ބޭރުދުނިޔެ

ޣައްޒާ ފްލޮޓީލާގައި ދަތުރުކުރި 341 މީހަކު އިސްރާއީލުން ޑިޕޯޓްކޮށްލައިފި

އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާއަށް ކަނޑުމަގުން އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުން ދިޔަ “ގްލޯބަލް ސުމޫދު ފްލޮޓީލާ” އަށް އިސްރާއީލު ސިފައިން ހުރަސްއަޅައި، އެ ދަތުރުގައި ބައިވެރިވި 341 މީހުން ޑިޕޯޓްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި ދަތުރުގައި 40 އަށް ވުރެ ގިނަ އުޅަނދު ބައިވެރިވެފައިވެ އެވެ.

ހޯމަ ދުވަހުގެ ރޭ ޣައްޒާގެ ކަނޑުގެ ސަރަހައްދަށް މި އުޅަނދުތައް ވަނުމާއެކު އިސްރާއީލު ސިފައިންގެ އެތައް އުޅަނދެއް ގޮސް ފްލޮޓީލާއަށް ހުރަސްއަޅާ، ފެންޖެހުމަށްފަހު ބޯޓުތަކަށް އަރާފައިވެ އެވެ. އަދި އުޅަނދުތަކާއި ދަތުރުގައި ބައިވެރިވި ފަރާތްތައް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ދަތުރުގައި ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ހިމެނޭހެން 500 ވަރަކަށް މީހުން ބައިވެރިވި އެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. މި ވީޑިއޯގައި ސްވިޑެންގެ މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެނެ އެވެ.

އިސްރާއީލު ފޮރިން މިނިސްޓްރީން “ހަމާސް-ފްލޮޓީލާ” ގެ ގޮތުގައި މި ދަތުރު ސިފަކޮށް ބުނީ ތަންބާގް އާއި އޭނާގެ އެކުވެރިން އިސްރާއީލުގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި “އެންމެންގެ ހާލު ވެސް ރަނގަޅު” ކަމަށެވެ.

ރަމްޒީ މި ދަތުރުގެ މަޤްސަދަކީ އިސްރާއީލުން ކަނޑުމަގުން ޣައްޒާ ބަންދުކޮށްފައި އޮންނަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަން ދުނިޔެއަށް ހާމަކޮށް، މި ހިސާރު ނިމުމަކަށް ގެނައުމެވެ. ނަމަވެސް އިސްރާއީލުން ބުނަމުންދަނީ “ހަމާސްއާ ހަނގުރާމަކުރާއިރު” ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުން ޤާނޫނީ ގޮތުން ހުއްދަ ކަމަށާއި، އެ ސަރަހައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.

ފްލޮޓީލާއިން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ބައެއް އުޅަނދުތައް މިހާރުވަނީ އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އިސްރާއީލުން ހުރަސްއެޅި އިރު ފްލޮޓީލާގެ އުޅަނދުތައް ތިބީ ޣައްޒާގެ އައްސޭރިފަށާ 70 ނޯޓިކަލް މޭލް (130 ކިލޯމީޓަރު) ދުރުގައި ކަމަށާއި، އިސްރާއީލުން ނުހުއްޓުވާ ބައެއް އުޅަނދުތައް އަދިވެސް ދަތުރުކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޣައްޒާއަށް އެހީ ދިނުމުގެ މަޤްސަދުގައި ފްލޮޓީލާގެ ދަތުރުތައް މީގެކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މި ހުރިހާ ދަތުރުތަކަކަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ހުރަސްއަޅާފަ އެވެ. އެގޮތުން، 2010 ވަނަ އަހަރުގެ “މާވީ މަރްމަރާ” ފްލޮޓީލާ އަކީ އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ. މި ހާދިސާގައި، އިސްރާއީލު ސިފައިން ބޯޓަށް އަރައި ތުރުކީގެ 10 އެކްޓިވިސްޓުން މަރާލާފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އިސްރާއީލަށް އަމާޒުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ދިޔަ އެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ޣައްޒާގެ ހާލަތާއި ހިސާރުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ފްލޮޓީލާގެ ދަތުރުތަކުން އެހީތެރިވެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close