ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިންމުމަށް މާލިއްޔަތު ކޮމިޓީން ކަނޑައެޅި ސުންގަޑި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިއަދުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް ނިންމި ނަމަވެސް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ހުށަހެޅުއްވުމާ އެކު ކޮމިޓީން ވަނީ އިތުރު ވަގުތު ދިނުމަށް ނިންމާފައެވެ.
މި އިސްލާހަކީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލުމަށްޓަކައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލެކެވެ. ސަރުކާރުން ހުށަހެޅި މި ބަދަލު ފާސްވެ އަމަލުކުރަން ފެށުމުން، ރިސޯޓުތަކުން ދެން ޑޮލަރު މާރުކުރަން ޖެހޭނީ އެ ތަނަކަށް އެ މަހަކު ލިބޭ ޖުމްލަ އާމްދަނީގެ އިންސައްތައަކުންނެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ރިސޯޓުތަކަށް ދެ އިހްތިޔާރެއް އޮންނައިރު، އޭގެ ތެރޭގައި ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހު އާމްދަނީގެ %20 މާރުކުރުން ހިމެނެއެވެ. ނަމަވެސް އާ އިސްލާހާ އެކު ބޮލަކަށް ޖެހޭ އަދަދު މާރުކުރުމުގެ ފުރުސަތު އުވޭނެތީ، ހާއްސަކޮށް މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރަންޖެހޭ ފައިސާގެ އަދަދު އިތުރުވެގެންދާނެއެވެ.
ގެސްޓްހައުސްތަކާއި، ހޮޓާތައް އަދި ސަފާރީތައް ހިމެނޭ ‘ކެޓަގަރީ ބީ’ ގެ ތަންތަނަށް މިހާރުވެސް އޮންނަ އިހްތިޔާރުތަކަށް މި އިސްލާހުގެ ދަށުން އެއްވެސް ބަދަލެއް ނުއަންނާނެއެވެ. އެ ތަންތަނުން އަދިވެސް ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ މަހު އާމްދަނީގެ %20 މާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާ ނޫން އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ ސީލިންގް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށްވެސް ބިލުގައި ވަނީ ހުށަހަޅާފައެވެ. އަދި %100 ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ %7 ކަމަށް ކަނޑައަޅާފައިވާއިރު، ބޭރުގެ ހިއްސާ އޮންނަ ވިޔަފާރިތަކުން %20 މާރުކުރަންޖެހޭނެއެވެ.
މި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ލައިސެންސް އޮންނަ ބޭންކެއްގައިވާ ހާއްސަ އެކައުންޓަކަށް ކަމަށް ހެދުމަށާއި، އެކަން އެމްއެމްއޭއަށް އެންގުންވެސް މަޖުބޫރުކޮށްފައިވެއެވެ. މިއަދު ބޭއްވުމަށް ކުރިން ތައްޔާރުވި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ނުބާއްވަން ނިންމީވެސް ކޮމިޓީން ބިލުގެ މަސައްކަތް ނިންމުމުގެ ސުންގަޑި އާދީއްތަ ދުވަހަށް ފަސްކުރުމާ ގުޅިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...