ޢިބުރަތްތެރި ވާހަކަ: ބޮޑުކަމަކަށް ނަހަދާ ބައްދާލެވުނު ބާގަނޑު، ބޮޑު ހެޔޮކަމަކަށް
ކުޑަލޯންޗެއް ދުއްވާ މީހަކު އޭނާގެ ލޯންޗުގައި ދަވާދުލައިދިނުމަށް މީހަކު ކައިރީގައި އެދުނެވެ. ދަވާދުލުމަށް ބޭނުންވާ ސާމާނު ހިފައިގެން އައިސް، ވެރިމީހާ އެދުނުފަދައިން ގަދަރަތްދަވާދު ލޯންޗުގައި ލާންފެށިއެވެ.
ދަވާދުލަމުންދަނިކޮށް ލޯންޗުގެ ފަށަނުގައި އެޅިފައިހުރި ކުޑަލޯވަޅެއް އޭނާއަށް ފެނުނެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެލޯވަޅުން ފެންނުވަންނާނެގޮތަށް ބައްދާލިއެވެ. އަދި އެއަށްފަހު ދަވާދުލުމުގެ މަސައްކަތް ނިންމާލިއެވެ. އޭނާގެ މަސައްކަތުގެ އުޖޫރަ ހަމައަށް ލިބުމާއެކު ގެއަށް ހިގަންޖެއެވެ. އޭގެ އަނެއްދުވަހު ވަރަށް ހެދުނާ ލޯންޗުގެ ވެރިމީހާ އެއްކަލަ ދަވާދުލާ މީހާގެ ގެއަށް އައިސް އޭނާއަށް ކުރީދުވަހު ދިން މިންވަރަށްވުރެން އިތުރަށް ފައިސާ ދީފިއެވެ. ލޯންޗުގައި ދަވާދުލުމުގެ އުޖޫރަ ހަމައަށް އިއްޔެ އަހަރެންނަށް ދިނީމު ނޫންހެއްޔެވެ؟” ދަވާދުލާ މީހާ ވަރަށް ހައިރާންވެހުރެ އެހިއެވެ.
“މާފްކުރަށްވާ! މިއީ ދަވާދުލައިދިނީމަ ދިން އަގެއް ނޫން، މިއީ ލޯންޗުގެ ފަށަނުގައި އެޅިފައިހުރި ލޯވަޅުން ފެންނުވަންނާނެގޮތަށް ވަރަށް ފަރުވާތެރިކަމާއެކު މަރާމާތުކޮށްދީފައި ވާތީވެ އެކަމުގެ ބަދަލެއްގެ ގޮތުގައިދޭ ހަދިޔާއެއް” ވެރިމީހާ ބުންޏެވެ. “އަސްތާ! އެކަމަކު އެއީ ދެން އެހާބޮޑުކަމެއްވެސް ނޫންތާ، ތިޔަހާ ގިނަ ފައިސާ ތިޔަ ދެއްވީ؟” “އޭ މިތުރާއެވެ” ވެރިމީހާ ބުންޏެވެ. “އަހަރެންނަށް ކަލޭ ތިޔަކޮށްދިނީ ކިހާވަރެއްގެ ކަމެއްކަން އަހަރެން ކިޔައި ނުދީފިއްޔާ ކަލެއަށް ނޭނގޭނެތާއެވެ”
އަޑު އަހާށެވެ، ލޯންޗުގައި ދަވާދުލައިދޭން އެދުނުއިރު ފަށަނުގައި އެޅިފައިހުރި ލޯވަޅެއްގެ ވާހަކަ އަހަރެން ހަނދާނުގައި ނެއްކަމުން ކަލޭކައިރީގައި އޮތީ ނުބުނެވިއެވެ. ލޯންޗުގެ ދަވާދު ހިކުމާއެކު އަހަރެންގެ ދަރިން އެލޯންޗު ކޯރަށް ބާލައިގެން މަސްބާނަން ދިޔައެވެ. ކަންދިމާކުރިގޮތުން އެކުދިން ދިޔައީ އަހަރެން ގޭގައި ނެތް ވަގުތެއްގައެވެ. އަހަރެން ގެއަށް އައުމުން އެކުދިންލޯންޗުގައި ކޯރުގެ ވަރަށް ދުރުހިސާބަކަށް މަސްބާނަން ގޮސްފިކަން އެގުނެވެ. އެވަގުތު ކުއްލިއަކަށް ލޯންޗުގެ ފަށަނުގައި ލޯވަޅެއް ހުރިކަން އަހަރެން ހަނދާންވެ، އެކުދިންނަށް ވެދާނެގޮތަކާ ދޭތެރޭ ބިރުން ތުރުތުރުލައިގަތެވެ.
