ހާޝިމް ސަފީއުއްދީން އަވަހާރަވިކަން އިޒްރޭލަށް ކަށަވަރެއްނޫން: ތަރުޖަމާނު

ހިޒްބުﷲގެ އަވަހާރަ ކޮށްލެވިފައިވާ ލީޑަރު ހަސަން ނަސްރުﷲއަށްފަހު އެ ޖަމާޢަތުގެ ލީޑަރުކަމަށް އަންނާނެ ކަމަށް ބެލެވޭ އިސް ފަރާތެއް ކަމަށްވާ ހާޝިމް ސަފީއުދީން އަވަހާރަވެފައިވާކަން ކަށަވަރު ނުކުރެވޭ ކަމަށް އިސްރާއީލުގެ ސަރުކާރުގެ ތަރުޖަމާނެއް މިއަދު ބުނެފިއެވެ.
އިސްރާއީލުން މިހެން ބުނެފައި މިވަނީ ފާއިތުވި ހަފުތާގައި އިސްރާއީލުން ސަފީއުއްދީން އަވަހާރަކޮށްލުމަށް ދިން ވައިގެ ހަމަލާތަކެއްގައި ސަފީއުއްދީން އަވަހާރަ ވެފައިވާ ކަމަށް ބައެއް އިދާރާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހާޝިމް ސަފީއުއްދީން އަވަހާރަވެފައިވާކަން ކަށަވަރުކުރެވޭތޯ ނޫސްވެރިޔަކު އެހުމުން، ތަރުޖަމާނު ޑޭވިޑް މެންސަރ އޮންލައިން ބްރީފިންގެއްގައި ބުނެފައިވަނީ އެކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި އެކަން ކަށަވަރުވުމުން އައި.ޑީ.އެފްގެ ވެބްސައިޓުގައި އެކަން ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.
ހިޒްބުﷲގެ އިސް ވެރިއެއް އިއްޔެ ރޮއިޓަރސްއަށް ބުނެފައިވަނީ ސަފީއުއްދީން ހުރި ކަމަށް ބެލެވޭ ސަރަހައްދު ހިމެނޭގޮތަށް ބެއިރޫތުގެ ދެކުނު ފަރާތު ރަށްވެހި ސަރަހައްދުތަކަށް އިސްރާއީލުން ބޮން އެޅި ދުވަހު، ރެސްކިއުޓީމްތަކުގެ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ހިޒްބުﷲއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ސަފީއުއްދީންގެ ހާލަތާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައިނުވާއިރު، އޭނާ ދުނިޔޭގައި ހުންނެވިކަން ނުވަތަ ނޫންކަން ވެސް ހިޒްބުﷲއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހަނުހުރުމަކީ އިސްރާއީލުގެ ހަމަލާއާ ގުޅިގެން ހިޒްބުﷲއިން އާންމުކޮށް ގެންގުޅޭ އުސޫލެކެވެ.


