ޚަބަރު ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަނީ

ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަނީ

ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން ނިންމީ، އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުންގެ ހުށަހެޅުންތަކަށް ބެލުމަށްފަހުގައެވެ. މި ބަދަލަކީ އެމްއެމްއޭއިން ތިން ހަފްތާއަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާ އިތުރުކުރުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރީ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަކޮށްދީ، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށްޓަކައި 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރުގެ ނިސްބަތެކެވެ. މިއީ ފާއިތުވި އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރެވެ.

އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެމުން، ބީއެމްއެލްއިން ބުނީ ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކުރުން ކަމަށެވެ.

ޓެގް

ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.