ދުވަސްވަރުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ރޯގާގެ އުނދަގޫތައް ކުރިމަތިވެފައިވޭތޯއެވެ؟ ކެއުމުގައި ހަވާދުގެ ބާވަތްތައް އިތުރުކޮށްލުމަކީ މީގެ ހައްލަކަށް ވެދާނެއެވެ. ކުޅިގަދަ ނުވަތަ މިރުސްލީ ކާތަކެތި ބޭނުންކުރުމަކީ މިހާރު މަގުބޫލުވަމުން އަންނަ ކަމެކެވެ. ކެއުމުގެ ތެރޭގައި މިފަދަ ތަކެތި ހިމެނުމުން ލިބޭ ފައިދާތަކާއި، އެކަން ކުރާނެ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.
މެޓަބޮލިޒަމް ހަލުވިކޮށްދިނުން
މިރުހުން ލިބިދޭ ކުޅިކަމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް (ކާނާ ހަކަތައަށް ބަދަލުކޮށްދޭ ނިޒާމު) ހަލުވިކޮށްދޭކަން އެނގޭތޯއެވެ؟ މިރުހަށް ކުޅިކަން ގެނެސްދޭ މާއްދާއެއް ކަމަށްވާ ‘ކެޕްސައިސިން’ އަކީ ހަށިގަނޑުގެ ކެލަރީ އަންދާލުމުގެ ގާބިލުކަން އިތުރުކޮށްދޭ މާއްދާއެކެވެ. އެހެންކަމުން، ކުޅިކޮން ކެއުމަކީ މެޓަބޮލިޒަމްގެ ދުވެލި އަވަސްކޮށްދޭނެ ކަމެކެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން (އިންފްލެމޭޝަން ކުޑަކުރުން)
‘ކެޕްސައިސިން’ އަކީ ހަމައެކަނި ކެލަރީ އަންދައިދޭ މާއްދާއެއް ނޫނެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އުފެދޭ ދުޅަ (އިންފްލެމޭޝަން) ކުޑަކުރުމަށް ވެސް މި މާއްދާ އެހީތެރިވެދެއެވެ. ވަކިން ހާއްސަކޮށް، މާބޮޑަށް ފަލަވުމާއި ހަކުރުބަލީގެ ދެވަނަވައްތަރު ފަދަ ބަލިތަކާ ގުޅިގެން ހަށިގަނޑުގައި އުފެދޭ ކުދި ދުޅަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު މި މާއްދާއަށް ލިބިގެންވެއެވެ. މިރުސް ބޭނުންކުރަން ބޭނުން ނުވާނަމަ، ރީނދޫ ނުވަތަ ފޮނިތޮށި ފަދަ ހަވާދުގެ ބާވަތްތަކަކީ ވެސް މިފަދަ ފައިދާތައް އެކުލެވޭ، ކެއުމުގައި ހިމަނާލަން ފަސޭހަ ބާވަތްތަކެވެ.
އުފާވެރިކަމުގެ އިހުސާސް ގެނެސްދިނުން
ކުޅިގަދަ އެއްޗެއް ކެއުމަށްފަހު ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވޭނަމަ، އެއީ ހީވާ ހީވުމެއް ނޫނެވެ. މިފަދަ ތަކެތި ކެއުމުން ހަށިގަނޑުން ‘އެންޑޯފިންސް’ ނަމަކަށް ކިޔާ ހޯމޯންއެއް އުފައްދައެވެ. މިއީ އިންސާނާއަށް އުފާވެރިކަމާއި އަރާމު އިހުސާސްކޮށްދޭ މާއްދާއެކެވެ. އެހެންކަމުން، މޫޑު ގޯސްވާ ވަގުތުތަކުގައި ޗޮކްލެޓްގެ ބަދަލުގައި ކުޅިގަދަ ކާތަކެތި އިޚްތިޔާރު ކުރުމަކީ ރަނގަޅު ކަމެކެވެ.
