ކޮންމެ ދުވަހަކުވެސް ކެއުމުގައި ދޮންކެޔޮ ބޭނުންކުރުމަކީ އާންމުކޮށް ސިއްހަތަށް ފައިދާހުރި ކަމެއް ނަމަވެސް، މާ ގިނައިން ބޭނުންކުރުމަކީ ބައެއް މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ހާމަކޮށްފިއެވެ. އާންމު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ބޮޑު މީހަކަށް ދުވާލަކު ދެތިން ދޮންކެޔޮ ކެއުމަކީ ރައްކާތެރި މިންވަރެއް ކަމަށް ބެލެވުނު ނަމަވެސް، އޭގެ ސަބަބުން ކެލޮރީ އިތުރުވެ، އެހެން މުހިންމު ނިއުޓްރިއެންޓްސް ހަށިގަނޑަށް ލިބުމަށް ހުރަސްއެޅިދާނެ ކަމަށް ވެސް ފާހަގަކުރެވެއެވެ.
ދޮންކޭލަކީ ހަށިގަނޑަށް ބޭނުންތެރި ވިޓަމިން ސީ، ވިޓަމިން ބީ6، މެންގަނީޒް އަދި ޕޮޓޭސިއަމް ފަދަ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. މެދު ސައިޒުގެ ދޮންކެޔޮވަކެއްގައި ގާތްގަނޑަކަށް 400 އާއި 450 މިލިގްރާމާ ދެމެދުގެ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭއިރު، މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށާއި ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މާއްދާއެކެވެ. ނަމަވެސް ކިޑްނީގެ މައްސަލަތައް ހުންނަ މީހުންނަށް ލޭގައި ހުންނަ އިތުރު ޕޮޓޭސިއަމް ހަށިގަނޑުން ބޭރުކުރުމުގައި ދަތިތަކާ ކުރިމަތިވެ، “ހައިޕަކަލީމިއާ” އަށް މަގުފަހިވެ މަސްތައް ބަލިކަށިވުމާއި ހިތުގެ ވިންދު އަވަސްވުން ނުވަތަ ހުއްޓުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެއެވެ.
ހަކުރުބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކުން ދޮންކެޔޮ ކެއުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދޮންކޭލުގައި ގުދުރަތީ ހަކުރާއި ކާބޯހައިޑްރޭޓްސް އެކުލެވޭތީ، އެކަނި ކެއުމުން ލޭގެ ހަކުރު މަތިވެގެން ދިއުމުގެ ފުރުސަތު އޮންނާނެތީ، އެފަދަ ފަރާތްތަކުން ދޮންކެޔޮ ބޭނުންކުރަންވާނީ ޕްރޮޓީން ނުވަތަ ފައިދާހުރި ފެޓް ހިމެނޭ އެއްޗަކާއެކުގައެވެ. ހަމައެއާއެކު، މާބޮޑަށް ދޮންވެފައި ހުންނަ ކޭލަށް ވުރެ ތަންކޮޅެއް ރޯކޮށް ހުންނަ ދޮންކޭލުގައި “ރެސިސްޓަންޓް ސްޓާޗް” ގިނަވެފައި ހަކުރުގެ މިންވަރު މަދުވާނެއެވެ.
މީގެ އިތުރުން، ދޮންކޭލުގައި ގިނަ އަދަދަކަށް ފައިބަރުގެ އިތުރުން ފަސޭހައިން ހަޖަމުނުވާ ކާބޯހައިޑްރޭޓްސް ނުވަތަ “ފޮޑްމެޕްސް” އެކުލެވުމުގެ ސަބަބުން، ހަޖަމުކުރުމުގެ ނިޒާމު ނާޒުކު މީހުންނަށް އުނދަގޫތަކާ ކުރިމަތިވެދާނެއެވެ. ހާއްސަކޮށް “އިރިޓަބަލް ބަވަލް ސިންޑްރޯމް” (އައިބީއެސް) ހުންނަ މީހުން މާ ގިނައިން ދޮންކެޔޮ ކެއުމުން ބަނޑުގައި ގޭސް އުފެދުމާއި، ބަނޑު ފުފުމުގެ އިތުރުން ބަނޑުދިޔާވުން ފަދަ މައްސަލަތައް ކުރިމަތިވުން އެކަށީގެންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...