ޚަބަރު

ހުޅުމާލޭ ފަހި ފްލެޓް ސަރަހައްދަށް ކުނި އަޅާ މީހުން ކެމެރާއިން ހޯދައި ފިޔަވަޅު އަޅަނީ

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފަހި ފްލެޓްތައް ހުންނަ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ސީސީޓީވީ ކެމެރާ ފުޓޭޖުތަކުން ދެނެގަނެ ޖޫރިމަނާކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ކުރިއަށްގެންދިޔަ “މަދިރިން ރައްކާ” ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން ވިދާޅުވީ، ޓަވަރުތަކުގެ ތިރީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އޮންލައިން ސިސްޓަމް ޓެސްޓުކޮށް ނިމުމާއެކު ގަވާއިދާ ހިލާފަށް ކުނި އުކާ މީހުންގެ ފޮޓޯއާއި މައުލޫމާތު ސާފުވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލެ ޕޮލިސާއި އެޗްޑީސީއާ ގުޅިގެން އެފަދަ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެފްޑީސީން އިލްތިމާސްކުރަނީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް ސަރަހައްދުގެ ސާފުތާހިރުކަމަށް ސަމާލުވެ، ކުނި އަޅާ މަންޒަރު ފެނިއްޖެނަމަ ނަސޭހަތްތެރިވުމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ފޮޓޯ ނެގުމަށްފަހު އެފްޑީސީގެ ޕޯޓަލް ނުވަތަ ރިޕޯޓިން ސިސްޓަމް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ސަރަހައްދު އެއްކޮށް ސާފުކޮށް ނިމުމުން، ރައްޔިތުން ބޭނުންވާ ގޮތަށް ގްރީން ސްޕޭސް ތަރައްގީކުރުމާއި ގާ އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެއިތުރުން، އާންމުންނަށް ފަސޭހައިން މައްސަލަތައް ރިޕޯޓުކުރެވޭނެ ގޮތް ހެދުމަށްޓަކައި ޓެނަންޓް ވައިބާ ގްރޫޕްތައް މެދުވެރިކޮށް ކޯލް ސެންޓަރުގެ ހާއްސަ ނަންބަރެއްވެސް ހިއްސާކުރާނެކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.

ފަހި ފްލެޓް ސަރަހައްދަށް އާންމުން އުކާލާފައިވާ ކުނި ނެގުމަށް އެފްޑީސީން މިހާތަނަށް ބޮޑު ހޭދައެއް ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ އަދި މެއި އާއި ޖޫން މަހު އެކަނިވެސް 4.95 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އެއާއެކު ޖުމްލަ 13.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ސަރަހައްދުން 5,040 ޓަނުގެ ކުނި މިހާތަނަށް ވަނީ ނަގާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close