ހައިޖެކް ކޮށްފައިވާ އެމެރިކާގެ ބޯޓް ސްޕަމާކެޓަކަށް ވައްޓާލާނެ ކަމުގެ އިންޒާރުދީފި
އެމެރިކާގެ ދެކުނު ސަރަޙައްދުގައި އޮންނަ ކުޑައަވަށަކުން ހައިޖެކް ކޮށްފައިވާ މަތިންދާ ބޯޓް ސްޕަމާކެޓަކަށް ވައްޓާލާނެ ކަމުގެ އިންޒާރުދީފި އެވެ.
އެމެރިކާގެ ފުލުހުންނާއި ހަވާލަދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހައިޖެކް ކޮށްފައިވާ ފްލައިޓަކީ އެގައުމުގެ ސައުތް އީސްޓް އޭވިއޭޝަން އަށް ނިސްބަތްވާ ބީޗްކްރާފްޓް ކިންގް އެއަރ 90 މަރުކާގެ ބޯޓެކެވެ.
އެ ފްލައިޓު ހައިޖެކް ކޮށްފައިވާކަން އެނގިފައިވަނީ 911 އަށް ގުޅައި، ފްލައިޓު ވޯލްމާޓްގެ މޯލަކަށް ވައްޓާލާނެ ކަމަށް ފްލައިޓުގެ ޕައިލެޓު އިންޒާރު ދިނުމުންނެވެ. އަދި އެ ފްލައިޓުގެ ޕައިލެޓަކަށް އިން ފަރާތް ފްލައިޓަށް އެރީ ވަގަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭނާ އަކީ އުމުރުން 29 އަހަރު ޒުވާން ފިރިހެނެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
މި އިންޒާރާ ގުޅިގެން ފުލުހުން ވަނީ ފްލައިޓު ވައްޓާލާނެކަމަށް ބުނި ވޯލްމާޓްގެ މޯލް ހުރި ސަރަހައްދުން މީހުން ހުސްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އަދި އެ ސަރަހައްދުގައި ތުހުމަތު ކުރެވޭ ފްލައިޓު ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯވެސް ވަނީ މިހާރު އާންމުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ފްލައިޓު ދަތުރުކުރަމުން ދަނީ އެ ސަރަހައްދުގެ ވަށައިގެންނެވެ. އަދި ފްލައިޓު ދުއްވަމުން ދަނީ ގަޑިއަކު 206 މީޓަރު ބާރުމިނުގައި 1100 ފޫޓު އުހުގައެވެ.
ފްލައިޓުގައި އިން ޕައިލެޓު، ބޯޓު ވައްޓާލާނެ ސީދާ ވަގުތެއް ނޭނގޭ އިރު އެ ސަރަހައްދަށް އެމްބިއުލާންސްތާކައި ފަޔަރ ޓްރަކްތައް ވަނީ ގެނެސްފައެވެ.


