މުޅި ރޯދަމަހުގެ ރޯދަތައް ހިފުމަށްޓަކައި ބޭސް ބޭނުންކޮށްގެން މައްސަރު ކަންތައް ފަސްކުރުން
ސުވާލު:
މުޅި ރޯދަމަހުގެ ރޯދަތައް ހިފުމައްޓަކައި ނުވަތަ އެމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމުގެ ބޭނުމުގައި ބޭސް ބޭނުންކޮށްގެން މައްސަރު ކަންތައް ފަސްކުރުން
ޖަވާބު:
الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين. أما بعد:
މަތީގައިވާ ސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ބަލާ ހޯދަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ.
އެންމެ ފުރަތަމަ ކަމަކަށް މި ބަލާލަނީ އަންހެނާއަށް ދިމާވާ މައްސަރު ކަންތަކުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
މައްސަރުކަންތަކުގެ ސަބަބުން އަންހެނާއަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާކަމަށް ޑޮކްޓަރުންވެސް ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:-
- ޙައިޟުވުން އަންހެނާ މުސްކުޅިވުން ލަސްކޮށްދެއެވެ.
- ޙައިޟުވެގެން އަންނަ ލޭގެ ކުލަ، ވަސް އަދި ލޭގައި އެކުލެވޭ އެހެން އެއްޗިއްސަކީ ހަށިގަނޑުގައި އުފެދޭ އެހެން ބަލިތަކުގެ ޢަލާމާތެކެވެ. އަދި އެބަލި ދެނެގަނެ ފަރުވާ ކުރުމަށް އެހީ އެކެވެ.
- ޤަވާޢިދުން ޙައިޟުވުމަކީ ހަށިގަނޑުގައި އުފެދޭ ހޯމޯންތައް ހަމަޔަށް އުފެދޭކަމުގެ ޢަލާމާތެކެވެ. އަދި ޤަވާޢިދުން ޙައިޟު ނުވުމަކީ ހަށިގަނޑުގައި އުފެދޭ ހޯމޯންތައް ހަމަޔަށް ނުއުފެދޭކަމުގެ ޢަލާމާތެކެވެ.
- ހައިޟުވުމަކީ އަންހެނާގެ ހަށިގަނޑަށް އުފާވެރިކަމާއި ތާޒާކަން ގެނުވައިދޭ ކަމެކެވެ.
- ވައިގެ އުދަނގޫވުމާއި ހަޖަމްގެ މައްސަލަތައް ކުޑަކޮށްދޭ ކަމެކެވެ.
- ހައިޟުވުމަކީ ޤުދުރަތީގޮތުން އަންހެނާގެ އެތެރެހަށި ސާފުކޮށްދޭ ކަމެކެވެ. ސަބަބަކީ ހައިޟުގެ ލެޔާއިއެކު އެތެރެ ހަށީގައި އުފެދޭ ޖަރާސީމުގެ ބައިތައް ހަށިގަނޑުން ބޭރުވެއެވެ.
- ރުޅިގަދަވުމާއި ހިތް ނުތަނަވަސްކަން ކުޑަކޮށްދެއެވެ.
(ރިފަރެންސް: އިތުރު ތަފްޞީލް ބެއްލެވުމަށް މި ލިންކަށް ވަންނަވާ)
ދެވަނައީ ޙައިޟު މަނާ ކުރުމުން ލިބިދާނެ ގެއްލުންތައް:-
ޙައިޟަކީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އަންހެނަކު ޞިއްޙަތު ސަލާމަތުން ހުރިކަން އަންގައިދޭ ޠަބީޢީ ލެއެކެވެ. ޠަބީޢީގޮތުން ހިނގާ އެއްވެސްކަމަކަށް ހުރަސްއެޅުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއްކޮށްފާނެ ކަމެކެވެ. ނަމަވެސް މި ގެއްލުމުގެ އަސަރު އެކިއަންހެނުންނަށް ކުރާނީ އެކި މިންވަރަށެވެ. މިކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި މި އަންނަ ކަންތައްތައް ފާހަގަކުރެވެ އެވެ.
