އިންޑިއާގެ ހަރިޔާނާ ސްޓޭޓުގެ ކުރުކްޝޭތުރާގައި އަންހެނަކު އޭނާގެ ފިރިމީހާ އަނިޔާވެރިކޮށް މަރާލުމަށްފަހު، ހަށިގަނޑުން ގޮހޮރު ނަގަން އުޅެނިކޮށް ފަޅާއެރުމުން ޓެރަހުން ފުންމާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުރުކްޝޭތުރާގެ ޕެހޯވާ ރޯޑުގައި ދެމަފިރިން ކުއްޔަށް އުޅެމުންދިޔަ ގެއެއްގައެވެ. މަރުވެފައިވަނީ އުއްތަރު ޕްރަދޭޝްގެ ދާމްޕޫރަށް ނިސްބަތްވާ އުމުރުން ދުވަސްވީ މަސައްކަތްތެރިއެއް ކަމަށްވާ ރާޖޭޝްއެވެ. އޭނާ މަރާލި ކަމުގެ ތުހުމަތު ކުރެވެނީ އަނބިމީހާ ވިމްލާ ދޭވީގެ މައްޗަށެވެ.
ގޭގެ ވެރިމީހާ ބުނި ގޮތުގައި، ހަވީރުގެ ވަގުތެއްގައި ދެމަފިރިން ޒުވާބުކުރާ އަޑު އިވިގެން ޓެރަހަށް ދިޔައިރު، ރާޖޭޝް އޮތީ ބަނޑު ކަފާލައި ލެއިން ތަތްތެޅިފައެވެ. އަދި އޭނާގެ ހަށިގަނޑުން ނެރުނު ގޮހޮރުގެ ބައިތައް ކޮތަޅަކަށް އަޅަން ވިމްލާ ހުއްޓާ ފެނުމުން، އެކަން ފަޅާއެރުމާއެކު ބިރުން ގޮސް އޭނާ ވަގުތުން ޓެރަހުން ތިރިއަށް ފުންމާލީއެވެ. ޓެރަހުން ވެއްޓި ލިބުނު އަނިޔާތަކަށް މިހާރު ވިމްލާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވި ގޮތުގައި ރާޖޭޝްގެ ބަނޑު ވަނީ ތޫނު އެއްޗަކުން 35 ސެންޓިމީޓަރަށް ޒަޚަމްކޮށް ކަފާލައިފައެވެ. މީގެއިތުރުން، އޭނާގެ މޭގަނޑުން ބޮޑު ބަޔަކާއި ކަނާތު ކިޑްނީ ވެސް ހަށިގަނޑުގައި ނެތްކަން ވަނީ އެނގިފައެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ތަނުން ތިން ވަޅި ހޯދައި، އެ ގުނަވަންތަކަށް ވީގޮތް ތަހުގީގު ކުރަން ފަށައިފައެވެ.
އަވަށްޓެރިން ބުނާ ގޮތުގައި ވިމްލާއަކީ ސިހުރު ހަދައި، ސަގާފީ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އައި މީހެކެވެ. ދަރިއަކު ނުހުންނަ މި ދެމަފިރިންގެ މެދުގައި އަބަދުވެސް ޒުވާބު ހިނގާ ކަމަށް މައުލޫމާތު ލިބެއެވެ.
މި އަނިޔާވެރި ގަތުލު ހިންގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް، ފުލުހުން މިހާރު އަންނަނީ ފޮރެންސިކް ހެކިތަކާއި ޕޯސްޓްމޯޓަމް ރިޕޯޓުގެ އަލީގައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...