ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވައިގެ މުދާ އުފުލުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ތަރައްގީކުރި އައު ކާގޯ ޓާމިނަލުން ވިޔަފާރި އޮފީސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއޭސީއެލް އިން ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ކުއްޔަށް ދޫކުރާ އޮފީސް ޖާގަތައް ލިބޭ ފަރާތްތަކަށް އެ ތަނުގައި ޚިދުމަތް ދިނުމުގެ ރަސްމީ އޮޕަރޭޓިންގ ލައިސަންސް ލިބިގެންދާނެ ކަމަށާއި، މި ތަންތަން ހިންގަން ވާނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ސިވިލް އޭވިއޭޝަންގެ ހުއްދަ އޮންނަ ކާގޯ އެއާލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓްރީވެފައިވާ ކްލިއަރިންގ އެންޑް ފޯވަޑިންގ އެޖެންޓުންނާއި ކޫރިއާ ޚިދުމަތް ދޭ ފަރާތްތަކަށެވެ.
ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮގަސްޓު 2026 ގެ ހެނދުނު 10:15 ގެ ކުރިން ޓެންޑާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭއިރު، އަގު ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑިއަކީ 6 ސެޕްޓެންބަރު 2026 ގެ ހެނދުނު 10:15 އެވެ.
މި ބީލަން ކާމިޔާބުކުރާ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، އެމްއޭސީއެލްއަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ބަލައިގެންނެވެ.
ވީއައިއޭގެ ބޮޑު މާސްޓަރ ޕްލޭނުގެ ދަށުން ގާއިމުކުރި މި އައު ކާގޯ ޓާމިނަލަކީ އަހަރަކު 100،000 މެޓްރިކް ޓަނުގެ މުދާ ހޭންޑްލްކުރުމުގެ ގާބިލުކަން ލިބިފައިވާ، ޒަމާނީ ކޯލްޑް ސްޓޯރޭޖާއި ޚާއްސަ ވަސީލަތްތަކާއެކު ރާއްޖޭގެ ވިޔަފާރީގެ ވިއުގަ އަވަސްކޮށްދިނުމަށް އެކުލަވާލާފައިވާ މުހިންމު ބިނާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...