ދިވެހިރާއްޖޭގައި މިއޮތް މަތިވެރިވެގެންވާ އިސްލާމްދީން ދިފާޢުކޮށް މިސަރުކާރުން ނަގަހައްޓާއި ދަމަހައްޓާނެ ކަމުގައި މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަޙްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ނ.ލަންދޫގައި ޒަމާނީ ފެންވަރަށް އަލަށް އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިއަދު ދިވެހި ރައްޔިތުންގެ ހިތުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިފައިވާ ކަމަށާއި ، ނަމަވެސް އެކަމަށް ދެއްވަން އޮތް ޖަވާބަކީ އަދި ޔަޤީން ކަމަކީ އިބުރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތު ނުދޭނެ ކަމާއި އަދި މާތްވެގެންވާ އިސްލާމްދީން މި ޤައުމުގައި ދަމަހައްޓާނެ ކަމެވެ.
“މިއަދު ދިވެހިންގެ ހިތުގައި އުފެދިފައިވާ ނުތަވަސްކަމަށް އަޅުގަނޑު ދަންނަވަން އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މަޝްވަރާ އާއި އިރުޝާދުގެ ދަށުން މި ޤައުމުގައި މިއޮތް އިސްލާމްދީން ދިފާޢުކޮށް އަޅުގަނޑުމެން ނަގަހައްޓާނެކަން. އަދި އެހެންދީންތައް މިޤައުމަށް ގެނައުމަށް މި ސަރުކާރުން އެއްވެސް ފުރުޞަތެއް ނުދޭނެކަން” ލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ވިދާޅުވިއެވެ.
މިނިސްޓަރ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިސްލާމްދީނަށާއި، މުސްލިމުންގެ ކައުސާހިބާ ރަސޫލާz އަށް ފުރައްސާރަކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި ރާއްޖޭގެ 121 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެ ސޯސަލް މީޑިއާގައި ނުރުހުން ފާޅުކޮށް އަދި ރާއްޖޭގެ ގިނަރައްތަކެއްގައި އެމްޑީއެންއާ ދެކޮޅަށް ކޮންމެ ހަފުތާ ބަންދެއްގައި އެކި ރަށްރަށުގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން މިނިސްޓާރގެ މި ވާހަކަ ފުޅަކީ މިކަންތައްތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އިވިގެން ދިޔަ ވާހަކަފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

