ޙަޤީޤީ ޙާދިސާ: ބަލާއާއި މުޞީބާތަކީ ހަނދާންކޮށްދިނުމެކެވެ.
ބަލާއާއި މުސީބާތްތަކަކީ ހަނދާންކޮށްދިނުމެކެވެ. އެފަދަ ކޮންމެ ކަމަކުން ވިސްނާ ފިކުރުކުރާ މީހަކަށް ޢިބުރަތްތެރި ފިލާވަޅުތަކެއް ލިބޭނެއެވެ.
ޒުވާން ކުދިންކޮޅަކާއެކު ރަށު ތުނޑިއަށް ދިޔަ ދުވަހެއްގައި އަޅުގަނޑުގެ ގައިގައި އަލިފާން ރޯވިއެވެ. އެއީ މަދު ސިކުންތުކޮޅެއްގެ ކަމެކެވެ. ނަމަވެސް އެދުވަހު އަޅުގަނޑު ގައިގައި އެޅިފަދަ ވޭނެއް ދުވަހަކުވެސް ތަޙައްމުލު ނުކުރަމެވެ. އެ ވޭނަށް ކެތް ކުރެވުނީކީ ނޫނެވެ. ވޭން ކިތަންމެ ގަދަވިނަމަވެސް އެ ވޭން ފިލައިގެން ދާނެކަން އަޅުގަނޑު ޔަގީންކުރީމެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ނިމުން ނާންނާނެ އެއްވެސް ކަމެއް މި ދުނިޔޭގައި ނުވެއެވެ. އެ ވޭނުގައި އަޅުގަނޑުގެ ހިތަށް އަރަމުން ދިޔައެވެ. ނަރަކައިގެ އަލިފާން ހާދަހާ ހޫނުވާނެއެވެ. ދުނިޔޭގެ އަލިފާނަށް ވުރެ ހަތްދިހަ ގުނަ ހޫނުކަން ގަދަ އެ އަލިފާނުގެ ތެރެއަށް ވަންނަން ޖެހިއްޖެ ނަމަ ޙާލަކީ ފަހެ ކޮބައިހެއްޔެވެ؟ ﷲ އަޅަމެން އެ ނަރަކައިން ސަލާމަތްކުރައްވާށިއެވެ.
އެދުވަހު އަޅުގަނޑަށްޓަކައި އެތައް ބަޔަކު ރުޔެވެ. އެތައް ބަޔަކު ހިތްވަރު ދިނެވެ. އެތައް ބަޔަކު އެހީތެރި ވިއެވެ. ނަމަވެސް ޤިޔާމަތް ދުވަހުގައި، އެހީތެރިކަމަށް އެންމެ ބޭނުންވާ ދުވަހު އެއްވެސް މީހަކު އަނެއް މީހާއަށް އެހީތެރިއެއް ނުވާނެއެވެ. އެދުވަހަކީ ކޮންމެ މީހަކުވެސް އެމީހާގެ ނަފްސާއިގެން އުޅޭނެ ދުވަހެވެ. އަދި ކިއެއްހެއްޔެވެ. މުޖުރިމުން އެމީހުންގެ އަނބިދަރިންނާއި ގާތްތިމާގެ މީހުން ފިދުޔައެއްގެ ގޮތުގައި ދީފައިވެސް ނަރަކައިން ސަލާމަތްވުމަށް އެދުވަހު އެދޭނެއެވެ.
އަޅުގަނޑަށް ގޮވައިލަން އައި އަޅުގަނޑުގެ ގާތް ބައެއް މީހުން ކައިރީ ބުނީމެވެ. މީ ބޮޑުކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކާއި އެމީހެއްގެ ދަރިން ނަރަކައިން ސަލާމަތް ކުރެވޭތޯ ބަލާށެވެ. ނަރަކައިގެ އަލިފާން ހާދަހާ ހޫނުވާނެއެވެ.
އަޅުގަނޑަކީވެސް ނަރަކައިގެ ބިރުވެރި ވާހަކަތައް ދައްކައި އުޅޭ މީހެއްކަމުގައި ވިޔަސް އެދުވަހާ ހަމައަށް ނަރަކައިގެ ވޭން ތަސައްވަރު ނުވާކަމުގެ އިހުސާސް އެދުވަހު ކުރެވުނެވެ. ހިތައް އެރިއެވެ. ދުނިޔެއިން އެއްވެސް އެއްޗެއް ހޯދަން އުޅޭނެކަމެއް ނެތެވެ.
