ނޭޕާލުގެ ފަރުބަދަމަތީ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ކޯރުތައް ބަންޑުންވުމުގެ ސަބަބުން ހިނގަމުންދާ ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާތަކުގައި އެ ޤައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގި ސަރަޙައްދުގައި ދިވެއްސަކު ހުރިކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ އޮނޮރަރީ ކޮންސިއުލޭޓް މެދުވެރިކޮށް އެ ޤައުމުގައި ތިބި ދިވެހިންގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ޙާދިސާއާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ނުވަތަ މަޢުލޫމާތެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޚާރިޖީ ވުޒާރާގެ ހޮޓްލައިން 7983400+ ނަންބަރަށް ގުޅުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް އެޑްރެސް [email protected] އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނޭޕާލުން މިހާތަނަށް 270 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގެއްލުނު މީހުންގެ ޢަދަދު ވަނީ 826 އަށް އަރާފައެވެ. ގެއްލުނު މީހުންގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ބޭރުގެ ފަތުރުވެރިންނާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުގެ އޮފިސަރުންވެސް ހިމެނެއެވެ.
މި ކާރިސާގައި ބްރިޖުތަކާއި މަގުތައް ހަލާކުވެ، ހައިޑްރޯޕަވަރ އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. ޚާއްޞަކޮށް ރަސުވާ ޑިސްޓްރިކްޓް ފަދަ ސަރަޙައްދުތަކުގައި ފެންގަނޑު ބޮޑުވުމުގެ ސަބަބުން ރެސްކިއު ހެލިކޮޕްޓަރު ޖެއްސުމަށް ދަތިވެފައިވާއިރު، ކޯރުތަކުގެ އައްސޭރީގައި އުޅޭ މީހުން ވަގުތުން އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް ކަމާބެހޭ އިދާރާތަކުން އަންގަމުންދެއެވެ.
ޖިއޮގްރަފީ ގޮތުން ފަރުބަދަތައް ގިނަ ނޭޕާލަކީ ކޮންމެ އަހަރަކުވެސް މޮންސޫން ވިއްސާރައިގައި ފެންބޮޑުވުމުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ޤައުމަކަށްވާއިރު، އެ ޤައުމަކީ މެޑިކަލް ދާއިރާއިން މަތީ ތަޢުލީމު ހޯދުމަށް ދިވެހި ގިނަ ދަރިވަރުންތަކެއް ދިރިއުޅޭ މަންޒިލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...