ހުޅުމާލޭގައި ސަރުކާރުން ބިނާކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ތަންތަނުން ޤަވާޢިދުން ކުލި ނުދައްކާ ކަމަށާއި، މިގޮތުން ނުލިބި ހުރި ކުލީގެ ޢަދަދު މިހާރު 700 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަން އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ކުންފުނީގެ ބެލުމުގެ ދަށުގައިވާ 12،000 އަށްވުރެ ގިނަ ފްލެޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ޔުނިޓުން ކުލި ނުދައްކަނީ އެކި ސަބަބުތަކާއި މާލީ ދަތިތަކާ ހުރެ ކަމަށެވެ. މީގެ ތެރޭގައި ފްލެޓާ ޙަވާލުވިފަހުން އެއްވެސް ފައިސާއެއް ނުދައްކާ ފަރާތްތަކާއި މެދުކެނޑިގެން ދައްކާ ފަރާތްތައް ހިމެނޭއިރު، އެ ފަރާތްތަކަށް ކޮންމެ ތިން މަހަކުން "ޕޭމަންޓް އެޑްވައިސް" ނޯޓިސް ފޮނުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ޢިމާރާތްކުރި "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ 3،362 ޔުނިޓުން ޤަވާޢިދުން ފައިސާ ދެއްކި ނަމަވެސް، 564 ފްލެޓަކުން އަދިވެސް ކުލި ނުދައްކާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ސޯޝަލް ހައުސިންގ ފްލެޓްތައް ޤަވާޢިދާ ޚިލާފަށް ބޭރު މީހުންނަށް ކުއްޔަށް ދިނުން ހުއްޓުވުމަށްޓަކައި ހިޔާ ޓަވަރުތައް ފާސްކޮށް، އެފަދަ ފަރާތްތައް ނެރުމަށް ފްލެޓްތަކުގެ ވެރިންނަށް އަންގަމުންދާ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...