ހިތްހަރުކަމާއި ބޮޑާކަމަކީ ނަރަކައަށް މަގުދައްކާ ނުބައި ސިފަތަކެއް: ހުކުރު ޚުތުބާ

އަޅުކަންތައް ކުރުމުގެ އިތުރުން ދޭދޭ ފަރުދުންނާއި މުޖުތަމައުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަހުލާގު އިސްކުރުމަށް އިސްލާމްދީން އިންތިހާއަށް ބާރުއަޅާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ކިބުރުވެރިކަމެއް ނެތި އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފައެއް ކަމަށާއި، ބޮޑާވުމާއި ހިތްހަރުކަމުގެ އިތުރުން ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ނަމަވެސް، މަޑުމައިތިރިކަން ފަދަ އަހުލާގީ ރިވެތި ސިފަތަކަކީ އިސްލާމްދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިޒަމާނުގައި މަދުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ހެޔޮމަގު ދެއްކެވި މީހަކު މެނުވީ، އެކަންކަމާ މެދު އަޅާނުލައި، ހަމައެކަނި ނަމާދާއި ރޯދައާއި ހައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީކަމަށް ގަބޫލުކުރާ މީހުން ގިނަކަން ސަމާލުކަމަށް ގެނެސްފައިވެއެވެ.
އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވެ، ސުންނަތް އަޅުކަންތަކާއި ސަދަގާތްކުރުން ފަދަ ހެޔޮ އަމަލުތައް ކުރާ މީހުން މަދު ނޫންކަން ޚުތުބާގައި ބަޔާންކުރެއްވިއެވެ. އެހެންނަމަވެސް، އެފަދަ ހެޔޮލަފާ މީހުންގެ ތެރޭގައިވެސް މީހުންނާ މުއާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އަނެކުންގެ ކުށްތަކަށް މައާފުނުކުރުމުގެ ނުބައި ސިފަތައް ހުންނަކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ދެބަސްވުންތަކުގައި ޝަރުއީ މިންގަނޑުތަކުން ބޭރުވުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި ނިކަމެތީންނަށް ރިއާޔަތްނުކުރުން ފަދަ ކަންކަން މުޖުތަމައުން ފެންނަަމުންދާކަން ބަޔާންކުރެއްވިއެވެ.
ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަހުލުވެރިންނާއި، އަސްހާބުންނާއި، އަވަށްޓެރިންގެ އިތުރުން ދުޝްމަނުންނާ މުއާމަލާތު ކުރެއްވުމުގައިވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެންމެންވެސް ނަމޫނާއަކަށް ނަގަންވީ އެކަލޭގެފާނުގެ މާތް އަހުލާގުފުޅު ކަމަށާއި، އޯގާތެރިކޮށް މުއާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފައެއް ކަމަށް ވިދާޅުވިއެވެ.
ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށްޓަކައި ބަދަލުހިފާ މީހެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މައާފުކުރުން އިސްކޮށް މާތްﷲގެ ދަރުމައަށް އެދޭ މީހާ ކަމަށް ޚުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ. ގުރުއާނަށް ފުންކޮށް ވިސްނައިފިނަމަ މުއާމަލާތްތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެތީ، އަހަރެމެންގެ ދޭދޭ މުއާމަލާތްތައް އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ބައްޓަންކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.
