ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި ތާރީޚީ މަޝްރޫޢު ކުރިއަށްގެންދާ ކުންފުނީގެ ވެރިޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް މުހިންމު ފިޔަވަޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރިވެރިންނާއި ނޫސްވެރިންނަށް ޚާއްޞަކޮށްގެން މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަރިއްކޮޅެއްގައި އަލާއްބާރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މީޑިއާތަކަށް މުހިންމު އިންޓަވިއުތަކެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
ސަރުކާރުން އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ. އަދި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތަކަށެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ހާމަކުރައްވާފައިވާ ގޮތުގައި، ރަސްމާލޭގެ އަމަލީ މަސައްކަތް ސައިޓުގައި ފެށުމުގެ ކުރިން ހުޅުމާލޭގައި 5،000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް އީގަލް ހިލްސްއިން ފަށާނެއެވެ. މިއީ މަޝްރޫޢުގެ އިބްތިދާއީ މަރުޙަލާގެ ދަށުން ކުރިއަށްދާނެ މަސައްކަތެކެވެ.
"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފުރަތަމަ އަހަރުގެ ތެރޭގައި 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިގެންދާއިރު، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ވަންނާނެ ކަމަށާއި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މުހައްމަދު އަލާއްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 168 ބުރީގެ ބުރުޖު ޚަލީފާއާއި ދުބާއީ މޯލް ތަރައްޤީކުރި މަޝްހޫރު އެމާރ ޕްރޮޕަޓީސްގެ އިތުރުން އީގަލް ހިލްސްގެ ވެސް ބާނީއެވެ. ދުނިޔޭގެ 18 ޤައުމެއްގައި އީގަލް ހިލްސްއިން ބޮޑެތި މަޝްރޫޢުތައް ހިންގަމުން އަންނައިރު، އޭގެ ތެރޭގައި މަތީ ފެންވަރުގެ 45 ލަގްޒަރީ ހޮޓަލާއި އެކި ފަތުރުވެރި މަންޒިލްތައް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...