ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގެ ކުޅުން މަނަދޫގައި ފަށައި، މަނަދޫއާއި މާފަރުން ވަނީ ފެށުން ރަނގަޅުކޮށް ފުރަތަމަ މެޗުތަކުން މޮޅުވެފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މަނަދޫއާއި ޅޮހިއެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ރައުފަތު އަބޫބަކުރު ޖެހި ލަނޑުން މަނަދޫއިން ވަނީ ކުރިހޯދާފައެވެ. އަދި ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ހުސެއިން ޝައިހާން ޖެހި ލަނޑާއެކު މަނަދޫއިން ވަނީ 0-2 އިން ޅޮހީގެ މައްޗަށް ކުރިހޯދާފައެވެ.
މި އަތޮޅުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި މާފަރުން ވަނީ 3-5 އިން މަގޫދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އައިހަމް ހަމްދޫން އަދި އިމާދު އަލީ ޖެހި ލަނޑުތަކުން މާފަރުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިބްރާޙީމް ޒަކަރިއްޔާ މާފަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ދެ ލަނޑަކީ އިރުޝާދު އަދުނާން ޖެހި ލަނޑަކާއި މަގޫދޫގެ މުހައްމަދު އިހުޝާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މަގޫދޫއިން ޖެހި ތިން ލަނޑުވެސް ދެވަނަ ހާފުގައި ފެނިގެންދިޔައިރު، އޭގެ ތެރެއިން ދެ ލަނޑު މުހައްމަދު އިރުޝާދު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާހިދެވެ.
ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި އަތޮޅު ބުރުގެ މެޗުތަކަށްފަހު، ޖެހި ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނައިގައި މަނަދޫ އޮތްއިރު ދެވަނައިގައި އޮތީ މާފަރެވެ. ތިންވަނައިގައި ޅޮހި އޮތްއިރު ތާވަލުގެ ފުލުގައި އޮތީ މަގޫދޫއެވެ.
މި އަތޮޅުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...