އޭނާ އަށް ރައްދު ދޭނީ ޝައިޠާނާއެވެ!
ސަލާމް ގޮވުން ފެތުރުމީ، މުއުމިނުން ދެމެދު ލޯބި އަށަގަނުވާ ކަމެކެވެ. އަދި ޖަންނަތަށް ވެއްދެވުމުގެ ސަބަބެކެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:
«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلَا تُؤْمِنُوا حَتَّى تَحَابُّوا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلَامَ بَيْنَكُمْ»
”ތިބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.“ — ރިވާކުރެއްވީ މުސްލިމް އެވެ.⁽¹⁾
ހިޝާމް ބުން ޢާމިރް އަރިހުން ރިވާވެގެންވެއެވެ:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ مُسْلِمًا فَوْقَ ثَلَاثِ لَيَالٍ فَإِنَّهُمَا نَاكِبَانِ عَنْ الْحَقِّ مَا دَامَا عَلَى صُرَامِهِمَا وَأَوَّلُهُمَا فَيْئًا يَكُونُ سَبْقُهُ بِالْفَيْءِ كَفَّارَةً لَهُ وَإِنْ سَلَّمَ فَلَمْ يَقْبَلْ وَرَدَّ عَلَيْهِ سَلَامَهُ رَدَّتْ عَلَيْهِ الْمَلَائِكَةُ وَرَدَّ عَلَى الْآخَرِ الشَّيْطَانُ وَإِنْ مَاتَا عَلَى صُرَامِهِمَا لَمْ يَدْخُلَا الْجَنَّةَ جَمِيعًا أَبَدًا»
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މުސްލިމެއް އެހެން މުސްލިމެއް ހަޖުރުކޮށްފައި ބެހެއްޓުން (އެބަހީ: ގުޅުން ކަނޑާލުން) ތިން ރެޔަށްވުރެ ގިނައިން ހުއްދަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން އެވެރިން ދެބައިވެފައިވާހާ ހިނދަކު، އެވަނީ ޙައްޤުން ފެޔަށްޖެހިގެނެވެ. އަދި އެދެވެރިންކުރެ ފުރަތަމަ ރުޖޫޢަވާ މީހާ، އޭނާ ރުޖޫޢަވުމުގައި އިސްނެގިކަމަށްޓަކައި އެއީ (އޭނާގެ ފާފައަށްވާ) ކައްފާރާއަކަށް ވެއެވެ. އަދި އޭނާ ސަލާމް ގޮވުމުން އެޤަބޫލު ނުކޮށް އެސަލާމަށް ރައްދު ނުދީފިނަމަ، މަލާއިކަތުން އެއަށް ރައްދުދެއްވަތެވެ. އަދި އަނެކާއަށް ޝައިޠާނާ ރައްދުދެއެވެ. ފަހެ ވަކިވެގެންތިބެ އެދެވެރިން މަރުވެއްޖެނަމަ، އެދެވެރިން އެކީގައެއް ދުވަހަކުވެސް ޖަންނަތަކަށް ނުވެއްދެވޭ ހުއްޓެވެ.“ ⁽²⁾
އަދި އެހެން ރިވާޔަތެއްގައި «…لَمْ يَجْتَمِعَا فِي الْجَنَّةِ أَبَدًا» ”…އެދެވެރިން ޖަންނަތުގައި ދުވަހަކުވެސް އެއްތަން ނުވާނެތެވެ.“⁽³⁾
އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
”(މިޙަދީޘް) ރިވާކުރެއްވީ އަޙްމަދު އާއި އައްޠަޔާލިސީ، ޞައްޙަ ސަނަދަކުން ނެވެ.
އަދި ޢަބޫ ޙާތިމް — އެއީ އިބްނު ޙިއްބާން — ވިދާޅުވިއެވެ:
”ނަބިއްޔު ﷺ ގެ ޙަދީޘް ފުޅު (އިބްނު ޙިއްބާންގެ ރިވާޔަތުގައި ވާފަދައިން) :
«…لم يَدخل الجنَّة ولم يجتمعًا في الجنَّة» ”…ޖަންނަތައް ނުވެއްދެވޭނެއެވެ. އަދި ޖަންނަތުގައި އެއްތަން ނުކުރެއްވޭނެއެވެ.“
މީގެ މުރާދަކީ، ﷲ ދީލަތިވެލައްވައި، އެދެވެރިންގެ އެ ވަކިވުމުގެ ފާފައިގެ މައްޗަށް ފުއްސެވުން ނުލައްވަނީ ކަމުގައި ވާނަމައެވެ.“⁽⁴⁾
__________________
⁽¹⁾ އެއީ އަބޫ ހުރައިރާ ގެ އަރިހުން، މުސްލިމް އެކަކޭގެފާނުގެ ޞަޙީޙު ގައެވެ.

