ރަމަޟާންމަހަށް ތައްޔާރުވުން – ޝަޢުބާން މަހު ކުރާން އޮތް އެންމެ މޮޅުކަންތައް
އަޅުގަނޑުމެންނާ ބައްދަލުވެފައި މިވަނީ މިއަހަރުގެ ޝަޢުބާން މަހެވެ. މިއީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރު ވުމުގެ މަހެވެ. އެހެންކަމުން މިމަހު ވީހާވެސް ގިނައިން ހެއޮ ޢަމަލު ކުރުމަށް ހުސްވަމާ ހިނގާށެވެ. ޚާސަކޮށް ރޯދަ ހިފުން ގިނަ ކުރާށެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޝައުބާން މަހު އެންމެ ގިނައިން ކުރެއްވި ހެއޮ އަމަލެވެ. މިސާލަށް ކުރިއަށްއޮތީ ފުޓްބޯޅަ މުބާރާތެއް ފެށޭ މަސް ކަމަށް ވާނަމަ، މިމަހު ފުޓްބޯޅަ ޕްރެކްޓިސް ކުރާނެއެވެ. ޕްރެކްޓިސް ކުރާނީކީ ވޮލީއެއް ނޫންތާއެވެ. އެހެންކަމުން ޖެހިގެން އަންނަމަހު އަޅުގަނޑުމެންނާ ބައްދަލު ވާން އޮތީ ރަމަޟާން މަސް ކަމަށް ވާއިރު އެ މަހަށް ތައްޔާރު ވެވޭނެ އެއްމެ ސަޅި ކަމަކަށް އޮތީ މި މަހު ގިނައިން ރޯދަ ހިފުމެވެ.
ރަމަޟާންމަހަކީ މުސްލިމުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މައްސަރެކެވެ. އެ މަސް އަންނާތީ ، ހިތްތައް ފަރިވެފޮޅޭ މަހެކެވެ. ނަމަވެސް ޒަމާން ބަދަލުވަމުންދާއިރު ރަމަޟާން މަހަށް މީހުން ތައްޔާރުވަމުންދާގޮތްވެސް ދަނީ ބަދަލުވަމުންނެވެ. ފަހަކަށް އައިސް ރަމަޟާންމަހަކީ ސޭލްތަކުގެ މަހެވެ. ކްރިސްމަސް ސޭލް ގޮތަށް ރަމަޟާން ސޭލް މިހާރު އަންނަނީ އިތުރުވަމުންނެވެ. ކާބޯތަކެއްޗާއި ގެވެހިކަންވާރުތައް ވިއްކާތަންތަން ރަމަޟާންމަހުގެ ފައިދާ ލިބިގަނެ ، މުދާތައް ގިނަކޮށް ، މީހުންނަށް އެ ތަކެތި ގަތުމަށް ގޮވައިލާތަން ފެނެއެވެ. ރަމަޟާންމަހަކީ ގޭތެރޭގެ އާބާތުރަފިލުވާ ފަރުނީޗަރު އައުކުރާ މަހަކަށް މިހާރުވަނީ ބަދަލުވެފައެވެ. މީރުކޮށް ކައިބޮއި ހެދުމާއި މަޖާކުރުމުގެ މަހަކަށް ވެސް ރަމަޟާން މަސް ދަނީ ބަދަލުވަމުންނެވެ.
އަޅުގަނޑުމެން ރަމަޟާން މަހަށް މާއްދީގޮތުން ތައްޔާރުވާ މިންވަރަށް ރޫޙާނީގޮތުން ތައްޔާރުވެވޭބާވައެވެ! ރަމަޟާންމަހަށްޓަކައި ގޭތެރެ ސާފުކުރާމިންވަރަށް ، އަޅުގަނޑުމެންގެ ހަށިތައް ސާފުކުރުމަށް އަހައްމިއްޔަތުކަން ދެވޭބާވައެވެ! ކުރެވިފައިވާ ކުށްފާފަތަކަށް ތައުބާވެ ، ﷲގެ ޙަޟްރަތަށް އީމާންވުމަށް އަޅައިލެވޭބާވައެވެ!
ކީރިތިރަސޫލާއާއި އެކަލޭގެފާނުގެ މިތުރު އަޞްޙާބުން ޝަޢުބާން މަސް އައުމުން ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަންނަވަން ފަށްޓަވައެވެ. ތައުބާގެ ދޮރުންލައިގެން ރަމަޟާންމަހުގެ ރަޙްމަތާއި، ފުއްސެވުމާއި، މުއްތިކުރެއްވުން ޙާޞިލުކުރެއްވޭތޯއެވެ. ރަމަޟާންމަހުގެ ގިނަގުނަ ސަވާބާއި ދަރުމައާއި ﷲގެ ރަޙްމަތާއި ނަފްޙާތަށް ހުށައެޅިވަޑައިގެންނެވުމަށްޓަކައެވެ. މުވާސާތާއި ހަމްދަރްދީގެ މަސްކަމުގައިވާތީ، ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލެއްވުމަށްޓަކައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާ މައްސަރުކަމުގައިވާތީ ، ސުވަރުގެ ޖާމިނުކުރެއްވޭތޯއެވެ. ރޯދަވެރީންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ލައްވާފައިވާތީ، އެދޮރުކޮޅުން ސުވަރުގެ ވަދެވަޑައިގެންނެވޭތޯއެވެ. ރަމަޟާންމަހަކީ ކީރިތި ޤުރްއާނުގެ މަސްކަމުގައިވާތީ ޤުރްއާން ދިރާސާ ކުރެއްވުމާއި އުގެނިވަޑައިގެންނެވޭތޯއެވެ. ކީރިތިރަސޫލާއާއި ޖިބްރީލްގެފާނު މިމަހުގައި ޤުރްއާން މުދާރާސާކުރައްވާ ކިޔަވާވިދާޅުވެފައިވާތީ އެމާތް ނަމޫނާ އަށް ތަބާވެވަޑައިގެންނެވުމަށްޓަކައެވެ. ރަމަޟާން މަހުގައި ކީރިތިޤުރްއާން ބާވައިލައްވާފައިވާތީ ، އެމަތިވެރި މުނާސަބާ ފާހަގަކުރެއްވުމަށްޓަކައެވެ.
އަޅުގަނޑުމެން ނަމޫނައަކަށް ބަލަންވީ މިބޭކަލުންގެ މި ޢަމަލުފުޅުތަކެވެ. އިޤްތިދާވާންވީ މިނަމޫނާތަކަށެވެ.


