ދީން ޢަޞްރު ނަމާދަށްފަހު މިސްކިތަށް ވަންނަ މީހާ އިށީނުމުގެ ކުރިން މަސްޖިދު ސުންނަތް ކުރަން ޖެހޭނެތޯ؟

ޢަޞްރު ނަމާދަށްފަހު މިސްކިތަށް ވަންނަ މީހާ އިށީނުމުގެ ކުރިން މަސްޖިދު ސުންނަތް ކުރަން ޖެހޭނެތޯ؟

ޢަޞްރު ނަމާދަށްފަހު މިސްކިތަށް ވަންނަ މީހާ އިށީނުމުގެ ކުރިން މަސްޖިދު ސުންނަތް ކުރަން ޖެހޭނެތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

الحمد لله، والصلاة والسلام على رسول الله.

މި މައްސަލައާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުރި ނަމަވެސް، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ފަތިސް ނަމާދާއި އަޞްރު ނަމާދަށް ފަހު ވެސް ހިމެނޭ ގޮތަށް، ކޮންމެ ވަގުތެއްގައި ވެސް ތަޙިއްޔަތުލް މަސްޖިދު ނަމާދު ކުރުން ހުއްދަވުމެވެ. އެއީ ރަސޫލުﷲ ﷺ ގެ މި ޙަދީޘްފުޅުގެ ޢާއްމު މާނައަށް ރިޢާޔަތްކޮށެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެ ނަމަ، ދެ ރަކުޢަތް ނަމާދެއް ކުރުމަށްފަހު މެނުވީ އިށީނދެ ނޫޅޭށެވެ.” (ޞަޙީޙް – މުއްތަފަޤުން ޢަލައިހި)

ތަޙިއްޔަތުލް މަސްޖިދަކީ ވަކި ޚާއްޞަ ސަބަބަކާ ގުޅިފައިވާ ނަމާދުތަކުގެ ތެރޭގައި ހިމެނޭ ނަމާދެކެވެ. މިސާލަކަށް ޠަވާފުގެ ދެ ރަކުޢަތާއި ކުސޫފް ނަމާދު (އިރުކޭތަ ނުވަތަ ހަނދުކޭތަ) ފަދަ ނަމާދުތަކެވެ. މިފަދަ ނަމާދުތަކާ ގުޅޭގޮތުން އެންމެ ރަނގަޅު ގޮތަކީ، ފާއިތުވެފައިވާ ނަމާދެއް ގަޟާކުރުން ހުއްދަވާ ފަދައިން، ނަމާދުކުރުން މަނާ ވަގުތުތަކުގައި ވެސް މި ނަމާދުތައް ކުރުން ހުއްދަވުމެވެ.

ޠަވާފުގެ ދެ ރަކުޢަތާ ގުޅޭގޮތުން ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “އޭ ބަނޫ ޢަބްދު މަނާފްގެ ދަރިކޮޅުގެ މީހުންނޭވެ! ރޭގަނޑުގެ ނުވަތަ ދުވާލުގެ ކޮންމެ ވަގުތެއްގައި ވިޔަސް، މި ގެފުޅު ވަށައިގެން ޠަވާފުކޮށް ނަމާދުކުރަން ބޭނުންވާ އެއްވެސް މީހަކު އެކަމުން ހުއްޓުވައި މަނާނުކުރާށެވެ.” (އިމާމް އަޙްމަދާއި ސުނަންގެ އަޞްޙާބުން ރިވާކުރައްވާފައިވާ ޞަޙީޙް ޙަދީޘެކެވެ.)

އަދި ކުސޫފް ނަމާދާ ގުޅޭގޮތުން އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެކިއެވެ. އެއިން އެއްޗަކަށް ކުސޫފް ވަނީ (އެބަހީ: އިރު ނުވަތަ ހަނދުކޭތަ ހިފަނީ) މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫނެވެ.”

والله أعلم (މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)

ރިފަރެންސް: 306

ޓެގް

ސުވާލާއި ޖަވާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.