އެމެރިކާއިން އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކަށް އަމާޒުކޮށް ވަރުގަދަ މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާތީ، އިޤްތިޞާދީ ހަނގުރާމަ ކުރިއަށްގެންދާނަމަ ގަލްފު ސަރަޙައްދުން ބޭރުކުރާ އެއްވެސް ތެލެއް ދަތުރުކުރުމުގެ ފުރުޞަތު ނުދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި ކުރިމަތިލުމާއެކު މެދުއިރުމައްޗާއި ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ފައިނޭންޝަލް ޓައިމްސްގައި ޝާއިޢުކުރި މަޒުމޫނެއްގައި ބަޔާންކުރީ، ހޯމަ ދުވަހު ފެށޭނީ ތާރީޚުގައި ޤައުމަކާ ދެކޮޅަށް ހިންގޭނެ އެންމެ ވަރުގަދަ މާލީ ހަމަލާ ނުވަތަ އިޤްތިޞާދީ “ޑީ-ޑޭ” އެއް ކަމަށެވެ. އަދި އީރާނުގެ މާލީ ނިޒާމާއި އިޤްތިޞާދާ ގުޅުން ދަމަހައްޓާ ޤައުމުތަކަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި، އެފަދަ ގުޅުންތަކުގެ ނަތީޖާއާމެދު ސަމާލުވުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން ޗައިނާއަށް ޕްރެޝަރު ކުރަމުންދާއިރު، ވޮޝިންގޓަންގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން އެއްވެސް މައްސަލައެއް ހައްލުނުވާނެ ކަމަށާއި، ބޭނުންވަނީ ސުލްޙަވެރި ޑިޕްލޮމެސީ ކަމަށެވެ. ޗައިނާއަކީ ތާރީޚީ ގޮތުންވެސް ގަލްފު ސަރަޙައްދުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ޤައުމެކެވެ.
އެމެރިކާގެ މި އިންޒާރުތަކަށް ރައްދުދެމުން އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޟާއީ ސޯޝަލް މީޑިއާގައި ބުނީ، އިޤްތިޞާދީ ހަނގުރާމަ ދިގުދެމިގެންދާނަމަ ހޮރުމުޒު ކަނޑުއޮޅިން ވިޔަސް އަދި ޕާޝިއަން ގަލްފުގެ އެއްވެސް ސަރަޙައްދަކުން ވިޔަސް އެންމެ ތެޔޮ ތިއްކެއްވެސް ބޭރުވިޔަ ނުދޭނެ ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ކުރާ އިޤްތިޞާދީ ހަނގުރާމައިގައި އެއްވެސް ޤައުމަކުން ބައިވެރިވެއްޖެނަމަ އެއީ އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ނުވަތަ ޢަމަލެއްގެ ގޮތުގައި ދެކޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ފާއިތުވި ހަފުތާތަކުގައި ދެފަރާތުގެ ދެމެދުގައި ސީދާ ވައިގެ އަދި މިސައިލް ހަމަލާތައް މެދުކެނޑިފައި އޮތް ނަމަވެސް، ހަ މަސް ދުވަސްވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެދެވޭ ސުލްޙައިގެ ވާހަކަތަކެއް ނުހިނގައެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި، އެ ޤައުމުގެ ޢަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އެ ހަމަލާތަކުން ގެއްލުންތައް ލިބުނު ނަމަވެސް، އަވަށްޓެރި ޤައުމުތަކަށާއި ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުފަހަރަށް ހަމަލާދިނުމުގެ މިސައިލާއި ޑްރޯން ޤާބިލުކަން އީރާނުގައި އަދިވެސް އެބަހުއްޓެވެ. މީގެ ސަބަބުން ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތައް އެޅި ދުނިޔޭގެ ތެލުގެ ބާޒާރު ވަނީ ހަލަބޮލިވެފައެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން ނައްތާލަން މަސައްކަތްކުރާ އީރާނުގެ ނިއުކްލިއާ މަޝްރޫޢުގެ މިހާރުގެ ހާލަތު އަދިވެސް ސާފުވެފައެއް ނުވެއެވެ.
އީރާނުގެ އެތެރޭގެ އިޤްތިޞާދަށް ބަލާއިރު، ހަނގުރާމައިގެ ކުރިންވެސް ބޮޑު އިންފްލޭޝަނާއި، ފައިސާގެ އަގު ދަށްވުމާއި، ހަކަތައިގެ ދަތިކަން އޮތްއިރު، ހަމަލާތަކުގައި އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުންތަކާއެކު އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އައު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޢާންމުންގެ ތަކުލީފުތައް އިތުރުވެ، އެތެރޭގެ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމަށް އީރާނުގެ އޮފިޝަލުންވެސް އިންޒާރު ދެއެވެ.
މި ހަނގުރާމައިގެ ސަބަބުން އީރާނާއި ލުބުނާނުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، އެމެރިކާ ސިފައިންގެ 18 މީހަކު މަރުވެ 750 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ދެޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައި، ޤަޠަރާއި، ތުރުކީ އަދި ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރަޙައްދީ އަމަންޤާއިމުކުރުމަށާއި އެމެރިކާގެ އައު ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު ތެހެރާނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...