އެންމެ މާތް ދިހަ ދުވަހުވެސް ޢީދަށް ތައްޔާރުވުމުގައެވެ.
ފަޖްރު ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. { وَالْفَجْرِ * وَلَيَالٍ عَشْرٍ }މާނައީ: ”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ“ (ސޫރަތުލް ފަޖްރު1،2 ) އަލް އިމާމުއް ޠަބަރީ ރަޙިމަހުﷲ “ وَلَيَالٍ عَشْرٍ ” ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވަނީ އެއީ ޙައްޖު މަހުގެ ދިހަ ދުވަސްކަމުގައެވެ. ހަމަ އެފަދައިން އިބްނު ކަޘީރު ރަޙިމަހުﷲ، އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާއި، އިބްނުއް ޒުބައިރު އަދި މުޖާޙިދު ރަޙިމަހުމުﷲ ފަދަ އެތައް ގިނަ މުފައްސިރުންގެ ކިބައިން މި އާޔަތުގެ މުރާދަކީ ޙައްޖު މަހުގެ ދިހަ ދުވަސްކަމަށް ބަޔާންކުރައްވާފައިވެއެވެ.“
ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ޞައްޙަ ޙަދީޘްތަކުން ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންވެފައިވެއެވެ. އިބްނު އައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.“ ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) “ (އަލް އިމާމުލް ބުޚާރީ). މާނައި.“ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.“(ޞަޙާބީން) ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް ބޮޑަށްތޯއެވެ؟ އެކަލޭގެފާނު ޙަދިޘްކުރެވިއެވެ.“ މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ“
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސް ރަމަޟާންމަހުގެ ފަހު ދިހަ ދުވަހަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”
މިހުންނަނީ މިދިހަ ދުވަހާއި ބެހޭގޮތުން އައިސްފައިވާ ބައެއް ވާހަކަތަކެވެ. ދެންފަހެ، އެވާހަކަތައް ގިނަގުނައެވެ.
އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމަތީގައި ލެއްވި އެންމެ މާތް ދިހަ ދުވަހުވެސް އެއްބަޔަކު ޢީދަށް ތައްޔާރުވުމުގައި ހޭބޯނާރާ އުޅޭތަން ފެނުމަކީ، ހިތާމައިގެ މައްޗަށް ހިތާމަކުރަންޖެހިފައިވާ ކަމެކެވެ. މުޅި ކާއިނާތުގެ ވެރި އިލާހު މި ދިހަ ރޭ ގަންދެންވާ ބަސްފުޅު ވަޙީކުރައްވާފައިވާއިރުވެސް އެއްޗެއް ހަމަ ހިތަށް ނާންނަ ކަހަލައެވެ. އަދި ހަމަ އެހެންމެ، އެ ނަބިއްޔަކަށް އަޅުގަނޑުމެން ތަބަޢަވެގެންތިބި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކުންވެސް މި ދިހަ ރޭގެ މާތްކަމާއި މަތިވެރިކަން ހާމަކޮށްދެއްވާ، އެ ދިހަ ދުވަސް ހެޔޮޢަމަލު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވާފައިވާއިރުސް ހިތަށް ހަމަ އެއްޗެއް ނާންނަނީ ބާވައެވެ.
ލޮބުތި އަޚުންނާއި އުޚުތުންނޭވެ. އުންމަތުގެ ސަލަފުންގެ ދިރިއުޅުއްވުމަށް ބަލާލާއިރު، މިދިހަ ދުވަހު އަޟްޙާޢީދު ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވި ކަމެއް ބަޔާންކޮށްދީ ބަލާށެވެ. އެފަދަ ދަލީލެއް ގެނެސްދީ ބަލާށެވެ. އެބޭފުޅުން މި ދިހަ ދުވަސް ހޭދަކުރެއްވީ ޢީދު ކުޅިވަރުތައް ރާވާ އިންތިޒާމުކޮށް، ފަރިތަކުރުންތައް ނުބޭއްވިގެންތޯއެވެ.