އެކަމާ ހާސްވެ ފިކުރުބޮޑުވެފައި ހުއްޓާ އަހަރެން ދަރިން މަސްތަކެއް ހިފައިގެން ވަރަށް އުފަލުގައި އަންނަތަން ފެނުނެވެ. އެކުދިންނަށްވެސް އަދި ލޯންޗަށްވެސް ކަމެއްނުވެ ސަލާމަތުން އެނބުރިއާދެވުނީ ކިހިނެތްތޯ ބެލުމަށް އަހަރެން ބޭނުންވިއެވެ. ހައިރާންވެހުރެ އަހަރެންގޮސް ލޯންޗުގައި ލޯވަޅުހުރި ހިސާބު ބެލިއިރުގައި އަހަރެންނަށް ފެނުނީ އެތަން ވަރަށް ފަރުވާތެރިކަމާއެކު އެންމެ ފެންތިއްކެއްވެސް ނުވަންނާނެހެން ބައްދާލާފައި ހުއްޓައެވެ.
“މިހާރު ކަލެއަށް ތިޔަކޮށްދެވުނީ ކިހާވަރެއްގެ ކަމެއްކަން އެގިއްޖެ ނޫންތޯއެވެ؟ ކަލޭ އަހަރެންގެ ދަރިންގެ ފުރާނަ ސަލާމަތްކޮށްދީފީމުއެވެ” ކަލޭގެ އެ “ކުޑަކުޑަ” އިހުސާންތެރިކަމުގެ ބަދަލެއްގެ ގޮތުގައި ފުދޭމިންވަރަށް އަހަރެންގެ އަތުގައި ފައިސާއެއްވެސް އަދި މުދަލެއްވެސް ނެތެވެ.”
……………………………………………………………………………………….
އަހަރެމެންގެ މިކުރު ހަޔާތުގެ ރާސްތާގައި ދަތުރުކުރަމުން ދާއިރު އެހީތެރިކަމަށް ގޮވާލެވޭ ކޮންމެ ގޮވާލުމަކަށް އިޖާބަދޭށެވެ. އެހީތެރިކަމަށް އެދި ގޮވާލީ ކޮން ކުލައެއްގެ، ކޮން ނަސްލެއްގެ ކާކުތޯ ނުބަލާށެވެ. އެކަކު އަނެކަކަށް ހެޔޮކަންކަމުގައި އެހީތެރިވެއުޅުމުގައި ދެމިތިބޭށެވެ. އެކަކު އަނެކެއްގެ ކަރުނަތައް ފޮހެދޭށެވެ. އެކަކު އަނެކެއްގެ އަޑު ކަނުލާ އަހާށެވެ. އަދި “ދިޔަވަމުންދާ” ކޮންމެ ތަނެއް ތިބާއަށްވީ އެންމެ ރަނގަޅަށް، ފަރުވާތެރިކަމާއެކު މަރާމާތުކޮށް ބައްދާދޭށެވެ. އެއްވެސް މީހަކަށް، އޭނާގެ އެހީތެރިކަމަށް ބޭނުންވެގެން، އަނެކާ ގޮވާލާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގޭނެއެވެ. އަދި އަނެކާއަށް އެހީތެރިވެ ހެޔޮފޯރުކޮށްދިނުމުގެ މަތިވެރި ނިއުމަތް ﷲ އަހަރެމެންނަށްޓަކައި ލައްވާފައިވަނީ އަހަރެމެންގެ ހަޔާތުގެ ކޮންހިސާބެއްގައިކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.
ހަޔާތުގެ މަގުގައި ދަތުރުކުރަމުންދާއިރު، އޭގެ ސަބަބުން ކިތައް ކިތައް މީހުންގެ ދިރިއުޅުން އާރާސްތުވެ، ކިތައްކިތައް މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ސަބަބެއްކަމުގައި ވެދާނެ ކިތައްކިތައް ބާގަނޑު ތިބާއަށް ބެއްދިފައި ވާނެތޯ ހިތާހިތާ ސުވާލުކޮށްލަށްވާށެވެ. އަދި ﷲ ތިބާއަށްދެއްވި ގުނާ އަދަދުނުކުރެވޭހާ ގިނަ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލު ހިނިތުންވާށެވެ. އަދި ތިބާފަދަ އަނެކުން ހިނިތުން ކުރުވާށެވެ.
