ލިޔުނީ: ޢަލީ ޒިޔާދު، ނ.ލަންދޫ
(19 ސެޕްޓެމްބަރ 2026)
އެއީ ކާކުތަ؟ ކާކުގެ ދަރިއެއްތަ؟ ކާކުގެ ފިރިއެއްތަ؟ ކޮން ކުދިންތަކެއްގެ ބައްޕައެއްތަ؟ އެދެން ކާކުތައް މިސްކިތަށް އަންނަން؟ މިހުރިހާ ދުވަސްތަކެއް ވީއިރު އޭނައަށް މިސްކިތް ނުފެނުނީ؟ މިހުރިހާ ދުވަސްތަކެއް ވީއިރު އޭނާ އުޅުނީ ކޮންތާކު؟ މަސްތުވާ ތަކެތި ބޭނުންކުރާ މީހަކަށް ނަމާދު ކުރެވޭތަ؟ އޭނާއަކީ އެވެނި މިވެނި ފާފައެއް ކުރި މީހެއް؟ އޭނާއަކީ އެވެނި މިވެނި ފާފައެއްގެ ތުހުމަތު މީހުންކުރާ މީހެއް؟ އޭނާ އެއީ މުޖުތަމަޢު ބަލައިވެސް ގަންނަ މީހެއް ނުން؟ ކިހާ ދުވަހަކު ހިފަހައްޓާލެވޭނެބާ؟ ތިޔައީ ދެދުވަހެއްގެ ކަމަކަށްވާނީ! ހިއެއްނުވެ ހިފަހައްޓާލެވޭނެހެނެއް؟ ރަނގަޅަށް ވިއްޔާ ނަމާދުގައި ކިޔާތަކެތިވެސް ނޭންގޭނެ! ދެން ޙަރަކާތްތަކެއް ކޮށްފަ ދާނީތާދޯ!
މިތަނުން ގިނަ ސުވާލުތަކަކީ، ވަރަށް ގިނަ ދުވަސްދުވަހު މިސްކިތުގެ ފެންޑާއިން، ނުވަތަ މިސްކިތުގެ ވަށާފާރު ބޭރުން ނަމަވެސް އިވޭ ސުވާލުތަކެކެވެ. އަޑު އަހަން އެހާ ބޭނުންނުވާ ސުވާލުތަކެކެވެ. ހިތަށް އަސަރުކުރުވާ އަދި ކުރުވި އެތައް ލަފުޒުތަކަކާއި ސުވާލުތަކެކެވެ. މިއީ، އަޅުގަނޑަށް އެކަނި އިވޭ ސުވާލުތަކެއް ނޫނެވެ. އަޅުގަނޑުގެ އެތައް ރައްޓެއްސެއްގެ ފަރާތުން އިވޭ ސުވާލުތަކެކެވެ. މިވެނި މީހަކު މިސްކިތުން ފެނިގެން، މިއަދުވެސް މިސްކިތްދޮށުގައި އެއްވެސް ތިބި ބަޔަކު މި ސުވާލުތަކެއް ކޮށްފިއެވެ. އަދި ހަމަ އެހެންމެ، އެތައް ޒުވާނެއްގެ ފަރާތުންވެސް މިފަދަ ވާހަކަތައް އަޅުގަނޑާއި ހިސާބަށް އެތައް ފަހަރަކު އައިސްފާ އެބަހުއްޓެވެ.