ޙައްޖުމަހުގެ ކުރީކޮޅު ޚާއްޞަކޮށް މާތްކަމާއި މަތިވެރިކަމުން ފުރިގެންވާ ދިހަ ދުވަހު، ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ކަމަކީ، ޢީދަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމެވެ. ﷲ ތަޢާލާ އެކަންކަމާއި ކައިރި ނުވުމަށް އަންގަވާފައިވާ މިއުޒިކީ ނެށުންތައް ފަރިތަކުރުމުގައެވެ. ދެޖިންސްގެ މީހުންވެ އެއްވެ ކުޅިވަރުތައް ފަރިތަކުރުމުގެ ނަމުގައި މުންކަރާތްތަކުގެ ތެރޭގައެވެ.
ތަކުބީރާއި ތަހުލީލާއި، ތަޙުމީދާއި ތަޞްބީޙައިން މިދިހަ ދުވަސް އިޙްޔާކުރަން އައިސްފައިވާއިރު، އަދި ޚާއްޞަކޮށް ތަކުބީރުން ގުގުމާލަން އައިސްފައިވާއިރު، ގިނަ ރަށްތަކުގެ ތަންތަން ގުގުމަމުންދަނީ ބެރު ދުންމާރި އަޑުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އުންމަތުގެ ސަލަފުން މި ދިހަ ދުވަސް ހޭދަކުރެއްވީ ހެޔޮ ޢަމަލު ކުރެއްވުމުގައެވެ. ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި އުނގަންނައިދެއްވުމުގައާއި ޤުރްއާނާއިމެދު ވިސްނާ ފިކުރު ކުރުމުގައާއި ތައުބާވެ ގިނަގިނައިން އިސްތިޣުފާރުކޮށް ދުޢާކުރެއްވުމުގައެވެ. އަމިއްލަ ނަފުސު މުހާސަބާކޮށް ނަފުސު އިތުރަށް އިސްލާޙުކުރެއްވުމުގައެވެ. ޞަދަޤާތް ކުރުމާއި ދީނީ ޝިޢާރުތަކާއި ވަޢުޟާއި ނަޞޭޙަތް އިއްވުމުގައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” މި ދިހަ ދުވަހަށްވުރެ (އެބަހީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) މާތް ﷲ ގެ ޙަޟްރަތުގައި މާތްކަމާއި ލޮބުވެތިކަން ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މިދުވަސްތަކުގައި ތަހްލީލު ކިޔުމާއި ތަކްބީރު ކިޔުމާއި ޙަމްދުކުރުން ގިނަކުރާށެވެ.” (ރަވާޙު އަޙްމަދު، ވަޞައްޙިޙް އަޙްމަދު ޝާކިރު)
އަޅުގަނޑުމެން އެހެންތޯއެވެ! ޢީދަށް ކުޅިވަރު ކުޅޭނެ ތަންތަން ތައްޔާރުކުރުމުގައި އަވަދި ނެތިއެވެ. ބާއްވާނެ މުބާރާތްތައް ރާވާ އެކަންކަމުގައި ރެޔާއިދުވާލު އަވަދި ނެތިއެވެ. ކުޅިވަރު ކުޅޭނެ މީހުން ގޭގެ ގޭއަށްގޮސްގެން ހޯދުމުގައެވެ. ހިތާމައަކީ، ރަށްރަށުގެ ކައުންސިލުތަކުންވެސް އެކަންކަމަށް ފަންޑުކޮށް އެކަންކަން ރާވާ އިންތިޒާމުކުރުމުގައި ކުރެވުނު ހޭދައެއް ކުރަން ތައްޔާރަށް ތިބިކަމެވެ.
ބަޔަކު މީހުން ދީނާއިމެދު ޣާފިލުވެފައިވާނީ މިހާކަށްވަރަކަށެވެ.
