ރޯދައަށް ހުއްޓައި ހަނދާންނެތި އެއްޗެއް ކައިފިނަމަ ނުވަތަ ބޮއެފިނަމަ ރޯދަ ގެއްލޭނެތަ؟
މީހަކު ރޯދައަށް ހުއްޓައި ހަނދާންނެތިގެން ނުވަތަ އޮޅިގެން އެއްޗެއް ކައިފިނަމަ ނުވަތަ ބޮއެފިނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. މިކަމަށް ދަލީލު ލިބެނީ މި ހަދީޘުންނެވެ.
މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ
ﷺ ހަދީޘްކުރެއްވިއެވެ.
(( مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ الله وَ سَقَاهُ )). (متفق عليه )
މާނައީ: “މީހަކު ރޯދައަށްހުރެ ހަނދާންނެތިގެން ކައިފިނަމަ ނުވަތަ ބޮއެފިނަމަ، ފަހެ އެމީހެއްގެ ރޯދަ ފުރިހަމަކުރާށެވެ. ފަހެ އެއީ ﷲ އެމީހަކަށް ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އަދި މުސްލިމެވެ.
އަދިވެސް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ
ﷺ ޙަދީޘްކުރެއްވިއެވެ.
مَنْ أَفْطَرَ فِي شَهْر رَمَضَان نَاسِيًا فَلَا قَضَاء عَلَيْهِ وَلا كَفَّارَة
މާނައީ: ރޯދަމަހު، ހަނދާންނެތިގެން ރޯދަވީއްލައިފި މީހާ (އެބަހީ ކައިފިމީހާ ނުވަތަ ބޮއިފި މީހާ) ދަންނައެވެ. ފަހެ އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ. އަދި ކައްފާރާއެއް ދޭކަށް ނުމެޖެހޭނެއެވެ.
އަދި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
إن الله تـجاوز لي عن أمتي الـخطأ والنسيان وما استكرهوا عليه
މާނައީ: “އޮޅިގެން ކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތަކާއި، މަޖުބޫރުކުރެވިގެން ކުރެވޭ ކަންތައް، ހަމަކަށަވަރުން ﷲ ވަނީ ތިމަންކަލޭގެފާނުގެ އުއްމަތަށް މަޢާފްކޮށްދެއްވާފައެވެ.

