ޚަބަރު މުއައްސަސާގެ އިތުބާރު ހިފެހެއްޓުމަށް ނާޒުކު ހާލަތްތަކުގައި މައުލޫމާތު ހާމަކުރަންޖެހޭ: އިހުސާން

މުއައްސަސާގެ އިތުބާރު ހިފެހެއްޓުމަށް ނާޒުކު ހާލަތްތަކުގައި މައުލޫމާތު ހާމަކުރަންޖެހޭ: އިހުސާން

މުއައްސަސާގެ އިތުބާރު ހިފެހެއްޓުމަށް ނާޒުކު ހާލަތްތަކުގައި މައުލޫމާތު ހާމަކުރަންޖެހޭ: އިހުސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ މުއައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ނާޒުކު ބައެއް ހާދިސާތަކުގެ ހަގީގީ މައުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނީ އިޚްތިޔާރާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، މިދިޔަ އޭޕްރީލް މަހުގެ 23 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޑަކުއްޖެއްގެ މައުލޫމާތު ހާމަކުރަންޖެހުނު ސަބަބުތައް ތަފްސީލުކޮށްދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަނާލް ހާދިސާގައި ނިޔާވި ކުއްޖާގެ މައުލޫމާތު ހާމަކުރަން މަޖުބޫރުވީ އެ ކަމުގައި ފުލުހުންނަށް ކުރެވުނު ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދީ، މުޅި މުއައްސަސާގެ އަގު ހިފެހެއްޓުމުގެ މަގްސަދުގައެވެ. ހަގީގީ މައުލޫމާތު ހާމަނުކޮށްފި ނަމަ ކަންކަން ފޮރުވަނީ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވާ އިރު، ފުރިހަމަ މައުލޫމާތު ދިނުމުން ޒާތީ މިނިވަންކަމަށް އަރައިގަންނަނީ ކަމަށް ބުނެ ޝަކުވާ އުފައްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް އަލިއަޅުވާލައްވަމުން އިހުސާން ވިދާޅުވީ، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރެވޭނެ މިންވަރު ބަޔާންކުރާ ސީދާ ގާނޫނުތައް ހުރި ނަމަވެސް، ރާއްޖޭގައި އެފަދަ ގާނޫނެއް އަދި ނެތް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ތެދު މައުލޫމާތު ހާމަކުރުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ވިދާޅުވިއެވެ.

މި ހާދިސާގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް ސިޔާސީ ފަރާތްތަކުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، އެ ހާލަތުގައި ރާއްޖޭގެ ނޫސްވެރިން އަމަލުކުރީ ވަރަށް ޒިންމާދާރުކޮށް ކަން ފާހަގަކުރައްވައި ނޫސްވެރިންގެ މަސައްކަތަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

އިހުސާންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ ކަމެއްގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަނުކުރި ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ހަގީގަތް ހާމަކުރުމަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.


ޓެގް

އަލީ އިޙްސާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.