މިއަހަރުގެ ރަމަޟާން މަހުގެ އޮޕަރޭޝަނަލް ޕްލޭން ކާމިޔާބުކަމާއެކު ނިންމާލެވުނު – ސައުދީ

ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިއަހަރުގެ ރަމަޟާން މަހުގެ އޮޕަރޭޝަނަލް ޕްލޭން ކާމިޔާބުކަމާއެކު ނިންމާލައިފިކަން ހާމަކޮށްފިއެވެ.
ދެ ހަރަމްފުޅުގެ ކަންތައްތަކާ ބެހޭ އާންމު އޮތޯރިޓީން ވަނީ، މިއަހަރުގެ ރަމަޟާން މަހަށް އެކުލަވާލި އޮޕަރޭޝަނަލް ޕްލޭން ވަރަށް ފުރިހަމައަށް ކުރިއަށްދިޔަކަން ފާހަގަކޮށް، އެކަމަށް ތައުރީފުކޮށްފައެވެ. އަދި ދުނިޔޭގައި ކުރިއަށްދާ އެންމެ ބޮޑު އަދި އެންމެ އުނދަގޫ ކްރައުޑް މެނޭޖްމަންޓް ނުވަތަ މީހުން ގިނަވެ ތޮއްޖެހޭ ހާލަތްތައް ބެލެހެއްޓުމުގައި ސައުދީ އަރަބިއްޔާގެ ހުރި ގާބިލުކަން މި ކާމިޔާބީން ހާމަވެގެންދާކަން އެ އިދާރާއިން ފާހަގަކުރިއެވެ.
މިދިޔަ ރަމަޟާން މަހު މިލިއަނަކަށްވުރެ ގިނަ މީހުން ދެ ހަރަމްފުޅަށް ޒިޔާރަތްކޮށްފައިވާއިރު، އެއްވެސް ދަތިކަމެއް ނެތި، އިންތިޒާމުތައް ފުރިހަމަކޮށް، އަޅުކަން ކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ. މިއީ ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ސައުދީ ސަރުކާރުން ބަހައްޓާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
އޮތޯރިޓީން އިތުރަށް ހާމަކުރި ގޮތުގައި، މި ކާމިޔާބީއަކީ ކުރިއާލައި ރޭވިފައިވާ ހަރުދަނާ ނިޒާމެއްގެ ދަށުން، ސަލާމަތީ ބާރުތަކާއި، ސިއްހީ އަދި ޚިދުމަތްދޭ އެކި އިދާރާތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. މިގޮތުން، މީހުން ގިނަވާ ވަގުތުތަކުގައި ކަންކަން ތަރުތީބުކުރުމާއި، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން، އަޅުކަންކުރަން އަންނަ ފަރާތްތަކަށް ރޫހާނީ ގޮތުން ހިތްހަމަޖެހޭ މާހައުލެއް ވަނީ ގާއިމުކޮށްދެވިފައެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް ތިބޭ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، 18،000 އަށްވުރެ ގިނަ މުވައްޒަފުންނާއި، ގާތްގަނޑަކަށް 6،000 އުޅަނދު ވަނީ މި އޮޕަރޭޝަނުގައި ބޭނުންކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ޒިޔާރަތްތެރިންނަށް ބޭނުންވާ އިރުޝާދު ދިނުމާއި، ސިއްހީ އެހީތެރިކަމާއި، ތަރުޖަމާ ކޮށްދިނުމުގެ އިތުރުން، ކެއިންބުއިމާއި އެހެނިހެން ޟަރޫރީ ޚިދުމަތްތައް ވަނީ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީފައެވެ. މީގެ ބޭނުމަކީ އެންމެހައި އަޅުވެރިންނަށް އުނދަގުލެއް ނެތި، ހިތްހަމަޖެހުމާއެކު އަޅުކަމުގައި ވަގުތު ހޭދަކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.



