ޚަބަރު

ސިޔާސީ ކަންކަމުގައި ބައިވެރިވީމާ ވަޒީފާ ގެއްލޭގޮތަށް ސިވިލް ސާރވިސްގެ ޤަވާޢިދަށް އިސްލާހު ގެނެސްފި

ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުކޮށްފިއެވެ.

އިސްލާހުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އަދި  މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެެވެ.

މީގެ އިތުރުން މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އަދި މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުުރުން ގެންގުޅުމަކީ ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްްގެ ގޮތުގައިވަނީ ކަނޑައަޅައިފައެވެ.

މި ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުންވަނީ މަނާވެގެން ގޮސްފައެވެ. ނަމަވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close