އެއީ، ކޮންމެވެސް މަންމައެއްގެ ލޮލުގެ ނޫރެވެ. ކޮންމެވެސް ބައްޕަގެ މުސްތަޤްބަލުގެ އުންމީދެވެ. މަންމައެއް އެ ދަރިޔަކަށްޓަކައި ހިތާމައިގެ އެތައް ކަނޑެއްގައި ފަތާ ވަރުބަލިވި ދަރިއެކެވެ. އެ ދަރިޔެއްގެ މިސްރާބު ސީދާކުރުމުގައި އެތައް ކުރެހުންތަކެއް ކުރެހުމަށްޓަކައި ރޭގަނޑު އެތައް ރެޔެއްގެ ނިދި ޤުރުބާންކުރި ދަރިއެކެވެ. އެދަރިއަކަށްޓަކައި ރޭގަނޑުގެ ހަމަހިމޭންކަމުގައި، އެންމެން ނިދާފައިވަނިކޮށް އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައި ހުއްޓިހުރެ، ދެއަތްއުފުލާ އެ ދަރިޔަކަށްޓަކައި އާދޭސް ދެންނެވި ދަރިއެކެވެ. އެތައް ރެޔަކު ލޮލުން ފައިބަމުންދިޔަ ކަރުނަ ކޯތާފަތުން ނެއްޓި، މުސައްލައިގެ މައްޗަށް އޮހެމުންދިޔަ އަދި އިތުރަށް ވެރި ރައްބުގެ ޙަޟްރަތުގައި ދަންނަވާނޭ އެއްޗެއް ނޭންގި ބަސްހުއްޓި ކަރުނައިން ހިތުގެ އުދާސްތައް ބަންޑުންކުރަމުން ދިޔަ ބައްޕައެއްގެ ލޭ ހިނގާ ދަރިއެކެވެ.
އެއީ، މިފަނާވަނިވި ދުނިޔޭގެ ޙަޔާތް އެމީހަކާއިއެކީ ވޭތުކުރުމަށްޓަކައި ކައިވެނި ކުރެވުނު މިވެނި މީހެއްގެ ފިރިއެކެވެ. އޭނާ ދެކެމުންއައި ފޮނި ހުވެފެންތަކުގައި ކުލަޖައްސައިދިނުމަށްޓަކައި ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރި މިވެނި މީހެއްގެ ފިރިމީހާއެވެ. އުފާވެރި ދިރިއުޅުމެއް އާރާސްތުކޮށް އެކަހެރި ދިރިއުޅުމެއް އުޅުމަށްޓަކައި ގެދޮރު ބިނާކުރި މިވެނި މީހެއްގެ ލޯބިވެތި ފިރިމީހާއެވެ.
އެއީ، އެ ތިބަ ތުއްތު ތުއްތު ކުދިންގެ ލޮބުވެތި ބައްޕައެވެ. އެކުދިންގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި ގުލާނުކޮށް އެކުދިން އުފަލުގައި ބެހެއްޓުމަށްޓަކައި މަސައްކަތް ކުރަން ހުރި ބައްޕައެވެ. އެކުދިންނަށް އުނު އަންނައުނާއި ކާނެ، ބޯނެ ތަކެތި ހޯދައިދިނުމަށްޓަކައި ގުދާރު ބިންދަން ހުރި ބައްޕައެވެ. އެކުދިންނަށް ބޯހިޔާވަހިކަން ހޯދައިދީ، ގޭތެރޭގެ ފަޅުކަން ފިލުވައިދިނުމަށްޓަކައި ކުދިންނާއިއެކު ސަކަރާތްޖަހަން ހުރި އެކުދިންގެ ބައްޕައެވެ. އެކުދިންގެ ތަޢުލީމީ ޙަޔާތް ހަރުފަތަކަށްފަހު، ހަރުފަތެއް ގިރާކުރުމަށްޓަކައި ހިތްވަރުދީ، އެކުދިންގެ ކާމިޔާބީގައި އުފާކޮށް، އަތްޖަހަން ހުރި ބައްޕައެވެ.
