ބަރުދަން ބަލާއިރު ކައްޓާއަށް އެރުން އެންމެ ރަނގަޅުނޫން 7 ވަގުތު: ކޯޗެއްގެ އިރުޝާދު

ހަށިގަނޑުގެ ބަރުދަން ލުއިކުރަން އުޅޭ މީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކިރާ ކައްޓާއަށް އެރުމަކީ އާދައެކެވެ. ނަމަވެސް، ދުވާލުގެ އެކި ވަގުތުތަކުގައި ބަރުދަނަށް އަންނަ ބަދަލަކީ ހަށިގަނޑުން ސަރުބީ އިތުރުވުން ނޫން ކަމަށާއި، އެއީ ކާބޯތަކެއްޗާއި، ފެނާއި، ހޯމޯންސްގެ އިތުރުން ލޮނުގެ މިންވަރަށް އަންނަ ވަގުތީ ބަދަލެއް ކަމަށް މާހިރުން ބުނެއެވެ.
ފިޓްނަސް ކޯޗު ރިޗާ ވަރުމާ ހާމަކޮށްފައިވާ ގޮތުގައި، ހަށިގަނޑުގެ ބަރުދަން ބަލަން އެއްގޮތަކަށްވެސް ކަމުނުދާ ހަތް ވަގުތެއް ވެއެވެ.
ބަރުދަން ބަލަން އެންމެ އެކަށީގެންނުވާ 7 ވަގުތު:
- ކެއުމަށް ނުވަތަ ބުއިމަށްފަހު: ކެއުމާ އެކު ބަނޑަށްދާ ތަކެއްޗާއި ފެނުގެ ސަބަބުން ބަރުދަން މަތިކޮށް ދެއްކިޔަސް، އެއީ ހަށިގަނޑަށް އިތުރުވި ސަރުބީއެއް ނޫނެވެ.
- މައްސަރުކަންތައް ދިމާވާ ދުވަސްވަރު: މި ދުވަސްވަރު ހޯމޯންސްއަށް އަންނަ ބަދަލުތަކުން ހަށިގަނޑުގައި ފެން ހަރުލާ ގޮތްވުމުން، ބަރުދަން އިތުރުވެފައި ހުރެދާނެއެވެ.
- ކަސްރަތުކޮށް ނިމޭގޮތަށް: ކަސްރަތު ކުރުމުން ދާހިއްލައިގެން ހަށިގަނޑުން ފެން މަދުވުމުން ބަރުދަން ލުއިވިކަމަށް ދެއްކި ނަމަވެސް، އެއީ ސަރުބީ އުނިވުމެއް ނޫނެވެ.
- ރޭވުމެއް ނެތްގޮތަށް އެކި ވަގުތު ބެލުން: ދުވާލުގެ އެކި ވަގުތުތަކުގައި ކުރެވޭ ހަރަކާތްތަކާއި ކެއުމަށް އަންނަ ބަދަލުން ބަރުދަނުގެ ނަންބަރުތައް ތަފާތުވެދާނެއެވެ.
- ލޮނުގަދަ ކާނާއެއް ކެއުމަށްފަހު: ޕިއްޒާ ނުވަތަ ޗިޕްސް ފަދަ ތަކެތި ކެއުމުން ހަށިގަނޑުގައި ފެން ހަރުލާ މިންވަރު އިތުރުވެ، ވަގުތީގޮތުން ބަރުދަން މަތިވެއެވެ.
- “ޗީޓް މީލް” އެއް ނުވަތަ ހައި-ކާބް ކެއުމަކަށްފަހު: ކާބޯހައިޑްރޭޓްސްގެ ސަބަބުން މަސްތަކުގައި ފެން ރައްކާކުރާތީ، ދެތިން ދުވަސް ވަންދެން ބަރުދަން މަތިކޮށް ދައްކަފާނެއެވެ. (މީގެ އިތުރުން ބަރު އަންނައުނާއި ބޫޓުގެ ސަބަބުންވެސް ބަރުދަން ތަފާތުވެއެވެ.)
ކޯޗުގެ އިރުޝާދު: ބަރުދަން ބަލަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ހޭލައިގެން ފާޚާނާއަށް ދިއުމަށްފަހު، އަދި އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރެއެވެ. އަދި އަބަދުވެސް އެއް އުސޫލަކުން ބަރުދަން ބެލުމުން ހަށިގަނޑަށް އަންނަ ބަދަލުތައް މާ ސާފުކޮށް އެނގޭނެއެވެ.