ދަންނަވަންތޯއެވެ. މިފަދައިން އެއްޗެއް ބުންޏަސް ބަހަނާތައް ދައްކަން ފަށައެވެ. ޢީދަކީ މުސްލިމުން އުފާކުރަންޖެހޭ ދުވަސްތަކެކޭ ބުނެއެވެ. މަތިވެރި އަޅުކަމަކާއި ވިދިގެން އަންނަ އުފާކުރުމެއް ކަމަށް ބުނެއެވެ. އެހެންކަމުން އެދުވަސް އަހަރެމެން ފާހަގަކުރަންޖެހޭނެ އެވެ.
ދަންނަވަންތޯއެވެ. އަޞްލު ޙަޤީޤަތުގައި ޢީދު ފާހަގަ ކުރުމަށް އުންމަތުގެ އަޞްޙާބު ބޭކަލުން މާ އައުލާކަން ބޮޑުވެގެންވެއެވެ. އެހެނީ އެބޭކަލުންގެ އަޅުކަންތައް އަޅުގަނޑުމެންގެ އަޅުކަންތަކާއި ނުބައްދަލުވާތީވެއެވެ. ޙަޔާތުގެ ހުރިހާ ދުވަހެއް ﷲ ތަޢާލާއަށް އަޅުކަންކުރެއްވުމާއި ބިރުވެތިވެލެއްވުމުގައެވެ.
އެހެނަސް، އަޅުގަނޑުމެން ތައްޔާރުވާފަދައިން، އެބޭކަލުން ޢީދު ފާހަގަކުރެއްވުމަށް ވެލެއްވި ތައްޔާރީއެއް ނަބަވީ އިރުޝާދުގެ އަލީގައި ގެނެސްދީ ބަލާށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިބާ ވިސްނާނީ ކޮންއިރަކުންތޯއެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލުން ދޫކޮށްލަން ތިހުންނަނީ ކޮން ދުވަހަކުންތޯއެވެ.
އަޅުގަނޑުމެންގެ ޙާލަތާއިމެދު ވިސްނާ ފިކުރުކޮށްލައިފިނަމަ ލޮލުން ކަރުނަ އަންނާނެއެވެ. ބިރުން ފިއްކަނޑައިގެންދާނެއެވެ. ޢީދު ކުޅިވަރުގެ ނަމުގައި ފާފަތަކަށް އަރައިގަތުން، ނޭފަތުގައި މެއްސެއް ޖެއްސީމަ އަތުން ފޮޅާލުން ކަހަލައެވެ. ފާފަކުރުމަކީ އެހާވެސް އާދައިގެ ކަމަކަށް ވެއްޖެއެވެ.
ދަންނަވަންތޯއެވެ. ތިޔަ އުޅެނީ ޢީދު ފާހަގަކުރާކަށް ނޫނެވެ. ރީތިނަންތައް ދީގެން މުސްލިމުންނަށް އަންނަ ޢީދު ޚަރާބު ކުރާށެވެ. ﷲ އަށް ބިރުވެތިވެ ޢަމަލުތައް އިސްލާޙު ކުރާށެވެ. ތިބާކުރި ހެޔޮޢަމަލަކުން މެނުވީ ތިބާއަށް އެދުވަހުން މަންފާއެއް ނުކުރާނެއެވެ.
އާދެ! ތިބާ ރުހުނަސް ނުރުހުނަސް ތިބާ މިދުނިޔެއިން ގެންދަވާ، މަޙްޝަރު ކުރައްވާނެއެވެ. އެދުވަހުން ތިބާއަށް އެހީތެރިވާކަށް މިއަދު ތިބާ ކުޅިވަރުގެ މައިދާނުގައި ގެންގުޅެން ހިތްވަރުދިން، ސަޕޯރޓްކުރި އެކަކުވެސް، ޚުދު ތިބާގެ މައިންބަފައިންވެސް ނާންނާނެއެވެ. ތިބާއަށް ސަލާމަތެއްވާނީ، ތިބާ މިއަދު ކުރި ހެޔޮޢަމަލަކުންނެވެ.