އެއީ، ހަމަ ތިބާފަދައިން ﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ ހުރި އެއިލާހު ތަޢާލާގެ އަޅެކެވެ. އެއީ، ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި، ނަބިއްޔާގެ މަތިވެރި ރިސާލަތު ޤަބޫލުކޮށްގެން ހުރި ﷲ ތަޢާލާގެ އަޅެކެވެ. ތިބާ ފަދައިން އޭނާވެސް ދާނީ ހަމަ ތިބާވެސް އުފައްދަވާ، ނިޢުމަތްތައް ދެއްވި ޚާލިޤުވަންތަ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
އެއީ، މުސްލިމެކެވެ. ހަމަ ތިބާ ފަދައިން ފާފަތަކަށް ޣަރަޤުވި ޒުވާނެކެވެ. ތިބާ ފަދައިން، އެތައް ބަޔެއްގެ އަނބުރާއި ކަރާމާތާއި ބެހެވުނު ޢުމުރުން ދުވަސްވެފައިވާ ބައްޕައެކެވެ. ތިބާ ފަދައިން، ފާފައިގެ މައްޗަށް ފާފަކުރެވި، ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނިގެން އުޅުނު ޒުވާނެކެވެ. ތިބާ ފަދައިން، ދީނީ އެތައް އަޅުކަމަކަށް ޢުމުރުގެ އެތައް ދުވަސްތަކެއް ޣާފިލުވެވުނު ގައިގައި އަދިވެސް އާރާއިބާރު ހުރި ބައްޕައެކެވެ. ތިބާ ފަދައިން، މީހުންނަށް ފުރައްސާރަކޮށް، ޖެއްސުންކޮށް މިކުރެވެނީ ކީއްކަންވެސް ނޭންގިގެން، ތިމާ ވަރުގެ މީހަކު ނެތްކަމަށް ދެކިގެން އުޅުނު ނޫކަށި ޒުވާނެކެވެ. މިސްކިތްތަކުގެ ތާޅަފިލިތަކުން އިއްވާލެވޭ ނިދާ އަށް ބީރުކަންފަތެއް ދީގެން ރަށުގައި ލައިޗާރު ބިޗާރުވެގެން އުޅުނު ކުއްޖެކެވެ.
އާއެކެވެ. މިއަދު އެ ކުއްޖާއަށް މިސްކިތް ފެނުނީއެވެ. ލައްބައެވެ. މިއަދު އެ ޒުވާނާގެ ލޮލަށް މިސްކިތުގެ ރީތިކަން ފެނުނީއެވެ. އާއެކެވެ. މިއަދު އެ ބައްޕަގެ ހިތަށް މިސްކިތުގެ ހަމަހިމޭންކަން ވަނީއެވެ. އެކަމަށް ވަޤުތު ނެގީއެވެ. އެހެނަސް އަދި ވަޤުތު ފާއިތެއްނުވެއެވެ.
އޭނާ މިސްކިތަށް އެ އައީ ނަމާދުން ފަށަން ވެގެންނެވެ. އޭނާ މިސްކިތަށް އެ އައީ، ފާފަތަކުން ޠާހިރުވުމަށެވެ. އޭނާ މިސްކިތަށް އެ އައީ ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަލިކަމެއް ހޯދާށެވެ. އޭނާ މިސްކިތަށް އެ އައީ، މިސްކިތަށް ވަދެގެން ނޫނީ ސުވަރުގެ ނުވަދެވޭނެކަން އިޙްސާސްކުރެވިގެންނެވެ. އޭނާ މިސްކިތަށް އެ އައީ، އެކަމަށް ﷲ ތަޢާލާ އޭނާއަށް ތައުފީޤު ދެއްވުމުންނެވެ. އޭނާ މިސްކިތަށް އެ އައީ، ފާފަކުން ޠާހިރުކޮށްދެއްވުމަށް އެދި ސަޖިދައިގައި އޮވެ އޭނާގެ ވެރި ރައްބަށް ދަންނަވާށެވެ. އޭނާ މިސްކިތަށް އެ އައީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށެވެ. އޭނާ މިސްކިތަށް އެ އައީ، މިހާރުގެ ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް…………..!
