ސްރީ ލަންކާގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްވާ ކޮލަމްބޯ އާއި ގަމްޕަހާގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ބަލި ޖެހޭ މީހުންގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ މި ނުރައްކާތެރި ވައިރަސް އެ ގައުމުގައި ފެތުރެމުންދާ މިންވަރު 2023 ވަނަ އަހަރުން ފެށިގެން ހަލުވިކަމާއެކު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒިޝަން ޑރ. ސަތުޔާ ހީރަތު ވިދާޅުވީ އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މި ބަލި ފެންނަ މިންވަރު ގިނަ ކަމަށެވެ.
މި ވައިރަސް ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ރައްކާތެރިނޫން ގޮތްގޮތުގައި ހިންގާ ޖިންސީ ގުޅުންތައް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އެކަކު އަނެކަކުގެ ސިރިންޖާއި އިންޖެކްޓް ކުރަން ބޭނުންކުރާ އެހެނިހެން ސާމާނު ހިއްސާކުރުމަކީ ވެސް ބަލި ފެތުރުން ހަލުވިވަމުންދާ ބޮޑު ސަބަބެކެވެ.
އެޗްއައިވީ އަކީ މުޅިން ފަސޭހަކުރެވޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި ޑރ. ހީރަތު ވިދާޅުވީ، ބަލިޖެހޭ މީހުން އުމުރަށް ބޭސް ބޭނުންކުރަން ޖެހުމުގެ އިތުރުން ގަވާއިދުން މެޑިކަލް ފޮލޯ-އަޕްތައް ހަދަންޖެހޭނެ ކަމަށެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު ލަންކާގައި މި ބަލި ފެތުރިފައިވާ ނިސްބަތް އަދިވެސް ދަށް ނަމަވެސް، އަލަށް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު އަހަރުން އަހަރަށް ދަނީ މަތިވަމުންނެވެ.
މި ހާލަތާ ގުޅިގެން ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން މިހާރު ވަނީ ކޮލަމްބޯ އާއި ގަމްޕަހާ ސަރަހައްދަށް އަމާޒުކޮށްގެން ހާއްސަ މޮބައިލް ކްލިނިކް ޕްރޮގްރާމެއް ފަށާފައެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން، ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހިފަހައްޓައިގެން ހިލޭ ސްކްރީން ކުރުމާއި، ކައުންސިލިން ދިނުމާއި ފަރުވާގެ ހިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.
ސްރީ ލަންކާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އެޗްއައިވީ ފެތުރިފައިވާ ނިސްބަތް އާންމުގޮތެއްގައި އެންމެ ދަށް އެއް ގައުމެވެ. އެގައުމުގައި މީގެ ކުރިން މި ބަލި ފެތުރޭ ނިސްބަތް 0.1 ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓިފައި އޮތް ނަމަވެސް، ފަހަކަށް އައިސް ކޭސްތައް ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެޗްއައިވީ އަކީ އިންސާނާގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ ވައިރަހަކަށްވާއިރު، ފަރުވާ ނުހޯދައި ގިނަ ދުވަސްވުމުން ފުރާނައަށް ނުރައްކާވާ ‘އެއިޑްސް’ ބައްޔަށް ބަދަލުވެއެވެ. މި ބައްޔަށް މުޅިން ފަރުވާކުރެވޭނެ ބޭހެއް އަދި ހޯދިފައި ނުވި ނަމަވެސް، ޒަމާނީ ފަރުވާގެ އެހީގައި ވައިރަސް ކޮންޓްރޯލްކޮށް، އާންމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބަލިމީހުންނަށް ލިބިގެންވެއެވެ.
ލަންކާގެ ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން އަންނަނީ މި ބަލި ދެނެގަތުމަށާއި، ބަލިމީހުންނަށް ބޭނުންވާ ފަރުވާ އާއި ކައުންސިލިންގ ދިނުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...