ސިނަމާލެ ބްރިޖަށް 8 އަހަރު: ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އިތުރު އުސްމިންތަކަކަށް

ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައި، މި ބްރިޖަކީ ދެ ޤައުމުގެ މެދުގައި އޮތް އިތުބާރާއި އުންމީދުތަކުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވާފިއެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މީގެ އަށް އަހަރު ކުރިން ހުޅުވުނު “ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް” އަކީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ އެއްކޮށް ގުޅުވާލަދިން މުހިންމު އުމްރާނީ ބިނާއެކެވެ.
މީގެއިތުރުން، ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ތަރައްޤީގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ މެދުގައިވާ އެއްބައިވަންތަކަމާއި، ގުޅިގެން ހާސިލުކުރަން ބޭނުންވާ އުންމީދުތައް ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން ދުވަހުން ދުވަހަށް އިތުރަށް ވަރުގަދަވަމުންދާކަން ފާހަގަކުރައްވަމުން، މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، މުސްތަޤުބަލަށް އައު އުސްމިންތަކަކަށް ވާސިލުވުމުގެ މަގު ތަނަވަސްވަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



