ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭނަމަ އިސްލާމީ ޝަރީޢަތުގެ މައިގަނޑު ދެ މަޞްދަރު ކަމުގައިވާ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ހިފެހެއްޓުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ. މިއީ މާތް ﷲ އިންސާނުންނަށްޓަކައި ޚިޔާރުކުރައްވާފައިވާ ފުރިހަމަ ދީނުގެ އެންމެ މުހިންމު އަސާސެވެ.
މާތް ﷲ އަށް ކިޔަމަންގަތުމަށް އަންގަވާފައިވާ ފަދައިން މާތް ނަބިއްޔާއަށް ތަބާވުމަކީ ކީރިތި ޤުރްއާނުން މުސްލިމުންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެކަލޭގެފާނުގެ އަމަލުފުޅުތަކާއި ބަސްފުޅުތަކަކީވެސް ވަޙީގެ ތެރެއިން ހިމެނޭ އެއްޗަކަށް ވާއިރު، މުސްލިމުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަލޭގެފާނަކީ އެންމެ ރީތި ނަމޫނާ ކަމުގައި ބަލައިގަންނަން ޖެހެއެވެ.
ސުންނަތަކީ ހަމައެކަނި ކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތް ކަންތައްތަކެއްގެ ގޮތުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ އޮތުމަކީ ބޮޑު އޮޅުމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. ނަމާދާއި ޙައްޖު ފަދަ މުހިންމު އަޅުކަންތައްތައް ފަރުޟުކުރެއްވިކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، އެކަންކަން ޢަމަލީ ގޮތުން ފުރިހަމަކުރާނެ ގޮތުގެ ތަފްސީލުތައް ލިބެން އޮތީ ސުންނަތުން ކަމަށްވާތީ، ހަމައެކަނި ޤުރްއާނަށް ބަރޯސާވެގެން ދީނަށް އުޅުމަކީ ވާނެކަމެއް ނޫންކަން ވަނީ ބަޔާންކޮށްފައެވެ.
މި ދެ މަޞްދަރުގެ ގުޅުން ޚުޠުބާގައި ސިފަކޮށްދީފައިވަނީ ޝަހާދަތުގެ ދެކަލިމައާ އެވެ. މާތް ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުން ވަކިނުކުރެވޭނެ ފަދައިން، ޤުރްއާނާއި ސުންނަތަކީވެސް ވަކިކުރެވޭނެ އެއްޗެއް ނޫންކަމަށާއި، ޤިޔާމަތާ ހަމައަށްވެސް އިސްލާމީ ޝަރީޢަތް ރައްކާތެރިކުރައްވާނެކަމުގެ ޔަޤީންކަން ޚުޠުބާގައި ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...