- ޙައިޟު މަނާކުރުމަކީ ނުވަތަ ފަސްކުރުމަކީ ފިޠުރަތާ ޚިލާފުކަމެކެވެ. ޙައިޟުވުމަކީ، މާތްﷲ އަންހެނާގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އަންހެނާ އަށް އޮތީ ﷲގެ ޙަޟްރަތުން މި ކަމަށް ސަވާބު އަދައި ކެތްތެރިވުމެވެ.
- ޙައިޟު މަނާކުރުމުގެ ސަބަބުން ނުވަތަ ފަސްކުރުމުގެ ސަބަބުން އަންހެނާގެ މައްސަރު ކަންތައް ގަނޑުބަޑުވެދާނެ އެވެ. އެހެން ވެއްޖެނަމަ އޭނާ އަށް އުޅެންޖެހޭނީ ހާސްކަމެއްގެ ތެރޭގަ އެވެ. އޭނާގެ ނަމާދާ މެދު ޝައްކު އުފެދޭގޮތަށް އޭނާގެ ފިރިމީހާއާ އެކު ބާއްވަންޖެހޭ ގުޅުމާ މެދުގައި ވެސް ޝައްކު އުފެދިދާނެ އެވެ.
- މިކަމުގެ ސަބަބުން ރަޙިމު ފާރުވެދާނެއެވެ.
- މިކަމުގެ ސަބަބުން ކުރިމަގުގައި ލިބޭ ދަރިންގެ ހަށިގަނޑުން ޖިސްމާނީ އުނިކަންތައްތަކެއް ފެނިދާނެ އެވެ.
- މިކަމުގެ ސަބަބުން ދަރިމައިނުވާމީހަކަށް އެ އަންހެނާ ވެދާނެ އެވެ.
ﷲ ތަޢާލާ ވަނީ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރައްވާފައެވެ. އޭގެ މާނައަކީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިފައިވާ ކޮންމެ މުސްލިމަކުވެސް އެމަހުގައި ރޯދަ ހިފަންޖެހޭނެކަމެވެ. އޭގެ ތެރޭގައި އަންހެނުންވެސް ވެއެވެ. އެހެންނަމަވެސް އަންހެނުންނަށް އެމަހުގައި މައްސަރު ކަންތައް ދިމާވެގެން ގެއްލޭ ރޯދަތައް އެހެން ދުވަސްތަކެއްގައި ހިފުމަށްވަނީ ދީނުގައި އަންގަވާފައެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾
މާނައީ: رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.
(ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތް)
މި އާޔަތުގެ މާނައަށް ނަޒަރު ހިންގާލައިރު ދޭހަވެގެންދަނީ، ރަމަޟާންމަހުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެމަހުގައި ރޯދަ ހިފަން ޖެހޭކަމެވެ. “ޙާޟިރުވެ ހުރުމުގެ މާނައަކީ، ރޯދަހިފޭ ފަދަ ޙާލަތެއްގައި ހުރުމެވެ. އެއާއި ވިދިގެން އެ އަންގަވަނީ ” ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.” އެއަށްފަހު އެ އިލާހު ތަޢާލާ އެއާއި ވިދިގެންވެސް އެ އަންގަވާ ބަސްފުޅަށް ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ބަލިވެ އުޅޭ މީހާ އާއި ދަތުރެއްގެ މަތީގައިވާ މީހާ (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކެއްގައި އެ ޢަދަދު ހަމަކުރުމަށް އެންގެވުމަށްފަހު، އެއިލާހު ތަޢާލާ އެ އަންގަވަނީ ” اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ.”