ތިބާ އާއި މީސްތަކުންގެ ތެރެއިން ބަޔަކު ވެގެން އޭނާ އިތުރަށް މާޔޫސްކޮށްފީމުއެވެ. މާޔޫސްކަމުން އަރައިގަންނަން ވެގެން މިސްކިތަށް އެ އައި ޒުވާނާ މިއަދު އެދިޔައީ ތިޔަ އިއްވާލި ބަސްތަކުން މާޔޫސްކަމުގެ މައްޗަށް މާޔޫސްކަން ލިބިގެންނެވެ. އުފާވެރި ދިރިއުޅުމެއްގެ ބިންގާ އެޅުމަށްޓަކައި މިސްކިތަށް އެއައި ބައްޕަ އެދިޔައީ، ހިތްވަރު ލިބެންޖެހޭ މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަލިބި ފަށައިގަންނާނެ ގޮތެއް ނޭންގިގެންނެވެ. ނޭއްގާނީ ކަންކަމުން ދުރުހެލިވެ އާއިލާއާއި އެކު އުފާވެރިކަން މަތީ އުޅުމަށްޓަކައި ނަމާދުން ފަށަން އައި އެ ޒުވާނާ އެދިޔައީ، ލިބުނު މަލާމާތުން ކުރިއަށްދާނެ ހިތްވަރު ގެއްލިގެންނެވެ.
އޭރު……! އެ ޒުވާނާ މިސްކިތަށް ފޮނުވި މަންމަ އެހުރީ އެ ޒުވާނާ އަށް އަންނާނެ ހެޔޮބަދަލަށް ފޮނި އުންމީދުކޮށްގެން ގޭގެ ދޮރުމަތީގައި ޒުވާނާގެ އިންތިޒާރުގައެވެ. އެހެނަސް، ޒުވާނާއައިސް މަންމަގެ ކޮނޑުގައި ބޯ އެޅުމަށްފަހު އަސަރާއެކު ބުނީ، ” މަންމާއެވެ! އެމީހުން އަހަންނަށް މަލާމާތްކުރީއެވެ. މިސްކިތަކީވެސް އެކަހަލަ ތަނެއްހެއްޔެވެ! މަންމާއެވެ! އެމީހުން އިތުރަށް އަހަރެންގެ ހިތުގައި ޖައްސައިފިއެވެ!”
އޭރު……..! ފިރިމީހާގެ ދިރުއުޅުމަށް ގެންނަން ބުނި ހެޔޮބަދަލުތަކަށް އުފާކޮށްގެން، ފިރިމީހާ މިސްކިތަށް ފޮނުވައިގެން ހުރި އަނބިމީހާ އެހުރީ ފިރިމީހާގެ އިންތިޒާރުގައި ގޭގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެހެނަސް، ފިރިމީހާ އައިސް އަނބިމީހާގެ ގައިގައި ބައްދާލުމަށްފަހު ބުނީ ” ލޯބިވާ އަނބިމީހާއެވެ! އަހަރެން އަދި ގޭގައި ނަމާދުކުރަން ފުރުޞަތު ދޭށެވެ. މިސްކިތުން އަހަންނަކަށް ހިތްވަރެއް ނުލިބުނެއެވެ. އެހީތެރިކަމުގެ އަތެއް ނުލިބުނެއެވެ. އެމީހުން ފެށީ ފުރައްސާރަކުރާށެވެ.!”
އޭރު…….! މީގެ ފަހުން ދެން ކޮންމެ ދުވަހަކުވެސް ދަރިފުޅު ގޮވައިގެން މިސްކިތަށްދާނެ ކަމަށް ވަޢުދުވެ މިސްކިތަށް ދިޔަ ބައްޕަގެ އިންތިޒާރުގައި އެ ދަރިފުޅުގެ މަންމަ ގޭގެ ޖޯލީގައި އިނެވެ. ބައްޕަ މިސްކިތުން އައިސް އެދުނީ އިހަށް ދަރިފުޅު އަހަންނާއެކީ މިސްކިތަށް ނުފޮނުވުމަށެވެ. ކީއްވެގެންތޯ ދަރިފުޅުގެ މަންމަ އެހުމުން، ޖަވާބުގައި ދަރިފުޅުގެ ބައްޕަ ބުންޏެވެ. ” އެއީ މިސްކިތެވެ. ހީވަނީ ވަކި ބައެއްގެ ތަނެއް ހެންނެވެ. އަހަރެން މިސްކިތަށް ދިއުމުން، ކަލެޔަށްވެސް މިސްކިތް ފެނުނީދޯއޭ ކިޔާ ފުރައްސާރަ ކުރީއެވެ. އެފަދަ އަޑެއް ދަރިފުޅަށް އިއްވާކަށް ބޭނުމެއްނޫނެވެ. އަހަރެން އެތާ ހުއްޓާ އެހެން ޒުވާނަކަށްވެސް ހަމަ އެފަދަގޮތަކަށް އެމީހުން ވާހަކަ ދެއްކިއެވެ.”
