ފަތުރުވެރިކަމަށް އެއްފަހަރާ 15 ސަރަހައްދެއް ބިޑަށް ހުޅުވާލައިފި

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، 6 އަތޮޅަކުން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ މިހާ ގިނަ ބިންތަކެއް ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް ދޫކުރަން ނިންމި ފުރަތަމަ ފަހަރެވެ.
މި ފަހަރު ބިޑަށް ހުޅުވާލި ސަރަހައްދުތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ލ އަދި އައްޑޫ ސިޓީގެ ތަންތަން ހިމެނެއެވެ. މީގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުން 200 ހެކްޓަރުގެ 10 ފަޅެއް ބިން ހިއްކައިގެން މަދުވެގެން 150 އެނދުގެ ރިސޯޓު ހެދުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުތުރުގެ ފަޅުތަކުގެ ތެރޭގައި ހއ. މާދޫނި ފަޅުން 3 ސައިޓަކާއި، ހދ. މާފަރު ފަޅުން 3 ސައިޓެއްގެ އިތުރުން ށ. ގޮނާ ފަޅުން 3 ސައިޓަކާއި ހދ. މަކުނުދޫ ފަޅުން ސައިޓެއް ހިމެނެއެވެ. މި ފަޅުތަކަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
ފަޅުތަކުގެ އިތުރުން ރިސޯޓު ހަދަން ދެ ރަށެއްވެސް ވަނީ ހުޅުވާލާފައެވެ. އެއީ 200 އެނދުގެ ރިސޯޓެއް ހަދަން ނޮވެމްބަރު 23 ގެ ނިޔަލަށް ހުޅުވާލި ށ. ނަލަންދޫއާއި، 150 އެނދުގެ ރިސޯޓެއް ހަދަން ނޮވެމްބަރު 17 އަށް ހުޅުވާލި ނ. ފަރުމުލިއެވެ. މީގެ ތެރެއިން ނ. ފަރުމުލިއަކީ 2.25 މިލިއަން ޑޮލަރުގެ އެކިއުޒިޝަން ކޮސްޓަކާއެކު މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ރަށެވެ.
މި ބިޑިންގ ސައިކަލްގެ އެންމެ ހާއްސަ އެއް ކަމަކީ އިސްލާމީ އުޞޫލުތަކަށް ފެތޭ ‘ހަލާލް ޓޫރިޒަމް’ އަށް ޚާއްޞަކޮށްގެން ތިން ސަރަޙައްދެއް ކަނޑައަޅާފައިވުމެވެ. އެއީ ހދ. މަކުނުދޫ ފަޅުން 200 ހެކްޓަރުގެ ސަރަޙައްދަކާއި، ލ. ފޮނަގަދޫގެ 8.18 ހެކްޓަރުގެ ބިމުގެ އިތުރުން އައްޑޫ ސިޓީގެ ދޮންހެރަ ހިމެނޭ ސަރަޙައްދެވެ.
ހަލާލް ޓޫރިޒަމަށް ޚާއްޞަކުރާ ރިސޯޓުތަކުގައި ރާ އަދި އޫރުމަސް ވިއްކުން މަނާވާނެއެވެ. މީގެއިތުރުން ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ލިބެން ހުރުމާއެކު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ސްޕާގެ ޚިދުމަތް ދިނުމާއި، މުވައްޒަފުންނާއި ފަތުރުވެރިންނަށް ވަކި މިސްކިތްތައް ބަހައްޓަންޖެހޭނެއެވެ.
މިފަދަ މަޝްރޫޢުތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓް ޑިއުޓީން 20 އިންސައްތައިގެ ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މި ހުރިހާ ސަރަހައްދެއްވެސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.