ރަމަޟާންމަހުގެ ރޯދަތައް ހިފުމަށްޓަކައި ބޭސް ބޭނުންކޮށްގެން އެދުވަސްތަކުގައި ޙައިޟު ނުވާގޮތް ހެދުމުގެ މައްސަލަ އާއި ބެހޭ ގޮތުން ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލު ދެންނެވުނު ހިނދު ވިދާޅުވެފައިވެއެވެ. ” އެއީ އެއްވެސް ޙާލެއްގައި އަންހެނުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެކަމެއް މެދުވެރި ކުރައްވަނީ ﷲ ތަޢާލާއެވެ. އެއީ އަންހެނުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. އެއަށްފަހު، އަންނަނިވި ޙާދިޘާ ބަޔާންކޮށްދެއްވިއެވެ. ޙައްޖުގެ އަޅުކަންތައް އަދާކުރައްވަމުން ގެންދަވަނިކޮށް ޢާއިޝަތުގެފާނު ޙައިޟުވެ ވަޑައިގަތެވެ. އެކަމާމެދު ރަސޫލުﷲގެފާނަށް ދެންނެވުމުން ޙަދީޘްކުރެއްވީ “اِفْعَلِي مَا يَفْعَلُ اَلْحَاجُّ, غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي”” – ޠަވާފުކުރުން ފިޔަވާ، ޙައްޖުވެރިން ކުރާ ހުރިހާކަމެއް ކުރައްވާށެވެ. “ صحيح. رواه البخاري (305)، ومسلم (1211) (120)
އެހެންކަމުން ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެއީކީ އަންހެނާގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫނެވެ. އެކަން މެދުވެރިކުރައްވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން ރަމަޟާންމަހުގެ ފަހުދިހައިގައި އެކަމެއްވިޔަސް (އެބަހީ ޙައިޟުވިޔަސް) އެކަންތައް ބަލައިގަންނާށެވެ. އަދި އެކަން މަނާކުރުވަނިވި ބޭސްތައް ކެއުމާއި ދުރުހެލިވާށެވެ.”
މައްސަރު ކަންތައް މެދުވެރިވެގެން ރަމަޟާންމަހުގެ ރޯދަތައް ދޫވާ އަންހެނުންނަށް އޮތީ އެހެން ދުވަސްތަކެއްގައި އެ ޢަދަދުތައް ހަމަކުރުމެވެ. އެކަންވަނީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން އައިސްފައެވެ.
މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. كُنَّا نَحِيضُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم ثُمَّ نَطْهُرُ فَيَأْمُرُنَا بِقَضَاءِ الصَّوْمِ وَلاَ يَأْمُرُنَا بِقَضَاءِ الصَّلاَةِ ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަހުރެމެން ޙައިޟުވެއެވެ. ދެން އަހުރެމެން ޠާހިރުވަމުއެވެ. ފަހެ ފާއިތުވި ރޯދަތައް ޤަޟާކުރުމަށް އަހުރެމެންނަށް އެކަލޭގެފާނު އަމުރު ކުރައްވަތެވެ. އަދި ފާއިތުވި ނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވަތެވެ.” (ސުނަނު އަންނަސާއީ 2318)
އެހެންކަމުން، އަޅުގަނޑުމެންނަށް ވަނީ، ފިޠުރީގޮތުން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތް ބަލައިގަތުމެވެ. އެކަން ބަދަލުކޮށްގަތުމަށް މަސައްކަތް ނުކުރުމެވެ. އެހެނީ، ﷲ ތަޢާލާ ރޯދަ ފަރުޟު ކުރެއްވި އިރުވެސް، އަންހެންތަކުންނަށް ޙައިޟުގެ ކަންތައް ޖެހޭނެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންވެ، އެކަމާއިގުޅިގެން ކަންތައް ކުރަންވީގޮތްވެސް އެވަނީ މާތް ނަބިއްޔާގެ އިރުޝާދުގެ ދަށުން ބަޔާންވެގެން އައިސްފައެވެ. އިސްލާމްދީނުގައިވާ އައިސްފައިވާ ލުއިފަސޭހަކަން އެކަމުގެ އެންމެ އެދެވޭގޮތުގައި ހިފާށެވެ.
