ދީން

ރަމަޟާން މަހުގައި ވެވޭ ޢުމްރާ ޙައްޖަކާ އެއްވަރުވެގެންވެއެވެ.

އިބްނު އައްބާސް (ރަޟިޔަﷲ އަންހުމާ) ރިވާކުރެއްވިއެވެ. ރަސޫލުﷲ ﷺ އަންޞާރިއްޔަ ބޭކަނބަލަކަށް (އެކަމަނާގެ ނަންފުޅު އިބްނު އައްބާސް ވިދާޅުވި ނަމަވެސް، ރިވާކުރެއްވި ބޭފުޅާ އެ ނަންފުޅު ހަނދުމަފުޅު ނެތީއެވެ) ޙަދީޘް ކުރެއްވިއެވެ: “ތިމަންކަލޭގެފާނާއެކު ޙައްޖަށް ވަޑައިގަތުމަށް ހުރަސްއެޅީ ކޮންކަމެއްތޯއެވެ؟” އެކަމަނާ ދެންނެވިއެވެ: “އަޅުގަނޑުމެންގެ އަތުގައި އޮތީ ދެ ޖަމަލެވެ. އޭގެ ތެރެއިން އެއް ޖަމަލުގައި އަޅުގަނޑުގެ ފިރިމީހާއާއި ދަރިފުޅު ޙައްޖަށް ދިޔައީއެވެ. އަނެއް ޖަމަލު ބޭއްވީ ދަނޑުވެރިކަމުގެ ބޭނުމަށް ފެން އުފުލުމަށެވެ.” އެހިނދު ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ: “ރަމަޟާން މަސް އައުމުން އުމްރާވާށެވެ. ހަމަކަށަވަރުން ރަމަޟާން މަހުގެ އުމްރާއެއް، ޙައްޖަކާ އެއްވަރުވެގެންވެއެވެ.” (ބުޚާރީ: 1782، މުސްލިމް: 1256)

މި މަތިވެރި ޙަދީޘުން އެނގިގެންދަނީ ރަމަޟާން މަހުގައި ކުރާ އުމްރާގެ މާތްކަމާއި، އެ އަޅުކަމުގެ ޘަވާބާއި ދަރުމަ ޙައްޖަކާ އެއްވަރުވާ ކަމެވެ. މިއީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ފަޟްލުވަންތަކަމަކާއި ބަރަކާތެކެވެ. ރަމަޟާން މަހުގެ މާތް ވަގުތާއި އުމްރާގެ މަތިވެރި އަޅުކަން ބައްދަލުވުމުން، އެކަމުގެ ދަރުމަ ޙައްޖަކާ އެއްވަރުވެގެންދެއެވެ. މިއިން ދޭހަކޮށްދެނީ، ޚާއްޞަ މާތް ވަގުތުތަކުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެވެ. ﷲ އީ އެންމެ ދީލަތިވަންތަ، ފަޟްލުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ ބޭނުންފުޅުވާ ގޮތަކަށް ދަރުމަ ދެއްވައެވެ. އެކަލާނގެ ނިންމެވުންތަކާއި ދެއްވާ ނިޢުމަތްތައް ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުވެއެވެ.

އުމްރާގެ އަޅުކަން ފުރިހަމަވަނީ އޭގެ ރުކުންތަކާއި ވާޖިބުތައް އަދާކުރުމުންނެވެ. އުމްރާއަށްފަހު މައްކާގައި މަޑުނުކުރި ކަމުގައިވިޔަސް އެ އަޅުކަން ފުރިހަމަވާނެއެވެ. ނަމަވެސް، ރަމަޟާން މަހުގެ ދުވަސްތަކުގައި ނުވަތަ އެ މަހުން ވީވަރަކަށް ޙަރަމްފުޅުގެ އަރިހުގައި މަޑުކުރުމުގެ ފުރުޞަތު ﷲ މިންވަރުކުރައްވައިފި މީހަކަށް އެވަނީ ވަރަށް ބޮޑު ނިޢުމަތެއް ދެއްވާފައެވެ. މިފަދަ މާތް ވަގުތުތަކާއި މަތިވެރި ތަންތަނުގެ އަގު ވަޒަންކުރެވޭނީ، އެކަންކަމުގެ މަތިވެރިކަން ދަންނަ ތަޤުވާވެރި ޞާލިޙު އަޅުންނަށެވެ.

މި ބަރަކާތްތެރި ދުވަސްތަކުގައި ކައުބަތުﷲގައި ޙާޟިރުވެ ހުރުމަކީ އިންސާނާގެ ހަކަތައާއި އަޅުކަންތަކަށް އާ ދިރުމެއް ލިބި، ދުނިޔަވީ ކަންކަމުން އެއްކިބާވެ، މުޅި ނަފްސާއި ހަށިގަނޑުން ﷲ އަށް ކުއްތަންވުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. މީގެ ސަބަބުން ނަމާދުކުރުމާއި، ޛިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުން ފަދަ ހެޔޮ އަމަލުތަކަށް ސަމާލުކަންދީ، އެކަންކަމުގައި މަސްޣޫލުވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close