އޭ އިންސާނާއެވެ! އިޞްލާޙުވުމަށްޓަކައި ނަމާދުން ފެށުމަށްޓަކައި މިސްކިތަށް އެދިޔަ ޒުވާނާ ދެވަނަ ފަހަރަށް މިސްކިތަށް އައުމުގެ ހުރަހަކަށް ތިބާ ވީ ހެއްޔެވެ؟ އިޞްލާޙުވެ ޞާލިޙު ޢަމަލުކޮށް، ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރި ކުރުމުގެ ވަރުގަދަ ޢަޒުމުގައި މިސްކިތަށް އެރި ބައްޕަ، ދެވަނަ ފަހަރަށް މިސްކިތަށް އައުމުގެ ހުރަހަކަށް ތިބާ ވީ ހެއްޔެވެ؟ ތިބާ އާއި މިކަންކަމާއިމެދު ސުވާލު ނުވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ތިބާ ތި އަރައިގަތީ ހާދަހާ ނުބައިވެގެންވާ ޢަމަލަކަށެވެ.
އެއީ ތިބާގެ ދަރިއެއްނަމަ އެފަދައިން ބުނާނަން ހެއްޔެވެ؟ އެއީ ތިބާގެ އާއިލާ މީހެއްނަމަ އެފަދައިން ފުރައްސާރަ ކުރާނަން ހެއްޔެވެ؟ އެއީ ތިބާގެ އާއިލާއަށް ނިޞްބަތްވާ މީހެއްނަމަ އެފަދައިން ސުވާލުތައްކޮށް މާޔޫސްކޮށްލާނަން ހެއްޔެވެ؟
އޭ އިންސާނާއެވެ! ޚާލިޤު ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ އިމްތިޙާނު ކުރެއްވުމަށެވެ. އެ އިމްތިޙާނުގެ ތެރެއިން އެކި މީހުންނާއި ކުރިމަތިވާނީ އެކިވަރުގެ އިމްތިޙާނުތަކާއެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ކުށްކުރެވޭ ބައެއްގެ ގޮތުގައެވެ. އެހެނަސް އެންމެ ހެޔޮ މީހަކީ ކުށެއް ކުރެވުމުން އެ ކުށުން ތައުބާވެ، ދެން އެކުށަށް އަރައި ނުގަންނަން ޢަޒުމު ކަނޑައަޅާ މީހާއެވެ.
އޭ އިންސާނާއެވެ! މިސްކިތަކީ މިބިންމަތީގައިވާ ﷲ ތަޢާލާގެ ގެ ކޮޅެވެ. އެންމެ މުޤައްދަސް ބިނާއެވެ. އެއީ، އިލާހު ތަޢާލާއަށް އަޅުކަން ކުރުމަށްޓަކައި ބިނާ ކުރެވިފައިވާ ތަނެކެވެ. އެ މިސްކިތަށް ނަމާދުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފަސް ވަޤުތު ގޮވާލެވޭއިރު، އެ އަޑު އިވި އަސަރު ކުރާ ބަޔަކުވެސް އުޅޭނެއެވެ. ފާފަތަކުން ދުރުހެލިވެ ޙަޔާތުގެ މިސްރާބު ރަނގަޅުކުރަން ބޭނުންވެފައިވާ އެތަކެއް ޒުވާނުންނާއި މީހުން މުޖުތަމަޢުގެ ތެރޭގައި އުޅޭނެއެވެ. އެ މިސްކިތަށް ވަނުމުގެ ތަޢުފީޤު އަޅަކަށް ލިބޭނީ އެ ކަލާނގެ އެ އަޅަކަށް އެކަން އެގޮތަށް މިންވަރު ކުރެއްވުމުންނެވެ.
