ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ކުރަންވީ ކޮންކަމެއް ؟

ނަމާދަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ، އެކަލާނގެ ހަޟްރަތުގައި އެންމެ ލޯބިވެތި އަޅުކަމެވެ. ނަމާދުގެ މައިގަނޑު މަޤްޞަދަކީ ހުރިހާ ތަކެއްޗެއް އުފައްދަވައި، ބަލަހައްޓަވާ، އަޅުގަނޑުމެންގެ ރައްބުގެ މަތިން އަބަދުމެ ހަނދުމަކުރުމެވެ. ނަމާދަކީ ޛިކުރުގެ އެންމެ ފުރިހަމަ އެއް ސިފައެވެ. ބަޔާންވެގެންވާ ގުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ:
“ތިމަންރަސްކަލާނގެ އަޅާ، ތިމަންރަސްކަލާނގެއާ ކުއްތަންވުމަށްޓަކައި ކުރާ ކަންތައްތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ހަޟްރަތުގައި އެންމެ ލޯބިވެތިކަން ބޮޑުވެގެންވަނީ، ތިމަންރަސްކަލާނގެ އެއަޅެއްގެ މައްޗަށް ފަރުޟުކުރެއްވި ކަންތައްތަކުން (ނަމާދުން) ކުއްތަންވުމެވެ.” (ބުޚާރީ).
ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާ ގުޅިފައިވާ އަޅުކަމެކެވެ. ޝައްކެއްވެސް ނެތްގޮތުގައި، އަޅުގަނޑުމެން ނަމާދަށް ރައްކާތެރިވެއްޖެ ނަމަ، ދިރިއުޅުމުގެ އެހެން ކަންކަންވެސް ހަމަޖެހި، ސީދާވެގެންދާނެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކުރާ ނަމާދުތަކުގައި ‘ޚުޝޫޢަތްތެރިކަން’ އާލާކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ. ޚުޝޫޢަތްތެރިކަމަކީ، މާތް ﷲ ގެ ކިބައިވަޑައިގަންނަވާ މަތިވެރިކަމާއި ކުޅަދުންވަންތަކަން ހިތަށް ގެނެސް، އެކަލާނގެ ހަޟްރަތުގައި މަޑުމޮޅިކަމާއި، ބިރުވެތިކަމާއި، ހަމަހިމޭންކަމާއެކު ހުރުމެވެ.
އަޅުގަނޑުމެންގެ ނަމާދުތަކުގެ ފެންވަރު ރަނގަޅުކުރުމަކީ މާތް ﷲ އަށްޓަކައި ކުރާ ކަމަކަށްވުރެ ބޮޑަށް، އަމިއްލަ ނަފްސުގެ ލާބައާއި މަންފާއަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ނަމާދުގެ ތެރެއިން އެކަލާނގެއާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.
ސަމާލުކަންދީ ކަންކަމަށް ފޯކަސްކުރުންނަމާދުގެ ކޮންމެ ޙަރަކާތަކަށް ފުރިހަމައަށް ސަމާލުކަން ދޭށެވެ. އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާއިރު އެކަމަށް ވިސްނުން ބަހައްޓަންވާނެއެވެ. މިސާލަކަށް، ރުކޫޢަށްދާއިރު އަދި ސަޖިދައަށްދާއިރު ހަށިގަނޑުގެ ގުނަވަންތައް ބަހައްޓަންޖެހޭ ސީދާ ގޮތުގައި ބެހެއްޓުމަށް އިސްކަންދޭށެވެ. އަދި އަވަސް އަރުވާނުލައި، ކޮންމެ ރުކުނެއްގައިވެސް މަޑުމައިތިރިކަމާއެކު ވަގުތު ހޭދަކުރާށެވެ. މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޯބިވެތިވެގެންވަނީ، އިޚްލާޞްތެރިކަމާއެކު ފުރިހަމައަށް އަދާކުރާ ނަމާދެވެ.