އާއެކެވެ. މިމައްސަލައިގައި ބޮޑަތި ބޮޑަތި ޢިލްމުވެރިންވެސް ވާހަކަފުޅު ދައްކަވާ އެއީ ކުރެވޭނެ ކަމެއްކަމަށް ބަޔާންކުރައްވާފައި އެބަހުއްޓެވެ. އެހެނަސް އެބޭބޭފުޅުންގެވެސް އެންމެބޮޑު އިރުޝާދަކަށްވަނީ އެކަމުގައި އަންހެނާއަށް އެއްވެސް ގޮތަކުން (ޞިއްޙީގޮތުންވިޔަސް އަދި އެހެންގޮތަކުންވިޔަސް) އެއްވެސް ބާވަތެއްގެ ގެއްލުމެއް މެދުވެރިވެގެން ނުވުމެވެ.
ދެންފަހެ، އަންހެނާ ރަމަޟާންމަހުގެ ރޯދަތައް އެއްކޮށް ހިފުމަށްޓަކައި ޙައިޟުގެ ލޭ، ބޭސް ބޭނުންކޮށްގެން މެދުކަނޑާލައިފިނަމަ، އިސްވެ ބަޔާންކުރެވުނު ކަންކަން މެދުވެރިނުވެ ނުދާނެ ހެއްޔެވެ. އެފަދަ ކަމެއް ކުރުމުގެ ކުރިން ހުރިހާ ގޮތަކުންވެސް ވިސްނުން ހުއްޓެވެ. ޙައިޟުގެ ސަބަބުން ރަމަޟާންމަހު ގެއްލޭ ރޯދަތައް އެހެން ދުވަސްތަކެއްގައި ފުރިހަމަ ކުރުން ހުރިހާ ގޮތަކުންވެސް ރައްކާތެރިކަންބޮޑު ކަމުގައި ދެކެމެވެ.
ދެން އޮތީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ޙައިޟުގެ ދުވަސްރާއި ދިމާވެއްޖެނަމަ ޢަމަލު ކުރަންވާނެގޮތެވެ. ދެންފަހެ އެދުވަސްތަކުގައި ރޯދަ ހިފުމާއި ނަމާދު ކުރުން ފިޔަވައި ދެންހުރި ހެޔޮޢަމަލުތައް ކުރުން މަނާވެގެން ނުވެއެވެ. މުޞްޙަފުގައި ބީހުމަކާއި ނުލާ ކީރިތި ޤުރްއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ޞަދަޤާތްކުރުމާއި މީހުންނަށް ހެޔޮފޯރުވާ އުޅުންފަދަ ގިނަ ވެގެންވާ ހެޔޮ ޢަމަލުތައް ކުރެވޭނެއެވެ.
މައްސަރުގެ ކަންތައް މަޑުޖައްސާލާފަދަ ބޭސް ބޭނުންކޮށްގެން ރަމަޟާންމަހުގެ ރޯދަތައް ހިފުމަށް ނުވަތަ ޙައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދެއްވާ ޢިލްމުވެރިންވެސް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަމަކީ، އެކަމުގައި އަންހެނާއަށް އެއްވެސް ކަހަލަ ގެއްލުމެއް ޞިއްޙީގޮތުންވެސް އަދި އެހެން ގޮތްގޮތުންވެސް ލިބިގެން ނުދާނެކަން އިތުބާރުހުރި، ކަމާގުޅުންހުރި ޚާއްޞަ ޑޮކްޓަރަކު ލަފާދީގެން އެކަން ކުރުމެވެ. (ބައްލަވާ: ފަތާވާ އަލްޖާމިޢަ އަލްމަރްޢަ އަލް މުސްލިމަ 495/2) (ބައްލަވާ: ފަތާވާ އިބްނު ބާޒް 60/17)
والله أعلم

