ޚަބަރު މަޖިލީހުން ބިލްތައް ފާސްކުރަނީ ކަމާބެހޭ މާހިރުންގެ ލަފާ ނުހޯދައި ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

މަޖިލީހުން ބިލްތައް ފާސްކުރަނީ ކަމާބެހޭ މާހިރުންގެ ލަފާ ނުހޯދައި ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

މަޖިލީހުން ބިލްތައް ފާސްކުރަނީ ކަމާބެހޭ މާހިރުންގެ ލަފާ ނުހޯދައި ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި ގިނަ ބިލްތަކެއް ފާސްކޮށްފައިވާއިރު، އެ ބިލްތަކާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާ ނުހޯދައި އަވަސްއަރުވާލައިގެން ކަންކަން ނިންމަމުންދާތީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތައް ތަޅުމުގައި އެކަށީގެންވާ ބަހުސެއް ނުކޮށް ކޮމިޓީތަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ވެސް ހަމައެކަނި އެޓާނީ ޖެނެރަލްގެ ލަފައަކަށް ބުރަވެ، ސަރުކާރުން އެދޭ ގޮތަށް ކަންކަން ނިންމަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށްފަހު، އެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އިބްތިދާއީ ބަހުސް ކުރިއަށް ނުގޮސް އުޅެނިކޮށް ކޮމިޓީއަށް ފޮނުވާލާ ކަމަށެވެ. އަދި ދާއިރާގެ ތަޖުރިބާކާރުން ހާޒިރުކުރުމެއް ނެތި ކޮމިޓީ މަރުހަލާ ނިންމާލާތީ، އެއީ މަޖިލީހުގެ “ޑިއު ޕްރޮސެސް” ފުރިހަމަކޮށްގެން ފާސްކުރެވޭ ބިލްތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ މަސައްކަތްތައް އުސޫލުން ބޭރުން އަވަސްއަރުވާލައިގެން ކުރިއަށް ގެންދިއުމަކީ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ފާހަގަކުރެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، މެންބަރުން ބަހުސް ނުކުރައްވަނީ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައި އޮތުމުން ކަމަށެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުގައި އަހަރެއްހާ ދުވަސް ވަންދެން އޮތުމަށްފަހު، ސަރުކާރު ބަންދު ދުވަހެއްގެ ރޭގަނޑު ކޮމިޓީއެއް ބާއްވައިގެން ބިލަށް ބާބެއް އިތުރުކޮށް، މަޝްވަރާއަށް ފުރުސަތު ނުދީ ފާސްކޮށްފައިވާ ކަމަށް ވެސް ޒިޔާދު ތުހުމަތު ކުރެއްވިއެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.