ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކޮށް ހަތް އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާއިރު، އެ ތަންތަން އާންމުންނަށް ހުޅުވާލެވޭނެ ސީދާ ތާރީޚެއް ސާފުކޮށްދިނުމަށް އެޗްޑީސީގައި އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އެޗްޑީސީއަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ހުޅުމާލޭގެ އަށް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ 10 ސިސްޓަމް ބޭނުންނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ޖުމްލަ 300 އުޅަނދު ޕާކުކުރެވޭނެ ގާބިލުކަން ހުރި މި ސިސްޓަމްތަކުން ދުވާލަކަށް 100 ރުފިޔާގެ މަގުން ކުއްޔެއް ނެގި ނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދައުލަތަށް 83 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނީސްކަން މެމްބަރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ސިސްޓަމްތަކުގެ ބޮޑު ބައެއް އަދިވެސް ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ހުރި ނަމަވެސް، އޭގެ ތެރެއިން އެއް ސިސްޓަމް ރޫޅާލައި އޯޝަން ފްރަންޓް ކުރިމަތީގައިވާ ހުސް ބިމަށް ދޫކޮށްލާފައިވާކަން ފާހަގަކުރައްވައި، ސިސްޓަމްތައް މަރާމާތުކޮށް އަލުން ހުޅުވާލުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، އަލުން ބޭނުންކުރަން ފަށާނެ ތާރީޚެއް ސާފުކުރުމަށް އެޗްޑީސީގައި ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، އެހާ ދިގު މުއްދަތެއް ވަންދެން ސިސްޓަމްތައް ބޭނުންނުކޮށް ބެހެއްޓުމުން ގެއްލިގެންދިޔަ ފުރުސަތުގެ އަގު ނުވަތަ “އޮޕަޗުނިޓީ ކޮސްޓް” އަށް ސީދާ ޒިންމާވާނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ ސާފުކުރުމަށްވެސް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމުކުރަން ފެށި މި ސިސްޓަމްތައް ބޭނުންނުކުރެވި ހުރީ މާލީ ދަތިތަކާ ހުރެ ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކިގެން ކަމަށް 2021 ވަނަ އަހަރު އެޗްޑީސީން ބުނެފައިވާއިރު، 2023 ވަނަ އަހަރު އެތަންތަން ކުއްޔަށް ދޫކުރަން ހުޅުވާލި ނަމަވެސް މިއަދާ ހަމައަށްވެސް އެ ސިސްޓަމްތައް ބޭނުންކުރަން ފެށިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...