ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކުޅެ ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށް، ޗެމްޕިއަން ބާސެލޯނާއިން ސީޒަނުގަި ދައްކަމުންދާ މޮޅު ކުޅުން ތަކުރާރުކޮށްފިއެވެ.
މި މެޗު ބާސާއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަނުގައި އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗެއްގައި ފަސް ގޯލުޖަހާފައިވުމަކީ ބާސާގެ ހަލުވި އެޓޭކިން ލައިންގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެކެވެ.
ހަތަރު މެޗު ނިމުނުއިރު 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތްއިރު، 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޑެޕޮޓީވޯ އަލާވޭސްއެވެ. އަދި ތިންވަނައިގައި ރެއާލް މެޑްރިޑާއި ހަތަރުވަނައިގައި ރެއާލް ބެޓިސް އޮތީ ނުވަ ޕޮއިންޓާ އެކުގައެވެ. ރެއާލް މެޑްރިޑް މިހަފުތާގެ މެޗުން ބަލިވުމަކީ ބާސާއަށް ލީގުގެ ކުރިމަގު އިތުރަށް ފަހިވެގެންދިޔަ ކަމެކެވެ.
މި މެޗުގައި ބާސާގެ ޒުވާން ތަރި ފާމިން ލޮޕޭޒްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މެޗުގެ ހަވަނަ މިނެޓުގައި ލަމީން ޔަމާލް ޖެހި ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފާމިންއެވެ. އޭގެފަހުން މެޗުގެ 22 ވަނަ މިނެޓުގައި އެންތަނީ ގޯޑަންގެ އެހީތެރިކަމާއެކު ފާމިން ވަނީ އަމިއްލައަށް ގޯލެއްޖަހައި ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ރަފީނިއާ ލަނޑެއްޖެހިއިރު، މެޗުގެ ފަހުކޮޅުގައި ޕެޑްރީ އަދި ޔަމާލް ވަނީ އިތުރު ގޯލުތައްޖަހާފައެވެ. މި ގޯލުތައްޖެހުމުގައި ޑެނީ އޮލްމޯގެ ދައުރު ބޮޑުކަން ފާހަގަކުރެވެއެވެ. މި މޮޅާއެކު ބާސާއިން ދައްކުވައިދެނީ މި ސީޒަނުގެ ތަށި ދިފާއުކުރުމަށް އެޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...