އޭ އިންސާނާއެވެ! ފާފަތަކުގެ މައްޗަށް ފާފަ ކުރެވި މުޅި ޙަޔާތް ބަރުބާދުވެފައިވިޔަސް މާޔޫސް ވުމެއް ނެތެވެ. އެ އިލާހު ތަޢާލާ ގޮވާލައްވަނީ މިފަދައިންނެވެ. قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
ފަހަރުގައި މިސްކިތަށް އެދިޔައީ މިފަދަ އާޔަތެއްގެ މާނަ އިވި އިޞްލާހުވާން ދިޔަ ޒުވާނަކަށްވެސް ވެދާނެއެވެ. ނުވަތަ ބައްޕަ އަކަށްވެސް ވެދާނެއެވެ. އޭނާ މިސްކިތަށް ވަދެގެން ތިބާއަށްވީ ކޮން އުނދަގުލެއްހެއްޔެވެ؟ ތިބާ އާއި ކޮން ބެހޭ ކަމެއްހެއްޔެވެ؟ އެއީ، އޭނާ އާއި އޭނާގެ ވެރި ރައްބާ ދެމެދު އޮތް ކަމެކެވެ. މީހުންގެ ހިސާބު ބެލުމަކަށް ތިބާއާއި ހަވާލުކުރެވިފައެއް ނުވެއެވެ. މީހުންގެ ފާފަ ފޮހެވުނުތޯ ނުވަތަ ނުފޮހެވޭތޯ އެއީ ތިބާއަށް އެނގުމެއްނުވާ ތިބާ ހޯދަންވެސް ޖެހޭ ކަންކަމެއް ނޫނެވެ.
މީސްތަކުން ތައުބާވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވަތެވެ. ތިބާ ނިކަންހުރެ ފުރައްސާރަކޮށް މަލާމާތް ތިކުރަނީ އެފަދައިން އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމަށްޓަކައި ދިޔަ ޒުވާނުންނަށެވެ. ހެޔޮވާނީ އަޅެ ކިހިނަކުންހެއްޔެވެ؟
އެކި މީހުންނަށް ހެޔޮ ވިސްނިފައި ހުރީ އެކިގޮތަށެވެ. ދިރިއުޅުމުގައި ދިމާވާ ބޮޑުކަމަކުންވެސް ހެޔޮމަގަށް ރުޖޫޢަވެފައިވަނީ ކިތައްކިތައް ޒުވާނުންހެއްޔެވެ. ކިތައްކިތައް ބައްޕައިން ހެއްޔެވެ. ޤުރްއާނުގެ އެންމެ އާޔަތެއްގެ މާނަ ވިސްނިގެންވެސް މީހަކަށް ހެޔޮވިސްނިދާނެއެވެ. ނުވަތަ މީހަކު ބުނެލާ ހަމަ އެންމެ ބަހަކުންވެސް މީހަކަށް ހެޔޮވިސްނިދާނެއެވެ.
މިސްކިތަށް އެ އަރަންފަށަނީ އެފަދަ މީހުންނެވެ. އެފަދަ ޒުވާނުންނެވެ. އެފަދަ ބައްޕައިންނެވެ. އެމީހުންނަށް ހިތްވަރުގެ ބަހެއް ބުނަން ނޭންގޭނަމަ ހަނު ހުންނާށެވެ. އެމީހުންނަށް އޯގާތެރިވެ އަޅާލާން ނޭންގޭނަމަ ހިމޭންވާށެވެ. ތިބާއާއި ނުބެހޭ ކަންކަމާއި ނުބެހި ހުންނަން ދަސްކުރާށެވެ.
އަޅުގަނޑުގެ ދުޢާ އަކީ، އަޅުގަނޑުމެން އެންމެންނަކީވެސް އިޞްލާޙުވާން މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް ހިތްވަރުދޭ ބަޔަކަށްވުމެވެ. އަދި އެފަދަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަކުރާ ބަޔަކަށް އަޅުގަނޑުމެން އެއްވެސް މީހަކު ނުވުމެވެ. އިޞްލާޙަށް މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އަޅުނޑުމެން އެންމެންގެ ފާފަ ފުއްސަވާ ހެޔޮރަޙުމަތް ލައްވާށި. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...