ޚަބަރު

ހަނގުރާމައިގެ ސަބަބުން ގަލްފުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓިދާނެ – ޤަޠަރު

ރިޔާޒް: މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ގަލްފުގެ ގައުމުތަކުން ބޭރުކުރާ ތެޔޮ އެކްސްޕޯޓްކުރުން މެދުކެނޑި، ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެ ކަމަށް ގަތަރުގެ އެނާޖީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ގަތަރުގެ އެނާޖީ މިނިސްޓަރު ސައުދު އަލް ކާބީ އިންޒާރު ދެއްވި ގޮތުގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގު ކަމަށްވާ “ސްޓްރެއިޓް އޮފް ހޯމޫޒް” އިން އުޅަނދުފަހަރަށް ދަތުރު ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ތެލުގެ އަގު އެ މިންވަރަށް އުފުލިގެންދާނެއެވެ. މި ކަނޑުއޮޅިއަކީ ގަލްފުގެ ބޮޑެތި ތެޔޮ އުފައްދާ ގައުމުތަކާއި އޮމާން ކަނޑާއި އަރަބި ކަނޑު ގުޅުވައިދޭ މައިގަނޑު މަގެވެ.

އެމެރިކާ-އިސްރާއީލު ކޯލިޝަނާއި އީރާނާ ދެމެދު ފެބްރުއަރީ 28 ގައި ފެށުނު ކުރިމަތިލުންތަކުގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހޯމޫޒް ކަނޑުއޮޅި ބަންދުވުމާ ގާތަށް ގޮސްފައިވާއިރު، ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ފިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން އަލް ކާބީ ވިދާޅުވީ، މި ހާލަތު މިގޮތަށް ކުރިއަށްދާ ނަމަ، ގަލްފުގެ ހުރިހާ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުން “ފޯސް މެޖޫއާ” (ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތެއްގެ ސަބަބުން އެއްބަސްވުންތަކަށް އަމަލުނުކުރެވުން) އިއުލާނު ކުރަން ޖެހޭނެ ކަމަށެވެ.

ތެލުގެ އަގުގެ އިތުރުން، ގޭހުގެ އަގު ވެސް މިއިން ޒަމާނަކު މައްޗަށް ނުދާ މިންވަރަށް އުފުލޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، މުޅި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް (ޖީ.ޑީ.ޕީ) އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެއެވެ.

“ކޮންމެ މީހަކަށް ވެސް ހަކަތައިގެ އަގު ބޮޑުވެގެންދާނެ. ބައެއް އުފެއްދުންތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ފެކްޓްރީތަކުން މުދާ ސަޕްލައި ނުކުރެވުމުގެ ސަބަބުން އޭގެ ސިލްސިލާ ނޭދެވޭ އަސަރުތަކެއް މުޅި ދުނިޔެއަށް ފެތުރިގެންދާނެ،” ކާބީ ވިދާޅުވިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކުރަމުންދާ ހަމަލާތަކާ ގުޅިގެން، ގަތަރުން ވަނީ މާޗް 2 ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އުފެއްދުން މެދުކަނޑާލާފައެވެ. ގަތަރުގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ގޭހުގެ ގާތްގަނޑަކަށް %20 ބާޒާރުން މަދުވެގެންދާނެއެވެ. މިއީ އޭޝިއާ އާއި ޔޫރަޕްގެ މާކެޓްތަކުގެ ޑިމާންޑް ފޫބެއްދުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ.

މިނިސްޓަރު އަލް ކާބީ ވިދާޅުވި ގޮތުގައި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލި ކަމުގައި ވިޔަސް، އަލުން އާންމު ހާލަތަކަށް ރުޖޫޢަވެ، މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަމައަކަށް އެޅުމަށް މަސްތަކެއް ނަގާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close