ބޭރުދުނިޔެ

ޕޫޓިން ހުރީ ހަމަހެއަކުނޫން، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެބަވިސްނަން: ޓްރަމްޕް

ޕޫޓިން ހުރީ ހަމަހޭގައި ނޫން ކަމަށާއި ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ޔޫކްރެއިނަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާއާ ރަޝިއާއިން ދިނުމާ ގުޅިގެންނެވެ.

މިމޭރުމުން ޓްރަމްޕް ވާހަކަފުޅު ދެއްކެވީ، ޔޫކްރެއިންގެ ރައްޔިތުން ނިދާފައި ތިއްބައި، ވިދިވިދިގެން ތިންވަނަ ރޭ ރަޝިޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންދަނިކޮށް، އޭނާގެ “ޓްރޫތު ސޯޝަލް” ޕްލެޓްފޯމްގައެވެ.

ޔޫކްރެއިންގެ އެއާ ފޯސްއިން ބުނީ ރަޝިޔާއިން އެންމެރެއްގައި ވެސް 355 ޑްރޯނާއި ނުވަ ކްރޫޒް މިސައިލް ޔޫކްރެއިނާ ދިމާއަށް ފޮނުވާލާފައިވާ ކަމަށާއި، މިއީ މިހާތަނަށް ހަނގުރާމައިގައި ރަޝިޔާއިން ދިން އެންމެ ބޮޑު ޑްރޯން ހަމަލާ ކަމަށެވެ.

“އޭނާއަށް (ޕޫޓިންއަށް) ކޮންމެވެސް ކަމެއް ވެއްޖެ. އޭނާ ހަމަހޭގައި ނެތް! އަބަދުވެސް އަހަރެން ބުނަމުން އައީ އޭނާ ބޭނުންވަނީ ހަމައެކަނި ޔޫކްރެއިނުގެ ބައެއް ނޫން، މުޅި ޔޫކްރެއިން ކަމަށް، އަދި އެކަން އެހެން ސާބިތުވެއްޖިއްޔާ އެއީ ރަޝިޔާގެ ނިމުމަށް މަގުފަހިވާނެ ކަމެއް!” ޕޫޓިންއާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ދަނީ ޒެލެންސްކީއަށް ވެސް ފާޑުވިދާޅުވަމުންނެވެ. “އޭނާ ވާހަކަ ދައްކާ ގޮތުން އޭނާގެ ގައުމަށް އެއްވެސް ފައިދާއެއް ނުކުރާނެ، “އޭނާގެ އަނގައިން ނިކުންނަ ކޮންމެ އެއްޗަކުން މައްސަލަތައް ކުރިމަތިވާނެ، އަހަންނަކަށް އެކަމެއް ކަމަކު ނުދޭ، އަދި އެކަން ހުއްޓާލަންވީ” ޓްރަމްޕް ވިދާޅުވިއެވެ.

ޕޫޓިން މޮޔަވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކައާ ގުޅިގެން، ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ އެކަމަށް ރިއެކްޓް ކޮށްފައެވެ. ޓްރަމްޕް އާއި އެހެން ފަރާތްތައް ވެސް “އިމޯޝަނަލީ އޯވާލޯޑް” ވެފައި ތިބި ކަމަށް ވަނީ އިޝާރާތް ކޮށްފައެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޯވް ވިދާޅުވީ “މިއީ ވަރަށް ނާޒުކު ވަގުތެއް ކަމަށާއި، މިއީ ހަމަގައިމުވެސް އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔަންވީ ވަގުތު ނޫންކަމަށެވެ.

ރަޝިޔާގެ ހަމަލާތައް ފަސް ސަރަހައްދަކަށް އަރާފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ ދިފާއީ ބާރުން ބުނެއެވެ. ހުޅަނގުގެ ޚްމެލްނިޓްސްކީ ސަރަހައްދުގައި ހުންނަ އަސްކަރީ އެއާބޭހަކަށް އަމާޒުކޮށް ހަތް ކްރޫޒް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯން ފޮނުވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ސިނާއީ މަރުކަޒުތަކަށް ގެއްލުން ލިބިފައިވާއިރު، އޮޑޭސާ ސަރަހައްދުގައި 14 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ އެމީހުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޚްމެލްނިޓްސްކީ ސަރަހައްދުގައި ހުންނަ ޔޫކްރެއިނުގެ ސްޓާރޮކޮންސްޓިއަންޓިނިވް އެއާބޭހަށް ކަމަށެވެ.

ޓްރަމްޕްގެ ފާޑުކިޔުންތަކަށް ޒެލެންސްކީ، ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއިން ޕޫޓިންއަށް ހަގީގީ ފިއްތުންތައް ކުރިމަތިކުރުމަށްވުރެ ބޮޑަށް އޭނާއާ ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރަމުންދާހެން ހީވާ ކަމަށެވެ. އަދި ރަޝިޔާ ހިފެހެއްޓޭނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ކަމަށާއި، ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ އަނެއްކާވެސް ގޮވާލެއްވިއެވެ.

މި ހަނގުރާމައިގެ އެންމެ ބޮޑު ވައިގެ ހަމަލާގައި، ރަޝިޔާއިން ވަނީ އާދީއްތަ ދުވަހުގެ ރޭ ޔޫކްރެއިނުގެ ސިޓީތަކަށާއި އެހެނިހެން އަމާޒުތަކަށް މަދުވެގެން 367 ޑްރޯނާއި މިސައިލުން ހަމަލާދީ، އުތުރުގެ ޒީޓޮމީރް ސަރަހައްދުގައި ތިން ކުޑަކުދިން ހިމެނޭގޮތަށް މަދުވެގެން 12 މީހުން މަރާލާފައިވާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ވިދާޅުވެއެވެ. މިއީ ހަތިޔާރު ބޭނުންކުރި މިންވަރަށް ބަލާއިރު ހަނގުރާމައިގެ އެންމެ ބޮޑު ހަމަލާ ކަމަށް ފާހަގަކުރެވިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close