ބޭރުދުނިޔެ

އިސްރާއީލު ސިފައިން ސޫރިޔާގެ ދެކުނުގެ ސަރަހައްދަކަށް ވަދެގަނެ ބަޔަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ސިފައިން ސޫރިޔާގެ ދަރްޢާ ސަރަހައްދުގެ ވަދީ އަލް-ރަޤާދަށް ވަދެގަނެ، ސޫރިޔާގެ ދެކުނުގައިވާ ޤުނައިތުރާގެ އަވަށްތަކަށް ނިސްބަތްވާ ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ (ސަނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަތް އަސްކަރީ އުޅަނދުގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ފައުޖަކުން ބުދަ ދުވަހު ވަދީ އަލް-ރަޤާދަށް ވަދެ، އަލް-ރަޤާދު ފާލަންމަތީގައި ޗެކްޕޮއިންޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ތަލް އަބޫ އަލް-ޣީޘާރު ގޭޓް ކައިރީގައި އިތުރު ހަ އުޅަނދެއް ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

އިސްރާއީލު ސިފައިން ހައްޔަރުކޮށްފައިވަނީ ޤުނައިތުރާގެ ދެކުނު ސަރަހައްދުގައިވާ ޢައިން އަލް-ޢަބްދު، ކޮޑްނާ، އަދި އަލް-އަޞްބާ މި އަވަށްތަކަށް ނިސްބަތްވާ ހަ މީހުންނެވެ. އަދި ހަމަ އެ ސަރަހައްދުގައިވާ ސައިދާ އަލް-ގޯލާން އަވަށަށް ވެސް އިސްރާއީލު ސިފައިން ވަނީ ވަދެގަނެފައެވެ.

ސޫރިޔާގެ ސަރުކާރުން ވަނީ އިސްރާއީލުން އެގައުމުގެ ސަރަހައްދަށް ވަދެގަނެ، ހިންގަމުންދާ ރޭޑްތަކާއި، ހައްޔަރުކުރުންތަކާއި، އަދި ބިންތައް ސުންނާފަތިކުރުމުގެ އަމަލުތައް ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ. މިފަދަ އަމަލުތަކަކީ 1974 ވަނަ އަހަރުގެ “ޑިސްއެންގޭޖްމަންޓް އެގްރީމަންޓް” (ސުލްހައިގެ އެއްބަސްވުން) އާ ކަނޑައެޅިގެން ހިލާފު ކަންކަން ކަމަށް ސޫރިޔާއިން ބުނެއެވެ.

ސަނާ ނޫސް އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ސޫރިޔާގެ ބިމުގައި އިސްރާއީލު ސިފައިން ތިބުމަކީ އެއްވެސް ގޮތަކުން ގާނޫނީ ސިފައެއް އޮތް ކަމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ ހުރިހާ ހަރަކާތްތަކަކީ ބާތިލު، އަދި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް އަމަލުތަކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close