ޚަބަރު

ބަހްރެއިން ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން، ބަޙްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހު، ބަޙްރައިންގެ ޝާހީ ގަނޑުވަރު، ޤުޟައިބިއްޔާއިން، އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، ބަޙްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފަ އެވެ. މިބައްދަލު ކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރާއްޖެ އާއި ބަޙްރައިން އާއި ދެމެދު ހަތަރު އެއްބަސްވުމެއް ބަދަލުކުރައްވައި، ދެޤައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ، ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބަޙްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން އާއި ބައްދަލު ކުރައްވާފަ އެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، ބަޙްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.

ރައީސްގެ ދެ ކަނބަލުން ބަހްރައިނަށް ކުރެއްވި މިފުރަމާނަ ދަތުރުފުޅަކީ، މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެޤައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close