ޚަބަރު ޒަކާތު ފަންޑުން ފަޤީރުންނަށް 38 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޒަކާތު ފަންޑުން ފަޤީރުންނަށް 38 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޒަކާތު ފަންޑުން ފަޤީރުންނަށް 38 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒަކާތު ހައުސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 38.18 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.

މީގެ އިތުރުން ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ދަރަނިވެރިންގެ ބައިން 1 މިލިޔަން ރުފިޔާ ޚަރަދުކުރިއިރު، މުއައްލަފަތު ޤުލޫބުހުމްގެ ބަޔަށް 3500 ރުފިޔާ ދޫކޮށްފައިވެއެވެ.

އެހީއަށް އެދި ޒަކާތު އިދާރީ ކޮމިޓީއަށް ހުށަހެޅި 2111 މައްސަލައިގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސައިދީފައެވެ. މިއާއެކު ޖުމްލަ 23.14 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބަޔެއް ހޭދަވެފައިވަނީ ބޭސްފަރުވާއަށެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާއަށް 5.2 މިލިޔަން ރުފިޔާ އަދި ޓްރާންސްޕްލާންޓްތަކަށް 3.5 މިލިޔަން ރުފިޔާ ހަމަޖައްސައިދިނެވެ. އަދި ސިކުނޑީގެ ބަލިތަކަށް 1.6 މިލިޔަން ރުފިޔާ، ފުއްޕާމޭގެ ބަލިތަކަށް 929،403 ރުފިޔާ، ހިތުގެ ބަލިތަކަށް 710،101 ރުފިޔާ، ކިޑްނީ ބަލިތަކަށް 646،251 ރުފިޔާ އަދި އެހެނިހެން ބަލިތަކުގެ ފަރުވާއަށް 10.3 މިލިޔަން ރުފިޔާ ޚަރަދުކުރެވުނެވެ.

ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލުމުން މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމު އަދި އަތޮޅުތަކުން 311 ފޯމު ލިބުނެވެ. އަދި މިދިޔަ އަހަރުގެ މެއި 28ގެ ނިޔަލަށް 77 ރަށަކުން އެއްވެސް މީހަކު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ނުވާއިރު، އެ މުއްދަތުގައި ޖުމްލަ 2852 މީހުން ދަފްތަރުގައި ރަޖިސްޓަރީކުރެވުނެވެ.

މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބުނުއިރު، ދަފްތަރުގައިވާ 2772 މީހުންނަށް ބޮލަކަށް 4500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ބަހާފައިވެއެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 107.20 މިލިޔަން ރުފިޔާ ލިބުނުއިރު، 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާގެ ރޭޓުން ޖުމުލަ 14.26 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ.


ޓެގް

ޒަކާތުފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.