ފަތިސް ނަމާދުގެ ކަންޒުތައް ދެނެގަނެ އެ ނަމާދަށް އިތުރަށް ރައްކާތެރިވަމާ
ފަތިސް ނަމާދަކީ އިސްލާމްދީނުގައި ފަރުޟު ކުރެވިފައިވާ ފަސް ނަމާދުގެ ތެރެއިންވެސް ޚާއްޞަ ވެގެންވާ ނަމާދެކެވެ. އެ ނަމާދުގެ މާތްކަމާއި މަތިވެރިކަން ޤުރްއާނުންނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންވެސް އެނގި ހާމަ ވެގެންދެއެވެ.
އެގޮތުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ސޫރަތުލް އިސްރާ ގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا ﴿٧٨﴾
މާނައީ ” އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.”
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅަކުން ފަތިސް ނަމާދުގެ އިހު ސުންނަތުގެ މާތްކަމާއި މަތިވެރިކަން އެނގި ހާމަވެގެން ދެއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ޙަދީޘެއްގައިވެއެވެ.
” ފަތިސް ނަމާދުގެ އިހު ސުންނަތުގެ މާތްކަން، ދުނިޔެއާއި ދުނިޔޭގައި ވާހާ ހުރިހާ އެއްޗަކަށްވުރެ ބޮޑެވެ.”
(ސުނަނު އަންނަސާއީ – 1759)
މީގެ އިތުރަށްވެސް ފަތިސްނަމާދުގެ ސަބަބުން ލިބިގެންދާ އެތައް ފައިދާތަކެއް ވެއެވެ. އެ ފައިދާތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ފަތިސް ނަމާދުގެ ކަންޒުތައް:
- ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ ޘަވާބުގެ ގޮތުން މުޅި ރޭ، ރޭ އަޅުކަން ކުރުން ފަދަކަމެއް
- ފަތިސް ނަމާދު ކުރުމަކީ ﷲ ގެ ރައްކާތެރިކަން މުޅި ދުވަހުއެމީހަކަށް ލިބޭނެކަމެއް
- ނަރަކައިން މިންޖުވުން
- ޤިޔާމަތް ދުވަހުން ނޫރެއް ދެވިގެން ދިއުން
- ފަތިސް ނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މާތް ވެގެންވާ 2 ރަކުޢަތަށްވީ ހިނދު ފަރުޟު ފަތިސް ނަމާދުގެ ޘަވާބުގެ މިންވަރު ތަސައްވުރު ކޮށްލައްވާށެވެ.
- ފަތިހާއި ހެނދުނު ވަގުތުގައި ﷲ ތަޢާލާ ބައްސަވާ ބަރަކާތް ޙާސިލުވުން
- ފަތިސްނަމާދު ކުރާ މީހުންނަށްޓަކައި މަލާއިކަތް ބޭކަލުން ﷲ ތަޢާލާގެ ދަރުބާރުގައި ހެކިވެވޮޑިގެންވާނެ
- ޤިޔާމަތް ދުވަހުން ﷲ ގެ ވަޖުހުފުޅު ދުށުމުގެ ނިޢުމަތް ލިބުން
- ނިފާޤުކަމުން ބަރީޢަވުން
-المصدر: صفحة طريق التوبة-

