މާލޭގެ ސޯސަން މަގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރު، އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާ މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓާ ގުޅިގެން ސީރިއަސް ހާލަތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މާހިދާ ނިޔާވިކަން އާއިލާގެ ފަރާތުން ފުލުހުންނަށް ވަނީ އަންގާފައެވެ. ސޯސަން މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު އެކަކު އަނެކަކު ޖެހި ހިނގި މި ހާދިސާގައި މާހިދާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި، އެކްސިޑެންޓް ހިނގި ސީންގައި އޭނާ އޮތީ ހޭނެތިފައެވެ.
މި ހާދިސާގައި މާހިދާގެ އިތުރުން އުމުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެ ދެ މީހުންނަށް ފަރުވާދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސައްހަ ލައިސަންސެއް ނެތެވެ.
މި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާހިދާ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފުން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވައި، އެ މުއައްސަސާގެ އެންމެހައި މުވައްޒަފުން މި ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި މި އަހަރުގެ ޖަނަވަރީ މަހު ޚިދުމަތާ ގުޅުނު މާހިދާ، ކުރު މުއްދަތެއްގެ ތެރޭގައި ގައުމަށާއި މުއައްސަސާއަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތުގެ އަގު އިމިގްރޭޝަނުން ވަނީ ވަޒަންކޮށްފައެވެ.
އުމުރުން 26 އަހަރުގައި (2000 - 2026) މާހިދާ ވަކިވެދިއުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ މަރުހޫމާއަށް ޖަންނަތުލް ފިަރުދައުސްގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި، އާއިލާއަށް ސަބުރާއި ކެތްތެރިކަން ދެއްވުން އެދި ހެޔޮ ދުއާ ފޮނުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...