ބޭރުދުނިޔެ އެމެރިކާއަށް ދޫނުދީ، މެދުއިރުމަތީގެ ވިޔަފާރި މަގުތަކަށް އީރާނުން ޕްރެޝަރު ބޮޑުކުރަނީ

އެމެރިކާއަށް ދޫނުދީ، މެދުއިރުމަތީގެ ވިޔަފާރި މަގުތަކަށް އީރާނުން ޕްރެޝަރު ބޮޑުކުރަނީ

އެމެރިކާއަށް ދޫނުދީ، މެދުއިރުމަތީގެ ވިޔަފާރި މަގުތަކަށް އީރާނުން ޕްރެޝަރު ބޮޑުކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން ކުރިމަތިކުރުވަމުންދާ ފިއްތުންތަކަށް ދޫނުދީ، މެދުއިރުމަތީގެ ވިޔަފާރި މަގުތަކާއި، ނަވުފަހަރު ދަތުރުކުރާ ކަނޑުގެ ސަރަހައްދުތަކާއި، ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާކޮށްގެން އެމެރިކާއަށް ކުރިމަތިވާ ގެއްލުންތައް ބޮޑުކުރުމުގެ ސިޔާސަތެއް އީރާނުން ކުރިއަށްގެންދާ ކަމަށް ގުލްފުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ މަގުސަދަކީ ސީދާ ނުރައްކާތެރި ބޮޑު ހަނގުރާމައަކަށް ނުގޮސް، ސަރަހައްދީ ހަމަނުޖެހުންތައް އިތުރުކޮށްގެން އެމެރިކާއަށް ކުރިމަތިވާ ހަރަދުތައް ބޮޑުކުރުމެވެ.
ހޯރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅުމުގެ ގާބިލުކަން ދެއްކުމަށްފަހު، އީރާނުން ދަނީ ރަތްކަނޑާއި ސައޫދީ އަރަބިއްޔާގެ ހަކަތައިގެ ވަސީލަތްތަކަށްވެސް ނުރައްކާ ކުރަމުންނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގެ ކުރިން މެދުއިރުމަތީގެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މައްސަލަ ބޮޑުކޮށްގެން ޓްރަމްޕަށް ކުރިމަތިވާ ޕްރެޝަރު އިތުރުކުރުމުން އެމެރިކާއިން ދޫދޭނެ ކަމަށް އީރާނުން އުއްމީދުކުރެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އީރާނާއެކު މަޝްވަރާތައް ފެށުމަށް މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް، އީރާނުން ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެފައެވެ. އީރާނުގެ ވެރިން ގަބޫލުކުރަނީ ކުރިން ދެއްކި ދޫދިނުންތަކުގެ ސަބަބުން އެމެރިކާގެ ފިއްތުންތައް އިތުރުވި ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ނޫނީ އެމެރިކާގެ ކިބައިން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

މި މައްސަލައިގެ އެންމެ މުހިންމު ނުކުތާއަކީ ހޯރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ބާރެވެ. އޯމާން މެދުވެރިކޮށް ހުށަހެޅުނު ހުށަހެޅުންތަކުގައި ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ހުށަހަޅާފައިވާއިރު، އީރާނުން އެދެނީ އެ ސަރަހައްދުގެ އިދާރީ ބާރު އެއްކޮށް އީރާނަށް ލިބުމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަށާއި އެއްވެސް ފީއެއް ނެގުމަށް ދެކޮޅުހަދައި، އެއީ އެންމެންނަށް ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އިސްކަންދީފައެވެ.

އީރާނުގެ މި ހަރަކާތްތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކާއި ސަރަހައްދީ ބާރުތަކުން ވަނީ އީރާނަށް ސީދާ ހަމަލާދިނުމުގެ ބަދަލުގައި، ވިޔަފާރި މަގުތަކާއި ތެޔޮ އުފުލާ އުޅަނދުފަހަރު ހިމާޔަތްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.

މިއީ ސީދާ އަސްކަރީ ގޮތުން އެމެރިކާއާ ކުރިމަތިނުލެވުނު ކަމުގައިވިއަސް، ދުނިޔޭގެ އިގްތިސާދަށާއި ވިޔަފާރިއަށް ބުރޫއަރުވައިގެން ކުރިއަށްދިއުމަށް އީރާނުން ގެންގުޅޭ ކެތްތެރިކަމުގެ ސިޔާސަތަށް ލިބުނު ކާމިޔާބީއެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ދޫނުދީ ޕްރެޝަރު ބޮޑުކުރަމުންދާއިރު، މަޝްވަރާތަކުގައި ގޮތްކިޔާނެ ބާރު ހޯދުމަށް ދެގައުމުންވެސް ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް، މަޝްވަރާގެ މޭޒުމަތީގައި ތިމާގެ ނުފޫޒު ގަދަކުރުމަށްޓަކައި ކުރިއަށްގެންދާ މިފަދަ ނުރައްކާތެރި އުކުޅުތަކުގެ ސަބަބުން، ދެފަރާތަށްވެސް ކޮންޓްރޯލް ނުކުރެވޭފަދަ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ސަރަހައްދު ވެއްޓިގެންދިއުމުގެ ބޮޑު ނުރައްކަލެއް އޮތްކަން މަޝްރަޙް ދިރާސާ ކުރާފާތްތަކުން ފާހަގަކުރެއެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.