ފަރާތްކަމުގައިވާ ފްރެޑެރިކް ސައިންސް އަދި ބޯރާ ގުޖުކް ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެކަމަކު މިކަމުގައި ބައިވެރިވި ހަތަރުވަނަ މީހާކަމުގައިވާ ޖޭމްސް ޝީން ވަނީ މިވައްކަމުގެ ކުށަށް އިޢުތިރާފުވެފައެވެ.

އިނގިރޭސިވިލާތުގެ ދެކުނުގައި ހުންނަ އޮކްސްފޯޑް ކްރައުން ކޯޓަށް ދަޢުވާކުރާ ފަރާތުން ބުނި ގޮތުގައި، މި ވައްކަން ހިންގާފައިވަނީ އެންމެ ފަސް މިނެޓުގެ ތެރޭގައި ކަމަށާއި އެތަން ހަލާކޮށްލަން ބޭނުންކުރި އާލަތްތައް ފެނިފައިވާ ކަމަށެވެ.

މި ފާޚާނާ ތަށީގެ އަގު އޭރު ވެސް 2.8 މިލިއަން ޕައުންޑް (3.5 މިލިއަން ޑޮލަރު) އަގުހުރި އިރު 6 މިލިއަން ޑޮލަރަށް އިންޝުއަރެންސް ކުރެވިފައިވެއެވެ.

މި އާޓްވާރކް މިހާތަނަށް ފެނިފައެއް ނުވާއިރު، އެ ތަށި ކުދިކުދި ރަންގަނޑުތަކަކަށް ބައިކޮށް ކުދިކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށް ދައުވާ ހުށަހެޅި ފަރާތުން ކޯޓްގައި ބުނެފައިވެއެވެ.

ބްލެންހައިމް ޕެލެސް އަކީ އިނގިރޭސިވިލާތުގެ ވުޑްސްޓޮކް ސިޓީގައި ހުންނަ ބޮޑު ގަނޑުވަރެކެވެ. މިއީ 18 ވަނަ ގަރުނުގައި މާލްބަރޯގެ ފުރަތަމަ ޑިއުކް، ޖޯން ޗަރޗިލްއަށް ޓަކައި ބިނާކުރެވުނު ގަނޑުވަރެކެވެ. މި ގަނޑުވަރަކީ ބްލެންހައިމްގެ ހަނގުރާމައިގައި ލިބުނު ކާމިޔާބީގެ ހަނދާނެއްގެ ގޮތުގައި ސަރުކާރުން ދެއްވި ހަދިޔާއެކެވެ.

މިހާރު ބްލެންހައިމް ޕެލެސްއަކީ ފަތުރުވެރިންނަށް ހުޅުވާލެވިފައިވާ ތަނެކެވެ. 2,000 އެކަރަށްވުރެ ބޮޑު ބަގީޗާއަކާއި އެކު، މިއީ އިނގިރޭސިވިލާތުގައި ހުރި އެންމެ ބޮޑެތި އަދި އެންމެ މަޝްހޫރު ތަންތަނުގެ ތެރެއިން ތަނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close