ނޭފަތް ބައްދާލުމުން ދުރުކޮށްދިނުން
އާދައިގެ ރޯގާ ނުވަތަ މޫސުމީ އެލާޖީގެ ސަބަބުން ނޭފަތް ބެދިފައިވާނަމަ، ކުޅިގަދަ ކާތަކެއްޗަކީ ގުދުރަތީ ފަރުވާއެކެވެ. މިއީ ނޭފަތުގެ ހޮޅިތައް ހުޅުވައިދީ، ނޭވާލާ ނިޒާމަށް ލުއިކަން ގެނެސްދޭ ކަމެކެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ކުޅިގަދަ ސޫޕް ތައްޓެއް ބޭނުންކުރުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ.
ކުޅިކޮން ކެވިދާނެ ބައެއް ގޮތްތައް
މިފަދަ ކާތަކެތިން ލިބޭ ފައިދާތައް އެނގުމުން، ކެއުމުގައި މިއީ ކިހިނެއް ހިމަނާނެ ކަމެއްތޯ ސުވާލު އުފެދިދާނެއެވެ. ކުޅިކޮން ކެއުމުގެ ފައިދާ ލިބިގަތުމަށްޓަކައި ކޮންމެ ކެއުމަކީ އިންތިހާއަށް ކުޅިގަދަ އެއްޗަކަށް ވާކަށް ނުޖެހެއެވެ. ފެށުމެއްގެ ގޮތުން ހެނދުނުގެ ނާސްތާގައި ބޭނުންކުރާ އޯޓްސްއަށް ކުޑަ ފޮނިތޮށިކޮޅެއް ނުވަތަ ޕާސްތާ ސޯސްގެ ތެރެއަށް ކުޑަ މިރުސްކޮޅެއް ހިމަނާލެވިދާނެއެވެ. މިކަމަށް ހަށިގަނޑު ހޭނެމުންދާ ވަރަކަށް ކުޅީގެ މިންވަރު އިތުރުކުރަމުން ގެންދެވިދާނެއެވެ.
އެހެންކަމުން، ތިޔައީ ކުޅިގަދަ ކާތަކެތީގެ ޝައުގުވެރިއެއް ކަމުގައި ވިޔަސް ނުވަތަ އަލަށް މިކަން ތަޖުރިބާކުރަން ފަށާ ފަރާތެއް ކަމުގައި ވިޔަސް، މިއީ ހަށިގަނޑަށް ފައިދާހުރި އަދި އެހާމެ މަޖާ ތަޖުރިބާއަކަށް ވާނެއެވެ. ހަމައެކަނި ހަނދާން ބަހައްޓަންވީ ކަމަކީ، ބޯނެ ފެންފޮދެއް ނުވަތަ ކިރު ތައްޓެއް ކައިރީގައި ބަހައްޓައިގެން މި ތަޖުރިބާގެ ފުރިހަމަ ފައިދާ ލިބިގަތުމަށެވެ.
ރިފަރެންސް: އޯޑްރީ މެކިނީ، 7 ޖުލައި 2025 ލިޔުއްވާފައިވާ ލިޔުމެއް
ނޯޓް: މިލިޔުން ލިޔެފައިވާ އޯޑްރީ މެކިނީ އަކީ ޕާޑޫ ޔުނިވަރސިޓީން ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ގެންދަވަނީ ޔުނިވަރސިޓީ އޮފް ވިސްކޮންސިން-މެޑިސަން އިން ކްލިނިކަލް ނިއުޓްރިޝަންގެ ދާއިރާއިން މާސްޓަރސް ފުރިހަމަކުރައްވަމުންނެވެ. މީގެ އިތުރުން މިނެސޮޓާގެ ރޮޗެސްޓަރގައި ހުންނަ މޭޔޯ ކްލިނިކްގައި ޑައިޓެޓިކް އިންޓަރންޝިޕް ވެސް އޭނާ ދަނީ ފުރިހަމަކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...