ކިޔަވާ ތަކެތީގެ މާނަ ދެނެގަތުންމާތް ﷲ އާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ނަމާދުގައި ކިޔަވާ އާޔަތްތަކާއި ޛިކުރުތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރާށެވެ. މާނަ އެނގިގެން ނަމާދުކުރުމުން، ނަމާދުގެ ފޮނިކަން އިޙްސާސްކުރެވި، މާތް ﷲ އާ އިތުރަށް ކުއްތަންވެވޭނެއެވެ.
ނަމާދުގެ ކުރިން ވާންޖެހޭ ތައްޔާރީތައްދުވަހުގެ ތާވަލު ރާވާއިރު ފަސް ނަމާދަށް އިސްކަންދީ، ވަގުތުން ނަމާދުކުރުމަށް އާދަކުރާށެވެ. ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ނަފްސު ޠާހިރުކުރާށެވެ. އަދި ނަމާދުކުރުމަށް ހިމޭން، ސާފުތާހިރު ތަނެއް އިޚްތިޔާރުކުރާށެވެ. ފިރިހެނެއް ނަމަ މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމަށް އިސްކަންދޭށެވެ. މީގެ އިތުރުން، ޚާލިޤުވަންތަ ރަސްކަލާނގެ ހަޟްރަތަށް ހުށަހެޅޭއިރު، ސާފުތާހިރު ނިވާކަންބޮޑު ހެދުމެއްގައި ހުރުމަށް ސަމާލުކަން ދޭށެވެ.
ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިވުންމީހަކު ނަމާދަށް ހުއްޓޭ ހިނދު، އެމީހެއްގެ ސަމާލުކަން ގެއްލުވާލައި، ދުނިޔަވީ އެކި ކަންކަން ހަނދާންކޮށްދިނުމަށް ޝައިޠާނާ މަސައްކަތްކުރާނެއެވެ. ޝައިޠާނާއަށް އެނގޭ ގޮތުގައި ނަމާދަކީ މާތް ﷲ އާ ކުއްތަންކޮށްދޭ އެންމެ ވަރުގަދަ ވަސީލަތެވެ. އެހެންކަމުން، ނަމާދުގައި ހުންނައިރު އެކި ޚިޔާލުތައް އަންނަ ނަމަ، އެކަމަށް ޖާގަ ނުދީ، މާތް ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ.
ގިނަގިނައިން ދުޢާކުރުންދުޢާއަކީ މުއުމިނާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. ދުޢާގެ ސަބަބުން އަޅާއާއި މާތް ﷲ އާ ދެމެދު ސީދާ ގުޅުމެއް އުފެދިގެންދެއެވެ. ކޮންމެ ނަމާދަކީ މާތް ﷲ އާ މުޚާޠަބުކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދެކޭށެވެ. ދިރިއުޅުމުގައި ދަތިތަކާ ކުރިމަތިވާ ނަމަ އެކަލާނގެ ހަޟްރަތުން އެހީއަށް އެދޭށެވެ. މަގު އޮޅޭ ހިނދު ތެދުމަގަށް އެދޭށެވެ. ހިތަށް ނުތަނަވަސްކަން ލިބޭ ހިނދު ހިތްހަމަޖެހުމަށް އެދޭށެވެ. އަދި ނިޢުމަތްތަކުގައި ވާއިރު، އެކަލާނގެ ދެއްވި މިންވަރަށް ޝުކުރުވެރިވާށެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ނަމާދަކީ ދުނިޔޭގައި ކުރެވޭ އެންމެ ފަހު ނަމާދު ކަމުގައި ބަލައިގެން ނަމާދުކުރާށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
“ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ…” (ސޫރަތުލް ބަޤަރާ: 152).
ފުރިހަމަ ގޮތުގައި ކޮންމެ ދުވަހެއްގެ ނަމާދުތައް އަދާކުރުމަކީ ތިބާގެ ދިރިއުޅުމަށް އުފާވެރި ބަދަލެއް އަންނާނެ ކަމެކެވެ.
މާތް ﷲ ތިބާގެ ދުޢާތައް އަޑުއެއްސެވުމަށް ވަގުތު ދެއްވައެވެ. ތިބާއަށް ނަމާދުކުރުމަށް ވަގުތު އެބައޮތް ހެއްޔެވެ؟



